ޓެކްނޯލޮޖީ

"8 ބޯލް ޕޫލް" ފަދަ ގޭމްތައް މިހާރު ސީދާ މެސެންޖާއިން!

ދުނިޔޭގެ އެންމެ ބޮޑު އެއް ސޯޝަލް ނެޓްވާކިން ޕްލެޓްފޯމަށް ވެގެން ގޮސަަފައިމިވަނީ ފޭސްބުކެވެ. ފޭސްބުކް ވުޖޫދަށް އައިސް މިއަދާ ހަމައަށް އައިއިރު މިވަނީ ވަރަށް ގިނަ ކުރިއެރުންތަށް ވެސް ހޯދާފައެވެ.

އެގޮތުން ފޭސްބުކްއިން އެންމެ ފުޅާކޮށް ދެމުންދާ ހިދުމަތަކަށް ވެގެން ގޮސްފައި މިވަނީ ފޭސްބުކް ގެ ޗެޓް ޕްލެޓްފޯމް ކަމުގައިވާ މެސެންޖާ އެވެ. މި ޕްލެޓްފޯމަށް މިފަހަރު ފޭސްބުކްއިން މިވަނީ މުޅިން އާ ފީޗާއެއް ގެނެސްފައެވެ.

ފޭސްބުކް މެސެންޖާއިން މިހާރު ގޭމް ކުޅެވޭ ގޮތް ވަނީ ހަދާފައެވެ. އެގޮތުން މި ޗެޓް ޕްލެޓްފޯމްގެ ތެރެއިން ބޭރަށް ނުގޮސް މިހާރު ގޭމް ކުޅެލެވޭނެ ފުރުސަތު ތަނަވަސް ވީއެވެ. ފޭސްބުކްއިން ވަނީ މި ފީޗާ މިދިއަ އަހަރުގެ ފަހުކޮޅުއްސުރެ ޓެސްޓް ކުރަމުންނެވެ. އޭރު މި ފީޗާ ބޭނުން ކުރެވުނީ ހަމައެކަނި ކްލޯސްޑް ބީޓާ އެއްގެ ގޮތުގައި ދެތިން ގޭމެކެވެ. ނަމަވެސް ކާމިޔާބު ޓެސްޓް ބުރުތަކަށް ފަހު މިހާރު މިފާޗާ މެސެންޖާ ބޭނުންކުރާ ހުރިހާ ފަރާތްތަކަށް މެސެންޖާގެ އާ އަޕްޑޭޓާއި އެކު ބޭނުން ކުރެވޭނެ އެވެ.

މިފީޗާ މުޅި ދުނިޔެއަށް ލޯންޗްކޮށްފައިމިވަނީ 50 އަށް ވުރެ ގިނަ ގޭމާއި އެކުގަ އެވެ. އޭގެ ތެރޭގައި ދިވެހިންގެ ތެރޭގައި އެންމެ މަގްބޫލު ޕޫލް (ބިލިޔާޑް) ގޭމް ކަމުގައިވާ މިނިކްލިޕް 8 ބޯލް ޕޫލް ފާހަގަ ކޮށްލެވެއެވެ. އޭގެ އިތުރުންން ވެސް ފޭސްބުކްއިން ކުޅެވުނު މަގްބޫލް ގިނަ ގޭމްތަކެއް މެސެންޖާއިން ކުޅެވޭނެކަމަށް ފޭސްބުކްއިން ބުނެއެވެ. މި ފީޗާއަކީ އެންޑްރޮއިޑް އަދި އެޕަލްއަށް ވެސް ސަޕޯޓްކުރާނެ ފީޗައެކެވެ.

މެސެންޖާއިން މި ފީޗާގައި އެންމެ ބޮޑަށް ވިސްނާފައިވަނީ ޓާން ބޭސްޑް ގޭމްތަކަށެވެ. އެއީ މަލްޓިޕްލެޔާ ނުވަތަ ދެމީހަކަށް އެއްފަހަރާ ރައުންޑް ގޮަތުގައި ކުޅެވޭ ގޭމްތަކަށެވެ. މި ގޮތަށް ވެސް ގޭމް ކުޅެވޭނީ ގޭމް ކުޅޭ ދެފަރާތުން ވެސް މެސެންޖާ އެންމެ ފަހުގެ އަޕްޑޭޓަށް އަޕްޑޭޓް ކޮށްގެންނެވެ.

ފޭސްބުކްއިން ވަނީ ވޭތުވެދިޔަ ދެއަހަރު ތެރޭ މެސެންޖާއަށް ހާއްސަ އިސް ކަމެެއް ދީގެން ގިނަ އަޕްޑޭޓްތަކެއް ގެނެސްފައެވެ. ހަމައެއާއެކު މިއަހަރު ތެރޭގައި ވެސް ދަނީ ތަފާތު ފީޗާތަކެއް ގެނެއުމަށް މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ 1.2 ބިލިއަން މީހުން ދަނީ މެސެންޖާ ބޭނުން ކުރަމުންނެވެ.