ކާނާ

ބިސް ކައްކަން ދަސްކުރޭ!

Apr 3, 2015
4

ފެނުގައި ބިސް ކެއްކުމުން އެ ހުރީ ބިސް ކެއްކިފައި ކަމަށް ބުނެ މާ މޮޅުވާން އުޅޭނެ ކަމެއް ނެތެވެ. އަހަރެމެން އާންމުކޮށް ކާން މި ބޭނުންކުރާ ކުކުޅު ބިސް ކެއްކުމަކީ ވެސް ހުނަރެކެވެ. އެކި ފަހަރު އެކި ވަރަށް ބިސް ކެކިފައި އޮންނަނީ އެ ހުނަރުތައް ނޭނގޭތީ އެވެ.

ބިސް ކައްކާއިރު އެންމެ ގިނައިން ހެދޭ ގޯހަކީ ފްރިޖުން ނަގާ ގޮތަށް ހޫނު ފެނަށް ވައްޓާލުމެވެ. އާދައިގެ ނުވަތަ ރޫމް ޓެމްޕަރޭޗާގައި ބިސް ނެތް ނަމަ ބޭނުންވާ ފެންވަރުގައި ބިސް ކެއްކުމަށް ހޭދަކުރަންޖެހޭ ވަގުތު ކަނޑައަޅާކަށް ނޭނގޭނެ އެވެ. ބިސް ކައްކައި ނިމޭއިރު ބައެއް ފަހަރު ރެނދު ލައި، ބިހުގެ ބައިތައް ބޭރަށް ނިކުމެފައި ހުންނަ މައްސަލަ ވެސް އާންމުކޮށް ދިމާވަނީ މާ ފިނިކޮށް އޮއްވައި ހޫނު ފެނަށް ބިސް ލާތީ އެވެ.

ބިސް ކައްކާފައި އޮންނައިރު މަޑުކޮށް އޮންނަ ގޮތަށް ނުވަތަ ސޮފްޓް-ބޮއިލްޑް އެގެއް ބޭނުން ނަމަ، ކެކިކެކި ހުރި ފެނުނުގެ ތެރެއަށް މަޑުމަޑުން ބިސް ލާނީ، ސަމުސަލެއް ފަދަ އެއްޗެއް ބޭނުންކޮށްގެންނެވެ. އިނގިލި ކުރިން ހިފައި، ފެންގަނޑު ތެރެއަށް ބިސް ވައްޓާލާނީއެެއް ނޫނެވެ. މެދު ސައިޒުގެ ބިހެއް ނަމަ ތިން މިނެޓާ ބައި ވަންދެއް ކައްކާށެވެ. ބޮޑު ބިހެއް ނަމަ ހަތަރު މިނެޓް ވަންދެން ކައްކާށެވެ. މިވަރަށް ކައްކާފައި ނަގާއިރު ބިހުގެ ގޮބޮޅި އޮންނާނީ އެއްކޮށް ހަރުނުވެ ދިޔާކޮށެވެ. ހުދުބައި އޮންނާނީ އެކުވެފައި، އެކަމަކު ވަރަށް މަޑުކޮށެވެ. ގިނަ މީހުންނަށް ބިސް މީރީ މިހާ ވަރަށް ހުރުމުންނެވެ. އެކަމަކު ގޮބޮޅި ދިޔާކޮށް ބޭނުން ނުވާ ނަމަ އިތުުރު އެއް މިނެޓް ކައްކާނީ އެވެ.

ހަރު، ހާޑް-ބޮއިލްޑް ބިހެއް ބޭނުން ނަމަ ފިނި ފެން އެއްޗެއްގެ ތެރޭގައި ބިސް ބާއްވާލުމަށް ފަހު، ކެކިކެކި ހުރި ފެނުގެ ތެރެއަށް ބިސް ލައި، 7-10 މިނެޓް ވަންދެން ކައްކާނީ އެވެ. މިހާ ވަރު ވެސް ބިސް ވަރަށް ހަރުވާނެ އެވެ. އިތުރަށް ހަރުުކުރަން ބޭނުމިއްޔާ ކެއްކުމުގެ ވަގުތު ދިގުކޮށްލާނީ އެވެ. މިގޮތަށް ބޮޑަށް ކައްކާ ބިސް ކައްކައި ނިމުމަށް ފަހު އަނެއްކާވެސް ފިނި ފެނުގެ ތެރޭ މިނެޓެއްހާއިރު ބާއްވާލާށެވެ. އަދި ފެންތައް އުކާލުމަށް ފަހު އަނެއްކާވެސް ފިނި ފެން އަޅާށެވެ. މިއީ ބިހުގައި ހުރި ހޫނުކަމުގެ ސަބަބުން ބިސް އިތުރަށް ހަރުވިޔަ ނުދޭން ކުރާ ކަމެކެވެ.

ބިސް ކައްކާ ނިމުމަށް ފަހު ނޮޅުމަކީ ވެސް ބައެއް ފަހަރު ނިކަން އުނދަގޫ ކަމެކެވެ. މިކަމަށް އޮތް އެއް ހައްލަކީ ބިސް ހިހޫކޮށްލަން ބާއްވާ ވަގުތު، ސަމުސަލެއްގެ ނުފުށުން ޖަހައި ތޮށިގަނޑު ފަޅާލާފައި ބޭއްވުމެވެ. އޭރުން ހިހޫ ވުމުން ވަރަށް ފަސޭހައިން ބިސް ނޮޅާލެވޭނެ އެވެ. -- ބީބީސީ