ހަބަރު

ތިން ލައްކަ ޑޮލަރަށް ވުރެ ބޮޑު އަގެއްގައި މަހައްދޫ ވިއްކާލަން އިއުލާންކޮށްފި

May 4, 2017
2

ގައުމީ ބޭންކް، ބީއެމްއެލް އިން ނަގާފައިވާ ލޯނެއް ނުދައްކައިގެން 2013 ވަނަ އަހަރުގެ ތެރޭފައި އެ ބޭންކަށް ނެގި، ރިސޯޓް ތަރައްގީ ކުރަމުން ގެންދާ ރަށެއް ކަމަށްވާ، ގއ. މަހައްދޫ 300،000 ޑޮލަރަށް ވުރެ ބޮޑު އަގެއް ހުށަހަޅަ ފަރާތަކަށް ވިއްކާލަށް އަނެއްކާ ވެސް އިއުލާން ކޮށްފި އެވެ.

އެ ރަށް ވިއްކުމަށް ބީއެމްއެލް އިން ހަވާލުކޮށްފައިވާ ކުންފުނި، ސިންގަޕޫރުގެ ޖޭއެލްއެލް ހޮޓަލްސް އެންޑް ހޮސްޕިޓާލިޓީ ގްރޫޕް އިން މިދިޔަ އަންގާރަ ދުވަހު އާންމު ކުރި ބަޔާނެއްގައި ބުނީ 87 ކޮޓަރީގެ ރިސޯޓެއް ތަރައްގީ ކުރަން ފަށާފައިވާ މަހައްދޫ ގަންނަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 18ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީ އިން ބީއެމްއެލްއަށް 50 އަހަރަށް ރަޖިސްޓްރީކޮށްދީފައިވާ އެ ރަށް ވިއްކަން ނިންމާފައި ވަނީ 300،000 ޑޮލަރަށް (4.6 މިލިއަން ރުފިޔާއަށް) ވުރެ މަތީގެ އަގެއް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި އެ ތަން ގަންނަ ފަރާތަކަށް އެ ރަށަށް ދައްކަން ޖެހޭ އަގު ބަހާލައިގެން ދެއްކޭނެ ލުއި ގޮތްތަކެއް ބީއެމްއެލް އިން ހަމަޖައްސާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މަހައްދޫ އަކީ ޑިއާރްޕީގެ ކުރީގެ ލީޑަރު އަދި މިހާރު އެމްޑީޕީގެ މެންބަރު އަހުމަދު ތަސްމީން އަލީގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ބީއެމްއެލް އިން ނަގާފައިވާ 206 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކައިގެން ނެގި ރަށެކެވެ. އެ ރަށާ އެކު ފުނައްޑޫގައި ހިންގަމުން އައި މަސްފެކްޓްރީ އާއި ރީތި ބީޗު ރިސޯޓް ވެސް ބޭންކަށް ނަގައި ވިއްކާލަށް އިއުލާން ކުރި އެވެ. މީގެ ކުރިން ބޭންކް އިން ވަނީ ރީތި ބީޗް ރިސޯޓް ވެސް ވިއްކައިފަ އެވެ.

މަހައްދޫ ވިއްކުމާ ގުޅޭ ގޮތުން ޖޭއެލްއެލް ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ބަޔާނުގައި ވިދާޅުވެފައި ވަނީ މިއީ ރާއްޖެ ފަދަ މަގުބޫލް ޓޫރިސްޓް މަންޒިލެއްގައި ރިސޯޓެއް ތަރައްގީ ކުރުމަށް އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި މިފަހުން ވެސް ރާއްޖޭގެ ގިނަ ރަށްތަކަކަށް ޔޫރަޕާއި މެދުއިރުމަތީގެ އިންވެސްޓަރުން އިންވެސްޓްކޮށް ރަނގަޅު ނަފާ ހޯދަމުން އަންނަ ކަމަށް ވެސް ބަޔާނުގައިވެ އެވެ.