މިއީ ދިރާސާއެއް ބޭނުންވާ ކަމެއް ވެސް ނޫނެވެ. އިސްލާމް ދީން، ހުރިހާ ހުރަސްތަކަކާ އެކު ވެސް ކުރިއަރައި ދާނެކަންއޮތީ މާތްﷲ އަންގަވައިފަ އެވެ. އެކަމަކު މިއީ ދީން އެއްފަރާތްކޮށް ސައިންސާއި ދިރާސާތަކަށް މުޅި ދިރިއުޅުން ބައްޓަންކުރަން އުޅޭ މީހުންނަށް ރަނގަޅު މެސެޖެކެވެ. ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދާނީ އިސްލާމް ދީން ކަމަށާއި އެއްވެސް ދީނެއް ގަބޫލު ނުކުރާ، އޭތީސްޓުން އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި މިހާރު އިތުރުވަމުން ދިޔަ ކަމުގައި ވިޔަސް އެއީ ނިސްބަތުން ވަރަށް މަދު ބަޔަކަށް ވެގެން ދާނެ ކަމަށް އާ ދިރާސާއަކުން މި ވަނީ ހާމަވެފަ އެވެ.
ކަލަކު ވޮޑިގެންވާކަން ގަބޫލު ނުކުރާ މީހުންނާއި ކަލާނގެއާ ބެހޭ އެއްވެސް ކަމެއް އެއްވެސް މީީހަކަށް ނޭނގޭނެ ކަމަށް ގަބޫލުކުރާ، އެއްވެސް ދީނަކަށް ތަބާނުވާ މީހުންގެ ނިސްބަތް 2050 ވަނަ އަަހަރު އަންނައިރު ދުނިޔޭގެ ނިސްބަތުން ވާނީ ވަރަށް މަދު އަދަދަކަށް ކަމަށް ޕިއު ރީސާޗް ސެންޓަރުުގެ ހޯދުމުގެ ވަނީ އެނގިފަ އެވެ.
އިއްޔެ ހާމަކުރި ދިރާސާ އިން އެނގުނު ގޮތުގައި 2050 ވަނަ އަހަރު އަންނައިރު، މުސްލިމުންނާއި ކްރިސްޓިއަނުންގެ އަދަދު އުޅޭނީ ވަރަށް ހަމަހަމަކޮށެވެ. އަދި ގިނަ މީހުން އެ މީހުން ތަބާވާ ދީންތަކާ ދުރުހެލިވަމުންދާ ކަމަށް ފާހަގަވެފައި ވިޔަސް، މިހާރުވެސް އެންމެ ގިނަ ބަޔަކު ތަބާވާ އިސްލާމް ދީނާއި ކްރިސްޓިއަން ދީން ފެތުރުން ހަލުވިވެ އެއްވެސް ދީނަކަށް ނޫޅޭ މީހުން އިތުރުވުން އާދަޔާ ހިލާފަށް ދަށްވެގެން ދާނެ ކަމަށް ވެސް ދިރާސާ އިން ވަނީ ދައްކައިފަ އެވެ.
މިހާރު 6.9 ބިލިއަންގައި ހުރި ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރުގެ ނިޔަލަށް 9.3 ބިލިއަނަށް އަރާނެ ކަމަށް ބެލެވޭއިރު މި އާބާދީއާ އެކު އެންމެ ހަލުވިކަމާ އެކު ފެތުރޭނީ އިސްލާމް ދީން ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. އެގޮތުން ދުނިޔޭގެ އާބާދީ އިތުރުވާ ރޭޓަށް ވުރެ ބާރަށް މުސްލިމުން އިތުރުވާ ރޭޓް ހުންނާނެ ކަމަށް ދައްކަ އެވެ. އެހެން އެއްވެސް ދީނެއް މިހާ ހަލުވިކޮށް ފެތުރޭނެ ކަމަކަށް ނުބެލެވެ އެވެ.
މުސްލިމުންނާއި ކްރިސްޓިއަނުންގެ އާބާދީ ވަރަށް ހަމަހަމަ ގޮތަކަށް އޮންނާނެ ކަމަށް ބެލެވޭއިރު މި ދެ ދީން ކުރިއަށް އޮތް ތަނުގައި އެންމެ ބާރަށް ފެތުރޭނީ ސަބް ސަހާރަން އެފްރިކާ ސަރަހައްދުގައި ކަމަށް ވެސް ދިރާސާ އިން ދައްކަ އެވެ.