ދުނިޔެ

ފަލަސްތީން - އިޒްރޭލް ސުލްހައިގެ މެދުވެރިއަކަށް ވެދޭނަން: ޓްރަމްޕް

May 4, 2017

ފަލަސްތީނު މީހުންނާއި އިޒްރޭލާއި ދެމެދު ސުލްހަ ގާއިމް ކުރުމުގައި ކަންތައްތައް އިންތިޒާމްކޮށްދީ ފައިސަލާ ކުރާ މެދުވެރިއެއްގެ ދައުރު އަދާ ކޮށްދެއްވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައުދުވެވަޑައިގެންފި އެވެ.

ޕެލަސްޓީނިއަން އޮތޯރިޓީގެ ރައީސް މަޙުމޫދު ޢައްބާސް އާ ބައްދަލުކުރެއްވުމަށް ފަހު އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ފަލަސްތީން މީހުންނާ އިޒްރޭލާ ދެމެދު ސުލްހަ ގާއިމް ކުރުމުގެ މަސައްކަތް އޭނާ ނިންމަވާނެ ކަމަށެވެ.

ފަލަސްތީނު މީހުންނާ އިޒްރޭލާ ދެމެދު ސުލްހަ ވުމަށްޓަކައި ސޮއިކުރި ފުރަތަމަ އެއްބަސްވުމުގައި މީގެ 24 އަހަރު ކުރިން ސޮއި ކުރެއްވީ އައްބާސް ކަަން ފާހަގަ ކުރައްވައި ޓްރަމް ވިދާަޅުވީ ދެބައި މީހުންނަށް ވެސް ރައްކާތެރިކަމާއި ކުރިއެރުން ލިބޭ ގޮތަށް ސުލްހައިގެ އެންމެ ފަހު އެއްބަސްވުމުގައި ސޮއިކުރައްވާ ބޭފުޅަކަށް އައްބާސް ވެވަޑައިގެންނެވުމަށް އޭނާ އެހީތެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

"އެއްބަސްވުމަކާ ހަމައަށް ދިއުމަށް އިޒްރޭލަށާއި ފަލަސްތީނު މީހުންނަށް އެހީތެރިވާން އަހަރެން މިހިރީ ތައްޔާރަށް، އެއްބަސްވުމަކާ ހަމައަކަށް ނުގެންގޮސްދެވޭނެ އެމެރިކާއަށް ވެސް އަދި އެހެން ގައުމަކަށް ވެސް. އެކަމަކު އިޒްރޭލާއި ފަލަސްތީނު މީހުން މަަސައްކަތް ކުރަން ޖެހޭނެ ދެބައިމީހުންނަށް ވެސް ދިރިއުޅެ، އަޅުކަން ކޮށް، ސުލްހަވެރިކަމާއެކު ކުރިއަށް ދާން މަގުފަހިކުރާ އެއްބަސްވުމަކާ ހަަމައަށް ދާން. އަހަރެން މިހިރީ ތައްޔާރަށް އެއްބަސްވުމަކާ ހަމައަށް ދާން މަގުފަހިކޮށްދޭ މެދުވެރިއެއްގެ ގޮތުން، އަދި އެމީހުން އެދޭ ކަމެއްގައި ފައިސަލާކޮށްދޭ މީހެއްގެ ގޮތުން ކޮންމެ ކަމެއް ވެސް ކުރަން،" އައްބާސް އަރިހުގައި ވައިޓްހައުސްގެ ރޫޒްވެލްޓް ރޫމްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕަށް ޝުކުރު އަދާކުރައްވައި ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވީ ޓްރަމްޕާއެކު މަސައްކަތް ކުރައްވައިގެން ސުލްހަ ހޯއްދެވޭނެ ކަަމުގެ އުއްމީދު އެބަ އޮތް ކަަމަށެވެ. ފަލަސްތީނުގެ ދައުލަތެއް އޮންނަ ގޮތަށް އަދި އެދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް އޮންނަ ގޮތަށް ސުލްހަ ގާއިމްކުރަން އުއްމީދު ކުރައްވާކަން ވެސް ޓްރަމްޕް އަރިހުގައި ވާހަކަފުޅު ދައްކަވަމުން އައްބާސް ފާހަގަ ކުރެއްވި އެވެ.

ފަލަަސްތީނު މީހުންނާ އިޒްރޭލާ ދެމެދު ސުލްހަ ގާއިމްކުރުމާ ބެހޭ ގޮތުން އުއްމީދީ ވާހަކަފުޅުތަކެއް ދެއްކެވި ނަމަވެސް ސުލްހައަށް އެޅިފައިވާ އެންމެ ބޮޑު ހުރަސް ކަމަށްވާ ހިފާފައިވާ ބިންތަކުގައި އާބާދީތައް ހެދުމުގެ މައްސަލައަށް އޭނާ ރިއާޔަތެއް ނުކުރައްވަ އެވެ. ނަމަވެސް އެކަން ހުއްޓައިލެއްވުމަށް އޭނާ ކުރިން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ދަންނަވާފަ އެވެ. - ސީއެންއެން