ދުނިޔެ

އަށް ކުދިން މެރި އަންހެނަކު ކުށްވެރިއެއްނުވި

May 4, 2017

އޮސްޓްރޭލިއާގައި 2014 ވަނަ އަހަރު އަށް ކުދިން މަރައިލި އަންހެނަކާ ދެކޮޅަށް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް އެ ގައުމުގެ ކޯޓަކުން ނިންމައިފި އެވެ.

ރައިނާ ތައިޑޭ ނަމަކަށް ކިޔާ އުމުރުން 40 އަހަރުގެ އަންހެންމީހާ އޭނާގެ އަމިއްލަ ގޭގައި ހަތަރު ފިރިހެން ދަރިންނާއި ތިން އަންހެން ދަރިންނާއި އޭނާއަށް ބޮޑުދައިތަ ކިޔާ ކުއްޖަކު މަރައިލި މައްސަލައިގައި އޭނާ އާ ދެކޮޅަށް ކުރިން އޮތީ ޖިނާއީ ދައުވާ އުފުލާފަ އެވެ. ނަމަވެސް އޭނާގެ މައްޗަށް ޝަރީއަތް ނުކުރެވޭނެ ކަމަށް ކްއީންސްލޭންޑްގެ މެންޓަލް ހެލްތު ކޯޓުން ނިންމީ ކުދިންތައް މަރައިލި އިރު އޭނާގެ ބުއްދި ސަލާމަތުން ނެތް ކަމަށް ސާބިތުވާ ކަމަށް ބުނެ އެވެ. ރައިނާ ތައިޑޭ ވަޅިން ދިން ހަމަލާތަކުގައި މަރުވީ އުމުރުން އެންމެ ދެ އަހަރުން ފެށިގެން 14 އަހަރާ ދެމެދުގެ އުމުރުގެ ކުދިންނެވެ.

ބީބީސީ ބުނީ ރައިނާއާ ދެކޮޅަށް ދައުވާ ނުކުރަން ކޯޓުން ނިންމާފައި ވަނީ މިދިޔަ އޭޕްރިލްމަހު ކަމަށާއި އެހެން ނަމަވެސް ނިންމުން އާންމުކުރީ މިއަދު ކަމަށެވެ. ރައިނާ ތައިޑޭ މިހާރު ބަންދުކޮށްފައި ހުރީ އޮސްޓްރޭލިއާގެ ބްރިސްބޭންގައިވާ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ މަރުކަޒެއްގަ އެވެ. އޭނާ މުޖުތަމައުގެ ތެރޭަގައި ދިރިއުޅެން ދޫކޮށްލާނެކަން ނުވަތަ ނޫން ކަމެއް އޮސްޓްރޭލިއާގެ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.

ކުޑަކުދިންތައް އެ ގެއެއްގެ ތެރޭގައި މަރައިލި ގެ މިހާރު ވަނީ ތަޅާލާފަ އެވެ. މަރާލި ކުދިން ކަމަށްވާ މަލީލީ، އެންޖެލީނާ، ސަންޓާއީ، ރޭޑެން، އަޒާރިއާ، ޑާނިއަލް، ރޮޑްނޭ އަދި ޕެޓްރެނެއްލާގެ ހަނދާނުގައި އެ ގެ ހުރިތަނުގައި މިހާރު ވަނީ ޕާކެއް ހަދާފައެވެ.

ކްއީންސްލޭންޑް މެންޓަލް ހެލްތު ކޯޓުން ބުނެފައި ވަނީ ކުދިންތައް މަރައިލުމުގެ މަހެއްހާ ދުވަސްކުރިން ވެސް ނަފްސާނީ ބައްޔެއް ކަމަށްވާ ޝިޒޮފްރޭނިއާ އަށް ރައިނާ ތައިޑޭ ބޭސްކުރަމުން އައި ކަމަށެވެ. އެކަމަށް ގިނަ ސައިކޭޓްރިސްޓުންތަކެއް ހެކިވެފައިވާ ކަމަށް ވެސް ބުނެފައި ވެއެވެެ.

މަރާލާފައިވާ ކުދިންތައް ފެނުނީ ރައިނާގެ ދޮށީ ދަރިއެއް ކަމަށްވާ ލެވިސް ވާރިއާއަށެވެ. ކުދިން މަރައިލުމަށް ފަހު ރައިނާ ހުރީ އޭނާގެ އަމިއްލަ ގައިގެ 35 ތަަނަކަށް ވެސް ވަޅި ހަރައި ޒަހަމްކޮށްލައިގެންނެވެ.