ކުޅިވަރު

ގެނައި ބަދަލަށް މާޒިޔާއިން ޖަވާބު ދީފި

May 4, 2017
2

މިދިޔަ އަހަރު، އޭއެފްސީ ކަޕްގައި ފުރަތަމަ މެޗަށް މޯހަންބަގާންއާ ދެކޮޅަށް އިންޑިއާގެ ގުވަހަޓީ އަށް މާޒިޔާ ދިޔައީ، ސީޒަންގައި އެ ޓީމުގެ ފުރަތަމަ މެޗަށެވެ. އޭރު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށެ އެވެ. ގުވަހަޓީގެ އިންދިރާން ގާންދީ އެތުލެޓިކްސް ސްޓޭޑިއަމްގައި ކުޅުނު މެޗުން 5-2 ން މާޒިޔާ ބަލިވުމުން، އެ ޓީމަށް ވަރަށް ބޮޑަށް ފާޑު ކިޔުންތައް އަމާޒުވި އެވެ. އަދި މިދިޔަ އަހަރު ގައުމީ ފުޓްބޯޅަ ދަނޑުގައި، މާޒިޔާ މޮޅުވާން ދަނިކޮށް، އެންމެ ފަހު ވަގުތު މޯހަންބަގާން އެއްވަރު ކުރުމުން، ވެސް މާޒިޔާއަށް ފާޑު ކިޔުން އަމާޒުވި އެވެ.

މިފަހަރު، ތަފާތެވެ. އެފްއޭއެމް ވަނީ މި އަހަރު ސީޒަން ކުރިން ފަށާފަ އެވެ. ފެބްރުއަރީ މަހު ފެށި ސީޒަނާއެކު، މާޒިޔާއިން އޭއެފްސީ ކަޕަށް ދިޔައީ މެޗުތައް ކުޅުމަށް ފަހު އެވެ. ސީޒަން އަވަހަށް ފެށުމުގެ މުހިންމު ކަމުގެ ސުވާލަށް މާޒިޔާއިން ޖަވާބު ދީފި އެވެ. މޯހަންބަގާންއާ ދެކޮޅަށް ކުޅުނު ދެ ލެގް މެޗުންވެސް މާޒިޔާ މޮޅުވީ އެވެ. އިއްޔެ މާޒިޔާއިން 5-2 ން މޯހަން ބަގާން ބަލި ކުރުމަށްފަހު ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ބުނީ މާޒިޔާއިން ރަނގަޅަށް ތައްޔާރު ވެވި މާޒިޔާއަށް ޖަވާބު ދެވިއްޖެ ކަަމަށެވެ.

"މިދިޔަ އަހަރު ގުވަހަޓީގައި އަޅުގަނޑުމެން މޯހަންބަގާން އަތުން 5-2 ބަލި ވީމަ ވަރަށް ބޮޑަށް މަލާމަތް ކުރިމަތިވި، މިފަހަރު އަޅުގަނޑުމެން ޓީމަށް އައިސްފައި އޮތް ކުރި އެރުން މި ފެނިގެން ދަނީ، 5-2 މޮޅުވުން މިއީ މާޒިޔާ އަދި ދިވެހި ފުޓްބޯޅަ އަށް ފަހްރުވެރިވާން ޖެހޭ ނަތީޖާ އެއް،" އަސައްކޮ ބުންޏެވެ.

މެޗުން މޮޅުވުމަކީ، ފާޑު ކިޔުންތެރިންނަށް ދިން ރައްދެއްތޯ، ސުވާލު ކުރުމުން، އަސައްކޮ ބުނީ އެއީ ރައްދެއް ނޫން ކަމަށާއި އެއީ މިދިޔަ އަހަރަށް ވުރެ ރަނގަޅަށް ތައްޔާރު ވެވިފައިވުން އަންގައިދިން ކަމެއް ކަމަށެވެ.

"ސީޒަން އަވަހަށް ފަށައި މެޗުތަކެއް ކުޅެ މިފަހަރު މުބާރަތަށް ރަނގަޅަށް ތައްޔާރު ވެވުނުކަން މީގެ އެނގިގެން ދަނީ." އަސައްކޮ ބުންޏެވެ.

އޭނާ ބުނީ، މާޒިޔާ ކަހަލަ ޒުވާން ކުލަބަކުން، މިކަހަލަ ކާމިޔާބެއް ހޯދުނީ ގިނަ ބައެއްގެ ވަރަށް ބޮޑު ގުރުބާނީ ތަކެއް ވެގެންނެވެ. އެކަމުގައި ޓީމުގެ ކުޅުންތެރިންގެ އިތުރުން މެނޭޖެމެންޓްގެ ދައުރު އޭނާ ފާހަގަ ކުރި އެވެ.

އިއްޔެ ބަނގުލަދޭޝްގެ އަބްހާނީ އަތުން، އެންމެ ފަހުގެ ރަނަރަފު ބެންގަލޫރު އެފްސީ ބަލި ވުމުން، ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު މާޒިޔާއަށް ވެސް މިހާރު އެބައޮތެވެ. މާޒިޔާގެ ކޯޗް މަރުޔަން ސެކްލޮސްކީ ބުނީ ދެ ވަނަ ބުރަށް ދެވޭނެ ކަމުގެ އުންމީދު އޭނާއަށް އެބައޮތް ކަމަށެވެ.