ވިޔަފާރި

ބީއެމްއެލް އިންޓަނެޓު ބޭންކިންއަށް އާ ހިދުމަތްތަކެއް އިތުރުކޮށްފި

May 4, 2017
1

ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ)އަށް ބޭނުންވާ ޑޮކިއުމެންޓްތައް ފޮނުވުމާއި އެކައުންޓް ސްޓޭޓްމަންޓް ބޭންކު ލެޓަހެޑުގައި ނެގުންފަދަ ހިދުމަތްތަކާއެކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް)ގެ އިންޓަނެޓު ބޭންކިންއަށް މުހިންމު އާ ހިދުމަތްތަކެއް ތައާރަފްކޮށްފި އެވެ. މި ހިދުމަތްތައް މިރެއިން ފެށިގެން ލިބޭނެ އެވެ.

ބީއެމްއެލް ހެޑް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ އާ ހިދުމަތްތަކެއް އިންޓަނެޓު ބޭންކިންގެ ހިދުމަތަށް ގެނެސްފައިވަނީ ހިދުމަތް ހޯދާ މީހުންގެ ހިޔާލަށް ބެލުމަށްފަހު ކަމަށެވެ.

"ކަސްޓަމަރުންގެ ހިޔާލަށް ބެލުމަށްފަހު، މި މުހިންމު ބަދަލު ގެނެވިގެން މިދިޔައީ،" ހީލީ ވިދާޅުވި އެވެ.

ބީއެމްއެލްގެ އިންޓަނެޓު ބޭންކިންގެ ހިދުމަތައް ގެނެސްފައިވާ ބަދަލުގެ ތެރޭގައި ބޭރަށް ޑޮލަރު ފޮނުވަން ހަދާ ޓީޓީ މުއާމަލާތްތަކަށް ބޭނުންވާ ޑޮކިއުމެންޓްތައް އިންޓަނެޓު ބޭންކިން މެދުވެރިކޮށް ފޮނުވުމާއި އެކައުންޓް ސްޓޭޓްމަންޓް ބީއެމްއެލް ލެޓަހެޑުގައި ޑައުންލޯޑު ކުރުންފަދަ ހިދުމަތްތައް ހިމެނެ އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ އަލަށް ގެނެސްފައިވާ ބަދަލުތަކާއެކު އިންޓަނެޓު ބޭންކިންގެ ހިދުމަތް ބޭނުންކުރަން އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

"ބޭންކުން އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުނަށް ދޭ ހިދުމަތް ދުވަހުން ދުވަހަށް ރަނގަޅު ކުރުމަށް. އެކަމަށްޓަކައި ވަރަށް މަސައްކަތް ކުރެވޭނެ. މިގޮތުން ބޭންކަށް ނައިސް ބޭންކުގެ ހިދުމަތް ހޯދުމުގެ މަގު ފުޅާ ކުރުމަކީ ކޮންމެހެން ކުރަން ބޭނުންވާ ކަމެއް،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ މި ބަދަލުތަކާއެކު ސަޕްލިމެންޓްރީ ކާޑަށް ޕޭމަންޓް ވަކިން ހެދުމުގެ ހިދުމަތް ވެސް ލިބިގެންދާނެ ކަމަށެވެ.

"މިހާރު ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ނޫނީ ގޭގައި އުޅޭ މީހަކަށްދޭ ސަޕްލިމެންޓްރީ ކާޑަކަށް ޕޭކުރެވޭނެ. އެހެންވީމަ އިންޓަނެޓު ބޭންކިން މެދުވެރިކޮށް ލިބޭނެ. މީގެ އިތުރުން ކްރެޑިޓް ކާޑުގެ ސްޓޭމަންޓްތައް ފޯމެޓުގައި ނަގާލެވޭނެ. މީގެ އިތުރުން ޕްރިޕެއިޑް ކާޑަށް ލޯޑު ކުރެވޭނެ،" ޝަރީފު ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އިންޓަނެޓު ބޭންކިންގެ ހިދުމަތް އިތުރަށް ފުޅާ ކުރަމުންދާއިރު، އެ ކުންފުނީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ގިނަ އިންވެސްޓްމަންޓްތަކެއްވެސް ދަނީ ކުރަމުންނެވެ.