ހަބަރު

ކުނި މެނޭޖު ކުުރުމުގެ މަޝްރޫއަށް 50 މިލިއަން ޑޮލަރު އޭބީޑީން ދެނީ

މާލެ ސަރަހައްދުގެ ކުނި މެނޭޖު ކުރުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ބިޔަ ޕްރޮޖެކްޓަށް 50 މިލިއަން ޑޮލަރުގެ އެހީއެއް ދޭން އޭޝިއަން ޑިވަލޮޕްމަންޓް ބެންކް (އޭޑީބީ)އިން އެއްބަސްވެއްޖެ އެވެ.

އޭޑީބީގެ 50 ވަނަ އަހަރީ ޖަލްސާއަށް ޖަޕާނަށް ވަޑައިގެން އުޅުއްވާ، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވަނީ އެ ބެންކުގެ ބޯޑު ގަވަނަރުންނާއި އިސް އޮފިޝަލުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި މާލެ ސަރަހައްދުގައި ހިންގާ ކުނި މެނޭޖު ކުރުމުގެ ބިޔަ މަޝްރޫއަށް 50 މިލިއަން ޑޮލަރުގެ އެހީއެއް ދޭން އެއްބަސްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ކަށަވަރުކޮށްދެ އެވެ.

ފަންސާސް މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމާފައިވާ އިރު ކުނި މެނޭޖު ކުރުމުގެ މަޝްރޫއަށް މުޅިއަކު 100 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ކުރިޔަށް އޮތް ތިން އަހަރު ހިންގާ ބޮޑެތި މަޝްރޫއުތަކަށް ވެސް އޭބީޑީން އެހީ ހޯދަން ނިންމާފައިވާ ކަމަށް މިނިސްޓަރު މުނައްވަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވަނީ ރައީސް ޔާމީން ރާއްޖޭގެ އިގްތިސާދަށް ގެންނަވާ އިންގިލާބީ ބަދަލާ ބެހޭ ގޮތުން އޭބީޑީ އޮފިޝަލުންނާ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އަދި އެ މަސައްކަތުގައި އޭޑީބީއާ ގުޅިގެން މަސައްކަތް ކުރުމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މި ދަތުރުގައި މިނިސްޓަރު ވަނީ އޭބީޑީގެ ރައީސް އާއި ނައިބު ރައީސްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އޭގެ އިތުރުން އެ ބެންކުގެ ޑިރެކްޓާ ޖެނަރަލްއާ ވެސް މިނިސްޓަރު ވަނީ ބައްދަލު ކުރައްވައިފަ އެވެ.