ހަބަރު

އަނެއްކާވެސް ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލައިފި

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަށީގެންވާވަރަށް ބޭފުޅުން ކުރިމަތިލާފައިނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ބުނީ، އެކަށީގެންވާ ވަރަށް ބޭފުޅުން ކުރިމަތިލާފައިނުވާތީ، އަލުން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.

ހައިކޯޓަށް ދެ ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފައި ވަނީ ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރަކަށް އެ ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން ހަމަޖައްސެވުމާ ގުޅިގެން ފަނޑިޔާރުން މަދުވެފައި ވަނިކޮށެވެ. ފަނޑިޔާރު ޝުޖާއު އުސްމާނު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދެކުނު ގޮފީގަ އެވެ. މިއީ އޭގެ ފަހުން އެ ކޯޓަށް ފަނޑިޔާރުން ހޯދަން ޖޭއެސްސީ އިން އިއުލާނުކުރި ތިން ވަނަ ފަހަރެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ޝަރުތަކީ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއި އުމުރުން 25 އަހަރު ފުރިފައިވުމެވެ. އަދި ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހަކީ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމުގައި ނުވުމާއި އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރި ކަމަށް ސާބިތުވެފައިނުވުމާއެކު އެފަދަ ކުށެއް ކޮށްފައިވާނަމަ ހުކުމެއް ތަންފީޒުކޮށް ނިމިފައިވާތާ ހަތް އަހަރު ވާންޖެހެ އެވެ.

ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އަސާސީ މުސާރައަށް މަހަކު 36،000ރ. އެވެ. ލިވިންގް އެލެވެންސެއްގެ ގޮތުން 15،000ރ. ދެ އެވެ. ރިސްކް އެލަވަންސަކަށް 3300ރ. ދެ އެވެ. އިތުރުން ފޯނު އެލަވެންސާއި މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ދެއެވެ.