ރިޕޯޓް

މާ ގަސްތައް މާލޭގައި ބެލްކަނިތަކަށް!

ދިރިއުޅޭ ގޭގެ ގޯތީގައި މާ ގަސް ހެއްދުމަކީ މިހާރު މާލޭގެ ގިނަ ގޯތިތަކުގައި ކުރެވެން އޮންނަ ކަމެއް ނޫނެވެ. ގޯތިތައް ފޮތިފޮތިވެ އިމާރާތްތައް އުހަށް އަރަށް ފެށުމުންނެވެ. އާންމު ގޮތެއްގައި މިހާރު ގޯތީގެ ތެރޭގައި އެގޮތަށް ގަސް ހައްދައި އަދިވެސް އުޅެނީ ރަށްރަށުގެ މީހުންނެވެ. އަތޮޅުތަކުގެ ރަށްރަށުގެ މީހުން ގޯތީގެ ތެރޭގައި ގަސް ހައްދާފައި ހުރެ އެވެ. މާލޭގެ ގޭގޭގައި މިހާރު ހުސްތަން ނެތުމުން މާ ގަސްތައް އަރުވަނީ ބުރިބުރީގެ ބެލްކަނިތަކަށެވެ.

މާލޭގެ ގޭގޭގެ ބެލްކަނިތަކުގައި އެކި ބާވަތްބާވަތުގެ މާ ގަސްތަކަކާއި، ބަގީޗާ ގަސްތައް ހައްދާފައި ހުންނަ މަންޒަރު މިހާރު ވަރަށް ގިނައިން ފެނެ އެވެ. ކިތަންމެ ކުޑަ ތަންކޮޅެއްގައި ދިރި އުޅޭ މީހުން ވެސް ބެލްކަނީގައި ގަސް ހައްދާފައި ހުރެ އެވެ. އެއްފަދަ ބައެއް ގޭގޭގެ މީހުން ބުނާ ގޮތުން ނަމަ އެކަންކަން ކުރަނީ ކުރާ ހިތުންނެވެ.

"ގޭގައި ގަސް ހައްދަނީ ވަރަށް ކުރާ ހިތްވާ ކަމަކަށް ވާތީ. ވަރަށް ކުރީއްސުރެ ވެސް ކުރާ ހިތްވާ ކަމެއް އެއީ ގަސް ހެއްދުން. ކުޑަކުޑަ ތަންކޮޅަކަށްވިޔަސް ކުރާ ހިތުން ކުރާ ކަމަކަށް ވާތީ އުދަގުލެއް ނުވޭ. އެންމެ ގިނައިން ހައްދަނީ ކެކްޓަސް ގެ ވައްތަރުތައް. ރޫމްގައި ވެސް ހުންނާނެ ބައެއް ގަސްތައް ހައްދާފައި،" ބެލްކަނީގައި ގަސް ހައްދާ އަންހެނަކު ބުންޏެވެ.

މާލޭގައި ހިނގާލާއިރު ކޮންމެ މަގަކުން ވެސް ބޮޑެތި އިމާރާތްތަކާއި އާދައިގެ ކުދި އިމާރާތްތަކުގެ ބެލްކަނީތަކަށް ބަލާލުމުން ފެންނަނީ އެކި ފާޑުފާޑުގެ ގަސްތައް ހައްދާފައި ހުންނަ ތަނެވެ. ވަރަށް ރީތިކޮށް ގަސްތައް ބައެއް ގޭގައި ހައްދާފައި ހުރެ އެވެ. އެފަދަ ބައެއް ގޭގޭގެ ބެލްކަންޏަށް ނުކުމެ ބޭރު ބަލާލަން ހުންނާނެ ތަންކޮޅެއް ވެސް ނޯވެ އެވެ. އެހާ ވެސް ގިނައިން ގަސްތައް ހައްދާފައި ހުރެ އެވެ.

"ގަސް ހެއްދުމަށް އަބަދު ވެސް ވަރަށް ލޯބި ކުރަން. ވަރަށް ކުރާ ހިތުން ކުރަނީ. މިއީ ވަރަށް އުފާވެރިކަން ލިބޭ މިކަމުން. އެހެން ގޭގައި ހައްދާފައި ހުންނަ ގަސްތައް ފެނުނީމަ ވެސް ވަރަށް އުފާވޭ. އަދި މިއީ ގޭތެރެ ފަޅުފިލާވެސް ކަމެއް، ހުންނާނެ މަލުގެ ވަސް ހިފާފައި"

މާލެއިން އެކި ވައްތަރުގެ ގަސް ގަންނަން ލިބެ އެވެ. ގޭގެ ބެލްކަންޏަށް އަރުވަން ގަސް ގަަންނަ މީހުންގެ އަދަދު މިހާރު ގިނަ އެވެ. މާ ގަހާއި އެކި ވައްތަަރުތަކުގެ ގަސްތަކެވެ. އެހެންވެ މާލޭގައި ގަހުގެ ވިޔަފާރިި ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ޑިމާންޑެއް އޮވެ އެވެ.

"ގަހުގެ ވިޔަފާރިއަށް ވަރަށް ބޮޑު ޑިމާންޑެއް އޮވޭ، ހުރިހާ ވައްތަރެއްގެ ގަހަކަށް ވެސް ޑިމާންޑް އޮވޭ. އެކަމަކު އެންމެ ޑިމާންޑް ބޮޑުކޮށް އުޅެނީ އެކި ވައްތަރުރަކުގެ ކެކްޓަސްއަށް ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް ކެކްޓަސް ވެފައި އޮންނަނީ. ދެންފިނިފެންމާ ގަހާ އޯކިޑް ގަސް ވެސް ފުދޭވަރަކަށް ގަނޭ މީހުން." މާލޭގައި ގަހާއި މާ ވިއްކާ އަމިއްލަ ފިހާރައެއް ހިންގާ އަހުމަދު ނިޔާޒް ވިދާޅުވި އެވެ.

ގަސް ހެއްދުމަކީ ގިނަ ބަޔަކު ކުރާ ހިއްވާ ކަމެކެވެ. އެކަމަކު ގޯތިތެރޭގައ މިހާރު ގަސް ހެއްދެން އޮންނާނީ މާލޭގެ ވަރަށް މަދު ގެއެއްގަ އެވެ. އެހެން އެންމެންގެ ވެސް މިހާރު މާ ބަގީޗާއަކަށްވެފައި އޮންނަނީ ގޭގެ ބެލްކަންޏެވެ.