ރާއްޖެ ކުޅިވަރު

އޭޑީކޭ ހިނިތުން ކުރުވާ ދޮން ކަލޭފާނު ކަޕް

May 5, 2017

'އޭޑީކޭ' އޭ ބުނެފިނަމަ، ކޮންމެ ދިވެސްސެއްގެ ހިތަށް އަންނާނީ ވެރިރަށް މާލޭގައި ހުންނަ އޭޑީކޭ ހޮސްޕިޓަލެވެ. އެއީ ދިވެހިންގެ ސިއްހީ ހިދުމަތާ ގުޅިފައިވާ، ރާއްޖޭގެ އެންމެ ބޮޑު އެއް ބްރޭންޑް ކަމަށް ވުމުން ނެވެ. ނަމަވެސް އެ ބްރޭންޑްގެ ފަހަތުގައި ވަނީ ހަމައެކަނި ހޮސްޕިޓަލް އެކަންޏެއް ނޫނެވެ. ޝިޕިންގެ ސިނާއަތާއި، ރާއްޖޭގެ އިގްތިސޯދުގެ މައި ނާރު ފަތުރުވެރި ކަމުގައިވެސް، އޭޑީކޭ ބްރޭންޑްގެ ހިއްސާ ބޮޑެވެ.

އޭޑީކޭގެ ނަން ރާއްޖޭގައި ކިތަންމެހާވެސް ބޮޑެވެ. އެ ބްރޭންޑް ނަމުގައި ހިމެނޭ އޭ އާއި ޑީ އަދި ކޭ ފަހަތުގައި ވަނީ އަދި މާ ވަރުގަދަ ނަމެކެވެ. މާލޭގައި އުފެދިގެން ދިޔަ އެންމެ ބޮޑު އިޖުތިމާއީ ރޫހް، އަވަށު ވާދަވެރި ކަމުގެ ތެރެއިން މާފަންނު އަވަށް ލީޑް ކުރެއްވި ވަރުގަދަ އެއް ޝަހުސިއްޔަތު، އަބްދުރަހްމާން ދޮންކަލޭފާނެވެ. އަބްދުރަހްމާންގެ ނަމަށް، ކަލޭފާނުގެ ނަން އިތުރު ކުރެއްވީ، އަވަށު ރޫހުގައި އޭނާ ކުރެއްވި މަސައްކަތުން، ސަރުކާރުން އެރުވި ލަގަބެއްގެ ގޮތުގަ އެވެ. އޭރު ކަލޭފާނާއި ނައިބު ކަމަކީ ސަރުކާރުން ދެއްވާ އަގުވަޒަން ކުރުމުގެ ލަގަބެކެވެ.

ރައިސް އިބްރާހިމް ނާސިރުގެ ދުވަސް ވަރު، ހުޅުލޭގައި ހެދި، އެއާޕޯޓް ހެއްދެވުމުގައި، އަމާލީ ގޮތުން ބައިވެރިވެ ވަޑައިގެން ނެވި އެވެ. އެއަށްފަހު، މާލޭގެ މަގުގައި ގާ އެޅުމަށް، ހިންގުނު ޕްރޮޖެކްޓްގައި، ވެސް އަމަލީ ގޮތުން އެ ހަރަކާތް ލީޑް ކުރެއްވި އެވެ.

"ބައްޕަ ކޮންމެ ކަމެއްގައިވެސް ވަކި އުސޫލުތަކެއް ގެންގުޅެއްވި، އިޖުތިމާއި މަސައްކަތްތަކުގައި އަބަދުވެސް ކުރިއަށް ނިކުންނަވާނެ، ކަލޭގެފާން ޓައިޓަލްއަކީ ވެސް އިޖުތިމާއީ މަސައްކަތުގައި އިސްކޮށް ނިކުންނަވާތީ ރައީސް މައުމޫން ދައުރުގައި އެރުއްވި ޓައިޓަލް އެއް،" ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު އަދި އޭޑީކޭ ކޮމްޕެނީގެ ޗެއާމަން އަހްމަދު ނާޝިދު ވިދާޅުވި އެވެ.

އޭނާ، ވިދާޅުވި ގޮތުގައި ދޮންކަލޭފާނަކީ އިންސްޕަޔާ ވާވަރުގެ ފިގާއެކެވެ. އޭނާ ވިދާޅުވީ، އެއްވެސް ކުއްޖަކު ކުރަންވީ ކަމެއް ބައްޕަ ވިދާޅުނުވެ އެވެ. އެ ކުއްޖަކު ކުރަންވީ މަސައްކަތެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ބައްޕަ އެކުއްޖަކަށް ދޫކޮށްލެއްވި އެވެ.

އަބްދުރަހްމާން ދޮންކަލޭފާން އަވަހަރަވީ 2014 ވަނަ އަހަރު އެވެ. އޭޑީކޭ ޒަމާނީ ބްރޭންޑެއްގެ ގޮތުގައި މުޅި ރާއްޖޭގެ ނަން ހިނާގާއިރު، އެއަޑުތައް އެހެންމީހުންގެ ފަރާތުންވެސް އޭނާ އަށް އިވިވަޑައިގެންނެވި އެވެ. ނަމަވެސް، އޭނާގެ ނަމުގައި މުޅިރާއްޖެއަށް މަޝްހޫރު ބްރޭންޑެއް އޮތް ނަމަވެސް، އެކަމުގެ ފަހްރުވެރިކަމުގެ އިހްސާސެއް ކުރައްވާކަށް އޭނާ ބޭނުން ފުޅެއް ނުވި އެވެ.

މިއަދު އޭޑީކޭގެ ކުޑައިގެ ހިޔާދަށުން، ރާއްޖެއަށް ހިދުމަތް ކުރަމުން އަންނަ 1000 ވުރެ، ގިނަ މުވައްޒަފުން އެބަތިއްބެވެ. އެ މުވައްޒަފުން މޯޓިވޭޝަނާ ގުޅޭ އެންމެ ބޮޑު ހަރަކާތަކަށް ވާނީ، ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ދޮންކަލޭފާން ފުޓްސަލް މުބާރާތެވެ.

އޭޑީކޭގެ މުވައްޒަފުންގެ މެދުގައި ވަރުގަދަ ރޫހެއް އުފައްދާ މި މުބާރާތް 2012 ވަނަ އަހަރުން ފެށިގެން ދަނީ ބާއްވަމުން ނެވެ. މިއަހަރުގެ އެޑިޝަންގައި 11 ޓީމު ވާދަ ކުރެ އެވެ. ދެހާސް ބާރަ ވަނަ އަހަރު، އަބްދުރަހްމާން ދޮން ކަލޭފާން ވަނީ މި މުބާރާތް ބައްލަވާލައްވާފަ އެވެ. އަދި އެހަރުގެ މުބާރާތުގެ ބައިވެރިންނަށް އޭނާގެ މެސެޖެއްވެސް އެބައޮތެވެ.

"އަޅުގަނޑުގެ ނަމުގައި، އޭޑީކޭ މުވައްޒަފުންނާ ގުޅިފައިވާ މިފަދަ ހަރަކާތެއް ބޭއްވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް، އަޅުގަނޑު އަބަދުވެސް އެދެނީ އޭޑީކޭގެ މުވައްޒަފުންނަށް ހެޔޮގޮތް މިންވަރު ކުރެއްވުން،" ކުރިން އަބްދުރަހްމާން ދޮންކަލޭފާން ވިދާޅުވެފައި ވެއެވެ. މިއަދު އެ މުވައްޒަފުންނަށް ހެޔޮގޮތް އެދިވަޑައިގެންނެވި، އެ ލަފާދާރެއް ނެތެވެ. ނަމަވެސް އޭޑީކޭ މުވައްޒަފުންގެ ހިތުން، އެ ވަރުގަދަ ޝަހްސިއްޔަތުގެ ނަން ފިލައިގެން ނުދާނެ އެވެ.