ދުނިޔެ

ހުއްޓުވީ ހަ ޖާގައިގެ ވޭނެއް، އެއިން ފޭބީ 40 މީހުން!

May 6, 2017

މިދިޔަ އޭޕްރިލްމަހުގެ 30 ވަނަ ދުވަހު ޗައިނާގެ ޗޮންގިން ސިޓީގެ މަގަކުން ދުއްވާފައި ދިޔަ ކުޑަވަރެއްގެ ވޭނެއް އެ ގައުމުގެ ފުލުހުން ހުއްޓުވިއެވެ. ފުލުހުން ވޭނެއް ހުއްޓުވުމަކީ އާދައިގެ ކަމެކެވެ. ނަމަވެސް ޗައިނާ ފުލުހުންނަށް މިފަހަރު ދިމާވީ ހައިރާންވެ އަންތަރީސް ވާފަދަ ކަމަކެވެ. އެ މަންޒަރު ފެންނަ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ވައިރަލް ވެފައެވެ.

ވީޑިއޯއިން ޗައިނާ ފުލުހުން ކުޑަ ވޭނެއް ހުއްޓުވާ މަންޒަރެވެ. އެ ވޭނަކީ ހަ މީހުންގެ ޖާގައިގެ ވޭނެކެވެ. ވޭން ހުއްޓުވުމާއެކު އެއިން މީހުން ފައިބަން ފަށާ ތަން ވީޑިއޯއިން ފެނެއެވެ. އެކެއް ދޭއް ތިނެން ނޫނެވެ. 30 ހަމަ ވިއިރު ވެސް ވޭނުން މީހުން ފައިބާ ނުނިމެއެވެ. އެހެންގޮސް ހަމީހުންގެ ޖާގައިގެ ވޭނުން ނުކުތީ ޖުމްލަ 40 ފިރިހެނުންނެވެ. އެމީހުން ހެދުން އަޅައިގެން ތިބި ގޮތުން ބެލެވެނީ އެއީ އިމާރާތްކުރުމުގެ މަސައްކަތް ކުރާ މީހުން ކަމަށެވެ.


ވޭން ދުއްވި ޑްރައިވަރު މިހާރު ވަނީ ޖޫރިމަނާކޮށްފައެވެ. އެއީ އުޅަނދާ އެކަށީގެން ނުވާ ވަރަށް މީހުން އެރުވިކަމުގެ ކުށުގައެވެ.

އެހާދިސާގެ ވީޑިއޯ ސޯޝަލްމީޑިއާ ފޭސްބުކްގައި ޝާއިއުކުރުމުން މިހައިތަނަށް 50000 އަށް ވުރެ ގިނަ މީހުން ވަނީ އެ ވީޑިއޯ ބަލައިފައެވެ. އެ ވީޑިއޯއަށް ކޮެމެންޓް ކުރި އެއްބައި މީހުން އެކަމަށް ޖޯކް ޖެހި އިރު އަނެއް ބަޔަކު ވަނީ ސީރިއަސް ވެފައެވެ. ވީޑިއޯއަށް ޖޯކް ޖެހިމީހުން ބުނެފައި ވަނީ އެ ވޭނަކީ އިންޑިއާގެ ރޭލަކާ އެއްކަހަލަ ވޭނެއް ކަމަށެވެ. އަނެއް ބަޔަކު ބުނެފައި ވަނީ އެ ޑްރައިވަރު މަސައްކަތް ކޮށްފައި އެވަނީ ޓްރެފިކް ބާރު ކުޑަކުރަން ކަމަށެވެ.