ކުޅިވަރު

ޝަވީދުގެ ފަހު ދައުރު: ބޮޑު ބަދަލެއް ގެންނާނެކަމުގެ ވައުދު

May 5, 2017

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް، ދެން އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވެ، މިހާރުގެ ރައީސް މުހައްމަދު ޝަވީދު އޭނާގެ ދެ ވަނަ ދައުރުގެ ރައީސް ކަމުގެ މަސްއޫލިއްޔަތު އުފުއްލަވަން ފައްޓަވައިފި އެވެ.

މިރޭ ހޮޓެލް ޖެންގައި ބޭއްވި އޮލިމްޕިކް ކޮމިޓީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ޝަވީދު ވިދާޅުވީ، އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމުގެ މަގަމަށާއި ޖެނެރަލް ސެކެޓްރީ ކަމަށް އެހެން ބޭފުޅުން ވެސް "ދަހިވެތި ވާން ވެއްޖެ،" ކަމަށާއި އަބަދު އޭނާ ނުހުންނަވާނެ ކަމަށެވެ. އެހެންވެ، ހިންގަން ފެށި މިދައުރަކީ އޭނާގެ ފަހު ދައުރު ކަމަށެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު ވިސްނުމަކީ، އަޅުގަނޑުމެންގެ ތެރޭގައި އުފެދެން ވެއްޖެ އޮލިމްޕިކް ކޮމިޓީގެ ލީޑާޝިޕަށް އަންނަންވީ ބޭފުޅުން، ފަހު ވަގުތުގެ ފަހު މިނެޓަކު ނޫން ތައްޔާރުވާން ވީކީ، އިންސާނީ ތޮބީއަތަކީ ތަފާތު އެއްޗެއް، ﷲ އިރާދަ ކުރެއްވިއްޔާ މިއީ އަޅުގަނޑު ފަހު ދައުރު،" ކޮންގްރްސްގައި ބައިވެރިވެވަޑައިގެންނެވި އެސޯސިއޭޝަންތަކުގެ އިސްވެރިންނާ މުހާތަބު ކުރައްވައި ޝަވީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ދައުރުގައި އެގްޒެކެޓިވް ބޮޑުގެ އިތުރުން ޖޫނިއާ އެގްޒެކެޓިވް ބޯޑެއް، އޮލިމްޕިކް ކޮމިޓީން ގެންގުޅޭނެ ކަމަށާއި އެއީ ކުރިއަށް އޮތް ދައުރު ތަކުގައި ގައި، އޮލިމްޕިކް ކޮމިޓީގެ މަގާމުތަކަށް އަންނާނެ މީހުން ތައްޔާރު ކުރުމަށް ޓަކައި ކަމަށެވެ.

އޮލިމްޕިކް ކޮމިޓީގެ މިހާރުގެ އެކްސްކޯ

ރައީސް: މުހައްމަދު ޝަވީދު (އެފްއޭއެމް)
ނައިބުރައީސް: އަހްމަދު ލަތީފު -ސީވިޑް- (ޓީޓީ އެސޯސިއޭޝަން)
ޖެނަރަލް ސެކެޓްރީ: އަހްމަދު މަރުޒޫގް (ސާފިން އެސޯސިއޭޝަން)
ހަޒާންދާރު: ހުސައިން ރަޝީދު (ޗެސް ފެޑްރޭޝަން)
އޮލިމްޕިކް ޓީމް ސްޕޯޓްސް: ބާސްކެޓްބޯލް އެސޯސިއޭޝަން އަދި ހޭންޑްބޯލް މޯލްޑިވްސް
އިންޑަވިޖުއަލް ސްޕޯޓްސް: ސްވިމިން އެސޯސިއޭޝަން، ބެޑްމިންޓަން އެސޯސިއޭޝަން އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަން
ނޯން އޮލިމްޕިކް ސްޕޯޓްސް: ޕޫލް ބިލިއަޑް އެސޯސިއޭޝަން އަދި ބޮޑީ ބިޔުލްޑް ފެޑްރޭޝަން
އަންހެން މެންބަރުންގެ ގޮތުގައި:
އާމިނަތު އަލީ (ނެޓްބޯޅަ އެސޯސިއޭޝަން)
ޔާސްމީން އަބްދުﷲ (ވީއޭއެމް)
މުނާ އަހްމަދު އައްބާސް (ޝޫޓިން އެސޯސިއޭޝަން)

އެމްއޯސީ ބޮޑު ބަދަލަކާ ދިމާލަށް

ޝަވީދު ވިދާޅުވީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހިފައި އޮތީ، ރާއްޖޭގެ ކުޅިވަރު ގާނޫނާއި، ދުނިޔޭގެ އޮލިމްޕިކް ކައުސިލާ އެއްގޮވާ ގޮތަށް އެމްއޯސީގެ އަސާސީ ގަވައީދު އިސްލާހް ކުރަން ކަމަށެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ބާރު އަޅަފައި ވަނީ ޖުލައި މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން އަސާސީ ގަވައިދު އިސްލާހު ކުރުމަށް ފަހު ފޮނުވުމަށެވެ. މިރޭގެ ކޮންގްރެސްގައި، އަސާސީ ގަވައިދަށް އިސްލާހް ގެނައުމުގެ ވާހަކަ އޮތް ނަމަވެސް، އެ އައިޓަމް ކުރިއަށް ނުގެންދާ ގޮތަށް، ނިންމީ މައިނޯރިޓީ އަޑުވެސް އަސާސީ ގަވައިދު އިސްލާހް ކުރުމުގެ މަރުހަލާގައި ފޯރުކޮށް ދިނުމަށް ކަމަށް ޝަވީދު ވިދާޅުވި އެވެ.

ކުރިއަށް އޮތް ރޯދަ މަހުގެ ދުވަސް ތަކަކާއެކު، ވަރަށް ބުރަކޮށް މަސައްކަތް ކޮށް އަސާސީ ގަވައިދު އިސްލާހް ކުރުމުގެ މަސައްކަތުގައި އެހީތެރިވެ ދެއްވުމަށް، އެސޯސިއޭޝަންތަކުގެ ކިބައިން ޝަވީދު އެދި ވަޑައިގެންނެވި އެވެ.

އޮލިމްޕިކް ކޮމީޓީން، މިހާރު ޑްރާފްޓް ކޮށްފައިވާ އަސާސީ ގަވައިދުގައި ބޭދެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފަ އެވެ. އެއީ ތިން ނައިބު ރައީސުން ތިބޭގޮތަށާއި ޖެނަރަލް ސެކެޓްރީ އާއި ހަޒާންދާރުގެ މަގާމަކީ، އެގްޒެކެޓިވް ކޮމިޓިން އައްޔަން ކުރާ ދެ މަގާމު ކަމަށް ހަދައި، އިދާރީ މަގާމެއް ކަމުގައި ކަނޑައެޅުމެވެ.

މިހާރު އޮންނަ ގޮތުން، ޖެނަރަލް ސެކެޓްރީ އާއި ހަޒާންދާރަކީވެސް، އެސޯސިއޭޝަންތަކުގެ ވޯޓުން ހޮވާ ދެ މަގާމެވެ.

މިހާރުގެ ޖެނަރަލްސެކެޓްރީ އަހްމަދު މަރުޒޫގް (މަރޭ) ވިދާޅުވީ، އަސާސީ ގަވައިދު އެގޮތަށް ފާސް ވެއްޖެނަމަ، އޭނާ އާއި ހަޒާންދާރު، ހުސައިން ރަޝީދުގެ މަގާމު އިދާރީ މަގާމަކަށް ބަދަލުވާނެ ކަމަށެވެ. ދައުރު ނިމެންދެން އެ މަގާމުގައި ދެ ބޭފުޅުން ވެސް ތިއްބަވާނެ ކަމުގެ ޔަގީންކަން މަރުޒޫގް ދެއްވި އެވެ.

އޭނާ ވިދާޅުވީ، އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލުގެ އަސާސީ ގަވައިދާ އެއްގޮތަށް، އެމްއޯސީގެ އަސާސީ ގަވައިދު 23 ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ. "އައިސީސީގެ ގަވައިދު ބުނާ ގޮތުން ރާއްޖޭގެ ލޯގޯވެސް ނުބައި، މޮޓޯވެސް ނުބައި، އައިއޯސީއާ އެއްގޮތްކުރަން 23 ބަދަލެއް ގެންނަން އެބަޖެހޭ،" މަރުޒޫގް ވިދާޅުވި އެވެ.

ހުރިހާ ކުޅިވަރުތައް ޝާމިލުވާ އެވޯޑެއް

އޭނާ ވިދާޅުވީ އަންނަ އަހަރު ފެށިގެން، ހުރުިހާ ކުޅިވަރުތަކެއް ޝާމިލުވާ ގޮތަށް، ނެޝަނަލް އޮލިމްޕިކް އެވޯޑެއް އަންނަ އަހަރު ތާރަފުކޮށް ދޭން ފަށާނެ ކަމަށެވެ. ޝަވީދު

އެމްއޯސީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުން

އޮލިމްޕިކް ކޮމިޓީއަކީ، ވަކިބަޔަކަށް ބަރޯސާވާން ނުޖެހޭ، މިނިވަންކަމާއެކު މަސަކަތް ކުރުމުގެ ބާރު އޮތް، އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ އޮތް، އިންސްޓްޓިޔުޝަނަކަށް ހައްދަވާނެ ކަމަށް ޝަވީދު ވައުދުވެ ވަޑައިގެންނެވި އެވެ.

"އެއީ ވަކި ބަޔަކު ފައިސާ ދިގެން، ނުވަތަ ވަކި ބަޔަކު ފައިސާ ނުދީގެން ، އަޅުގަނޑުމެންގެ ހަރަކާތްތެރި ނުވެވޭ ހިސާބެއްގައި އޮންނާކަށް ނުޖެހޭ، ﷲ އިރާދަ ކުރެއްވިއްޔާ އެކަމަށް މިހާރުވެސް ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރެވިއްޖެ، ކުރިއަށް އޮތް ހަތަރު އަހަރު ދައުރު ނިންމާފައި ދެން އަންނަ ބަޔަކާ އަޅުގަނޑުމެން ހަވާލު ކުރާނީ އިންޑަޕެންޑެންޓް އިންސްޓްޓިޔުޝަނެއްގެ ގޮތުގައި،" ޝަވީދު ވިދާލުވި އެވެ.