ދުނިޔެ

ސާކްގެ ސެޓެލައިޓުން ޕާކިސްތާނު ވަކިވީ ކީއްވެ؟

May 6, 2017

އަވަށްޓެރި ގައުމުތަކަށް މުވާސަލާތީ ހިދުމަތްތައް ދޭން އިންޑިއާގެ ޖައްވީ އިދާރާއިން ކާމިޔާބުކަމާއެކު އިއްޔެ ވަނީ ސެޓެލައިޓެއް އުދުއްސާލާފަ އެވެ.

ސައުތު އޭޝިއާ ސެޓެލައިޓް ގެ ނަމުގައި އިންޑިއާއިން ސެޓެލައިޓެއްގެ މަޝްރޫއު ފެށީ މީގެ އަހަރުތަކެއް ކުރިންނެވެ. އެ ސެޓެލައިޓްގެ މަޝްރޫއު ފެށި އިރު އެ މަޝްރޫއުގެ މަގުސަދަކަށް ވެފައި އޮތީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މެމްބަރު އަށް ގައުމަށް އޭގެ ހިދުމަތް ދިނުމަށެވެ. ނަމަވެސް ހުކުރު ދުވަހު އެ ސެޓެލައިޓް ފޮނުވައިލި އިރު އެ މަޝްރޫއުން ޕާކިސްތާނު ވަނީ ވަކިވެފަ އެވެ. ސާކްގެއަށް ގައުމަކީ އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، އަފްޣާނިސްތާން އަދި ދިވެހި ރާއްޖެ އެވެ.



އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވިދާޅުވެފައި ވަނީ އިންޑިއާއިން އަމިއްލައަށް ހަރަދުކޮށްގެން އުފެއްދި އެ ސެޓެލައިޓަކީ ސާކްގެ ގައުމުތަކަށް އިންޑިއާއިން ދިން ހަދިޔާއެއް ކަަމަށެވެ. އެ މަޝްރޫއަށް އިންޑިއާއިން ހަރަދުކޮށްފައި ވަނީ 36 މިލިޔަން ޑޮލަރެވެ.

ސައުތު އޭޝިއާ ސެޓެލައިޓްގެ ބަރުމިނުގައި 2230 ކިލޯ ހުންނަ އިރު އެ ސެޓެލައިޓްގައި 12 ކޮމިއުނިކޭޝަން ޓްރާންސްޕޮންޑާ ހަރުކޮށްފައި ވެއެވެ. މިއީ އިންޑިއާއިން މިދިޔަ ފެބްރުއަރީ މަހު ނިންމައިލި 104 ސެޓެލައިޓް އެއްފަހަރާ ޖައްވަށް ފޮނުވައިލި މަޝްރޫއު ވިޔަވައި އެގައުމުން މިހައިތަނަށް ހިންގި އެންމެ ކާމިޔާބު މަޝްރޫއެވެ. ފެބްރުއަރީ މަހު އިންޑިއާއިން އެންމެ ރޮކެޓެއް ބޭނުންކޮށްގެން 104 ސެޓެލައިޓް ޖައްވަށް ފޮނުވައިލި ފޮނުވައިލުމަކީ ޖައްވީ ދާއިރާގެ އާ ރެކޯޑެކެވެ.

ޕާކިސްތާނު ވަކިވީ ކީއްވެ؟

ސައުތު އޭޝިއާ ސެޓެލައިޓް ޕްރޮގްރާމުން ޕާކިސްތާނު ވަކިވީ އިންޑިއާއިން ޖާސޫސްކޮށްފާނެތީ އޮތް ކަންބޮޑުވުމެއްގެ ސަބަބުން ކަމަށް އިންޑިއާގެ ބައެއް މުހައްލިލުން ކުރިން ވަނީ ބުނެފައެވެ. ނަމަވެސް އެފަދަ ކަންބޮޑުވުމެއް އޮންނަން ޖެހޭނެ ކަމަކަށް އިންޑިއާގެ ދިފާއީ ތިންކް ޓޭންކް އިންސްޓްޓިއުޓް ފޯ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސް (އައިޑީއެސްއޭ) އިން ނުދެކެއެވެ.

" މިޒަމާނުގައި ގައުމަކާ ދެކޮޅަށް ޖާސޫސް ކުރާކަށް ސެޓެލައިޓެއް ތަރައްގީއެއް ނުކުރާނެ،" އައިޑީއެސްއޭގެ ސީނިއާ އެނަލިސްޓް އަޖޭ ލެލީ ސީއެންއެންއަށް ވިދާޅުވެފައި ވެއެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނަފީސް ޒަކަރިއްޔާ ވިދާޅުވެފައި ވަނީ މަޝްރޫއުގައި ބައިވެރިވާން އެ ގައުމުން ފުރަތަމަ ޝައުގުވެރިވި ކަމަށެވެ.

"އެކަމަކު އިންޑިއާގެ އެއްބާރުލުން ނުލިބުނު ގުޅިގެން ހިންގާ ކަމެއްގެ ގޮތުގައި އެކަން ކުރިއަށް ގެންދާކަށް. [އެހެންވީމާ] ސާކްގެ ސަރަހައްދީ ކުޑައިގެ ދަށުން ހިންގާ މަޝްރޫއެއް ގޮތައް އެކަމަށް އެއްބާރުލުން ދިނުމަކީ ޕާކިސްތާނަށް ކުރެވޭނެ ކަމެއް ނޫން،" ނަފީޒް ޒަކަރިއްޔާ ސީއެންއެންއަށް ވިދާޅުވެފައި ވެއެވެ.

ޕާކިސްތާނުން މަޝްރޫއުގައި ބައިވެރިނުވީ ޖާސޫސްކުރުމުގެ ބިރާ ހެދި ކަމަށް ދެކެވޭ ވާހަކަ އޭނާ ވަނީ ދޮގު ކުރައްވާފަ އެވެ.