ދުނިޔެ

މަރަށް ހުކުމްކޮށް 30 އަހަރު ޖަލުގައި ހޭދަކުރި ފަހުން ކުށެއް ނެތްކަން އެނގިއްޖެ

Apr 4, 2015

މީހަކު މެރުމުގެ ކުށުގައި މަރަން ހުކުމްކޮށް 30 އަހަރު ވަންދެން ޖަލުގައި ހޭދަކޮށްފައި ވަނިކޮށް، އަލުން ތަހުގީގު ހިންގުމުން އެމެރިކާ މީހަކު އަދަބުން ސަލާމަތްވެއްޖެ އެވެ.

އުމުރުން 58 އަހަރުގެ އެންތަނީ ރޭ ހިންޓަންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 1985 ވަނަ އަހަރު ދެ މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލި މައްސަލައެއްގަ އެވެ. އެކަމަކު މި މައްސަލަ އަލުން ކޯޓުގައި ހިންގުމަށް މިދިޔަ އަހަރު ފުރުސަތު ދިނުމުން އަލުން ބެލިއިރު ހިންޓަންގެ މައްޗަށް މަރުގެ މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށް ވަނީ ހާމަވެފަ އެވެ. މި މައްސަލަ ކޯޓުގައި އަލުން ހިންގަން ސުޕްރީމް ކޯޓުން އަމުރު ކުރީ ހިންޓަން އަށް ކުށުން ބަރިއްޔަ ވުމަށް އެކަށީގެންވާ އެހީ ލިބިފައި ނުވާތީ އެވެ.

ބަޑިޖަހައި ދެ މީހުން މަރާލި ހާދިސާ ހިނގި ތަނުން ފެނުނު އުންޑަތައް ތަހުލީލު ކުރި އިރު އެއީ ހިންޓަންގެ ގެއިން ފެނުނު ބަޑީގައި ބޭނުންކޮށްފައިވާ އުންޑަތަކެއް ކަމެއް ބެލެވޭނެ ކަމެއް ނުފެނުނެވެ. އެހެންވެ ކޯޓުން ނިންމީ ހިންޓަންގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.

ހިންޓަންގެ ވަކީލުން ވިދާޅުވީ ކުރިން ކުށް ސާބިތުވެފައި ވަނީ ރަނގަޅަށް ވަކާލާތު ކުރެވިފައި ނެތުމުން ކަމަށެވެ. އޭރު ހިންޓަންގެ އަތުގައި ފައިސާ ނެތް ކަމަށް ބަލައި، އޭނާ އަށް ކޯޓުގައި އެހީވާން އެއްބަސްވި ހަތިޔާރާ ބެހޭ ތަޖުރިބާކާރު ފީއެއްގެ ގޮތުގައި ހުށަހެޅީ 1000 ޑޮލަރެވެ. އެ އަދަދު ކުޑަކަމުން، ކޯޓުގައި ތިބި މީހުން ހޭން ވެސް ފެށި އެވެ.

ހިންޓަން ޖަލުން ނިކުމެ އާއިލާގެ މެންބަރުންނާ ބައްދަލު ކުރުމަށް ފަހު ވަނީ މިހާ ގިނަ ދުވަހު ޖަލުގައި ހުންނަން ޖެހުނު ސަބަބާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ 30 އަހަރު ޖަލުގައި ހުރި ފަހުން ސަލާމަތްވީ އެންމެ ކަމެއް ކުރުމުން ކަމަށާއި ކުރަން ޖެހުނުހާ ވެސް ކަމަކީ ބަޑި ޓެސްޓްކޮށްލުން ކަމަށެވެ. --ބީބީސީ