ހަބަރު

އެމްޑީޕީ އަށް އިންތިހާބު ކާމިޔާބުވެއްޖެ: ހަސަން ލަތީފް

ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނެ އެމްޑީޕީން މި އިންތިހާބު ކާމިޔާބު ކޮށްފި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީ އަކީ ވޯޓުން ތާއީދު ދައްކާ ބައެއް ކަމަށާއި މި އިންތިހާބުން ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނެފިކަން ވަރަށް ރަނގަޅަށް ހާމަވެއްޖެ ކަމަށެވެ. އަދި މި އިންތިހާބަކީ ދަތި އުނދަގޫ ތަކަާއެކު ބޭއްވުނު ނަމަވެސް ލިބުނު ކާމިޔަކީ ހައްގު ކާމިޔާބެއް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

ކުޑަ ތަފާތަކުން އެމްޑީޕީން ކާމިޔާބު ކޮށްފައިވާ ބައެއް ކައުންސިލްތަކުން ކުދި ކުދި މައްސަލަތައް ނަގައިގެން މުޅި އިންތިހާުބު ބާތިލް ކުރަން އުޅޭ ކަމުގެ އަޑު ފެތުރެމުންދާ ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

"މި އިންތިހާބު ކާމިޔާބު ކޮށްފައި މިވަނީ އެމްޑީޕީން ކުރި ބުރަ މަސައްކަތުން. ސަރުކާރުން އިންތިހާބު ބާތިލް ކުރަން އުޅޭ ކަމުގެ އަޑު ފެތުރެމުން އެބަދޭ. އުންމީދު ކުރަނީ އެކަހަލަ ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް،" ލަތީފް ވިދާޅުވި އެވެ.

އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އިންތިހާބުން ރައްޔިތުންނަށް ލިބިގެން ދިޔައީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އިދިކޮޅަށް އޮތް ތާއީދު މިވަނީ ހިސާބު އަދަދުން ދައްކާފައި ކަމަށެވެ. އަދި މި އިންތިހާބުން ދައްކުވައިދެނީ ރައީސް ޔާމީނަށް އޮތް ގޮތަކީ ސިޔާސީ ލީޑަރުން މިނިވަން ކުރުން ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.