ދުނިޔެ

ބޮކޯހަރާމުން ކިޑްނެޕްކުރި 80 ކުއްޖަކު ދޫކޮށްލައިފި

May 7, 2017

ނައިޖީރިއާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބޮކޯހަރާމް އިން މީގެ ތިން އަހަރު ކުރިން ކިޑްނެޕް ކޮށްފައިވާ 276 އަންހެންކުދިންގެ ތެރެއިން 80 ކުއްޖަކު އެ ޖަމާއަތުން މިނިވަން ކޮށްފި އެވެ.

ބީބީސީ ބުނީ ބޮކޯހަރާމުން ކިޔަވާ ކުދިންތައް ދޫކޮށްލީ ނައިޖީރިއާ ސަރުކާރާއެކު ދެއްކި ވާހަކަތަކަށް ފަހު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނައިޖީރިއާގެ އިރުއުތުރު ސަރަހައްދުން ބޮކޯ ހަރާމް އިން ވަގަށް ނެގި "ޗިބުކް ގާލްސް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ކިޔަވާ ކުދިންގެ މައްސަލައިގައި މުޅި ދުނިޔެއިން އޭރު ކަންބޮޑުވުން ފާޅުކުރި އެވެ. އެންމެ ފަހުން ދޫކޮށްލި 80 ކުދިން ދޫކޮށްލުމާ ހަމައަށް އޭގެ ތެރެއިން 195 ވަނީ ނުހޯދި އެވެ. މިފަހަރު ދޫކޮށްލި ކުދިން ދޫކޮށްލުމުން ވެސް އަދި 100 ކުއްޖަކަށް ވީ ނުވީއެއް ވަނީ ނޭނގިއެވެ.

ބީބީސީއަށް މައުލޫމާތު ދިން މަސްދަރުތަކާ ހަވާލާދީ އެ އެޖެންސީން ބުނީ ބޮކޯހަރާމުން މިނިވަންކުރި ކުދިން މިހާރު ތިބީ ނައިޖީރިއާ ސިގފައިންގެ ބެލުމުގެ ދަށުގައި ކަަމަށެވެ. އަދި ބުނީ އެކަހެރި ހިސާބަކުން ނައިޖީރިއާއާ ކެމެރޫން ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ސިފައިންގެ މަރުކަޒަކަށް ގެންދިޔައީ އެއްގަމު އުޅނަދުތަކެއްގައި ކަމަށެވެ.

ނައިޖީރިއާގެ ޗިބޫކް ނަމަކަށް ކިޔާ ރަށުގައިވާ ސްކޫލަކަށް ބޮކޯ ހަރާމް ހަނގުރާމަވެރިން ވަދެ ގަނެ އަންހެންކުދިންތައް ރަހީނުކުރީ 2014 ވަނަ އަހަރު އެވެ. އެކުދިންގެ ތެރެއިން 50 ކުއްޖަކު އެމީހުންގެ އަތްދަށުން ސަލާމަތްވެގެން އަމިއްލަށް ފިލި އެވެ. އަދި އޭގެ ފަހުން ނައިޖީރިއާ ސަރުކާރުން ހަނގުރާމަވެރިންނާ ވާހަކަ ދައްކަައިގެން އިތުރު 21 ކުއްޖަކު މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ސަލާމަތްކުރި އެވެ.