ދުނިޔެ

ހަމާސްގެ ލީޑަރަކަށް އިސްމާއީލް ހަނިއްޔާ ހަމަޖައްސައިފި

May 7, 2017

ފަލަސްތީނުގެ ޣައްޒާަގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުން އެ ޖަމާއަތުގެ އެންމެ އިސްވެރިއަކަށް އިސްމާއީލް ހަނިއްޔާ ހަމަޖައްސައިފި އެވެ.

ހަމާސްގެ ވެރިއަކަށް ކުރިން ހުންނެވީ ޚާލިދު މަޝްއަލް އެވެ. ޚާލިދު މަޝްއަލްއާ ހިލާފަށް ހަނިއްޔާއަކީ ޣައްޒާގައި ދިރިއުޅުއްވާ ބޭފުޅެކެވެ. މަޝްއަލް ދިރިއުޅުއްވަނީ ގަތަރުގެ ވެރިރަށް ދޯހާގަ އެވެ. ހަނިއްޔާއަކީ ފަލަސްތީނު މީހުން ކުރިން އިންތިހާބު ކުރި ސަރުކާރުގެ ބޮޑުވަޒީރުކަން ވެސް ކުޑަ ދުވަސްކޮޅަކު ކުރައްވާފައިވާ ބޭފުޅެކެވެ.

ހަމާސްގެ ލީޑަރު ބަދަލުވެފައި މިވަނީ އެ ޖަމާއަތުގެ ސިޔާސަތު ވެސް ވަރަށް ބޮޑަށް ބަދަލުވެފައިވާ ދަނޑިވަޅެއްގައެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ހަމާސްގެ ކުރީގެ ލީޑަރު ޚާދިދު މަޝްއަލް މޭމަހުގެ ފުރަތަމަ ދުވަހު އާއްްމު ކުރެއްވި ލިއުމެއްގައިވާ ގޮތުން އިޒްރޭލުގެ ދައުލަތް ފުރަތަމަ އުފެއްދި ފަހުން 1967 ވަނަ އަަހަރާ ހަމައަށް ފަލަސްތީނުގެ ބިންތަކުގެ ގޮތުގައި އޮތް ސަރަހައްދަކީ ފަލަސްތީނުގެ ދައުލަތުގެ ބިންތައް ކަމަަށް ގަބޫލުކުރަން އެ ޖަމާއަތް މިހާރު އޮތީ ތައްޔާރަށެވެ. ނަމަވެސް 1988 ވަނަ އަހަރު ހަމާސް އުފެއްދި އިރު އޮތް ޗާޓަރުގައިވާ ގޮތުން ފަލަސްތީނުގެ ދައުލަތުގެ ބިންތައް ކަމަށް އެ ޖަމާއަތުން ގަބޫލު ކުރާނީ އިޒްރޭލް ނުއުފައްދާ އިރު އޮތް ގޮތަށެވެ. އޭގެ މާނައަކީ އިޒްރޭލުގެ ގޮތުގައި އޮތް ސަރަހައްދު ވެސް ފަލަސްތީނުގެ ސަރަހައްދު ކަމަށް އެ ޖަމާއަތުން ބެލުމެވެ.

މިނިވަން ކުރަން ޖެހޭ ސަރަހައްދަކީ 1967 ވަނަ އަހަރު އިޒްރޭލާ އަރަބިންނާ ދެމެދު ހިނގި ހަނގުރާމައިގައި އިޒްރޭލުން ހިފި ބިންތައް އެކަނި ކަމަށް ގަބޫލު ކުރިޔަސް އިޒްރޭލު އެއީ ދައުލަތެއްގެ ގޮތުގައި ހަމާސްގެ އާ ލިއުމުގައި ވެސް ރަސްމީކޮށް ގަބޫލުކޮށްފައެއް ނުވެއެވެ. ނަމަވެސް 1967 ވަަނަ އަހަރާ ހަމައަށް ފަލަސްތީނުގެ ބިންތަކުގެ ގޮތުގައި އޮތް ސަރަހައްދު ނަގާފައި އަނެއްބައި ދޫކޮށްލަން އެއްބަސްވުމަކީ އިޒްރޭލު ދެމި އޮތުމަށް ޖާގަދޭން ބޭނުންވާ ކަން ހާމަވާ ކަމެކެވެ. ހަމާސް އިން ކުރިން ބުނަމުން އައީ އިޒްރޭލު އެކުގައި ނައްތައިލަން ޖެހޭ ކަމަށެވެ.

ހަމާސްގެ ސިޔާސަތަށް އައި އަނެއް ބަދަލަކީ އެޖަމާއަތުން އިޒްރޭލާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ދީނީ ހަނގުރާމައެއް ނޫން ކަމަށް ބެލުމެވެ. އިއްޔެ އާއްމުކުރި ސިޔާސަތުގައިވާ ގޮތުން ހަމާސްގެ ދެކޮޅުވެރިކަން އޮތީ ހުރިހާ ޔަހޫދީންނަކަށް ނޫނެވެ. ނަމަވެސް ދެކޮޅުވެރިކަން އޮތީ ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބި ޒަޔަނިސްޓް ޔަހޫދީންނަށެވެ.

ހަމާސް އުފެއްދި އިރު އެ ޖަމާއަތުގެ އަސްލު ކަމަށް ބެލި މިސްރުގެ އިޚުވާނުލް މުސްލިމީން އާ އެޖަމާއަތާ އޮތް ގޮޅުން ވެސް ފަހުގެ ސިޔާސަތުން ވަނީ ކަނޑާލާފަ އެވެ. ލިއުމުގައި ބުނެފައި ވަނީ އެ ޖަމާއަތަކީ ފަލަސްތީނު މިނިވަން ކުރަން، މިނިވަންކަމާއެކު މަސައްކަތްކުރާ ޖަމާއަތެއް ކަމަށެވެ. އެކަމަކު 1988 ގެ ޗާޓަރުގައި އިޚުވާނުލް މުސްލިމީންގެ ވާހަކަ ހަ ފަހަރު ބަޔާންކޮށް، ހަމާސްއަކީ އެ ޖަމާއަތުގެ ގޮތްޕެއް ކަމަށް ދޭހަވާ މިންވަރަށް އެ ޖަމާއަތަށް ޖާގަދީފައި އޮތެވެ.

މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ހަމާސްގެ ސިޔާސަތުތައް ބަދަލުކުރީ ބައިނަލް އަގުވާމީ ގޮތުން އެޖަމާއަތް އެކަހެރިވެފައި އޮތް އޮތުމަށް ލުޔެއް ހޯދުމަށެވެ.