ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އިންތިހާބު ކާމިޔާބު ކުރެވިއްޖެ ކަމަށް ޕީޕީއެމުން ވެސް ބުނެފި

  • އަމިއްލަ ގިނަ ކެންޑިޑޭޓުން ޕީޕީއެމާ ގުޅޭނެ
  • ނަތީޖާއިން ރަނަގޅު ކުރަން ޖެހޭ ކަންކަން ސާފުވެއްޖެ
  • ބައެއް ދާއިރާ ގެއްލުނަސް ޕްރޮޖެކްޓްތަކަށް ހުއްޓުމެއް ނެތް

އިދިކޮޅު ޕާޓީތަކުން އަންނަނީ ނަތީޖާގެ ނަމްބަރުތައް މިސްލީޑް ކުރާ ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބުގައި މިހާތަނަށް ކުރި ހޯދާފައި ވަނީ ޕީޕީއެމް ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިވަގުތަށް ލިބުނު ނަތީޖާތަކަށް ބަލާއިރު ވެސް ޕީޕީއެމްއަށް ރަނގަޅު ނަތީޖާތަކެއް ލިބިފައިވާ ކަމަށާއި މިހާތަނަށް ސާފު ކުރެވުނު ނަތީޖާއަށް ބަލާއިރު ޕީޕީއެމްއަށް 219 ގޮނޑި ލިބިފައިވާ އިރު އިދިކޮޅު ފަރާތްތަކަށް ލިބުނީ 206 ގޮނޑި ކަމަށެވެ.

ބައެއް ފަރާތްތަކުން އިންތިހާބުގެ ނަތީޖާއާ ބެހޭ ގޮތުން އުޅޮން އަރާފަދަ ވާހަކަތައް ފަތުރަމުންދާ ކަމަށާއި އެ ފަރާތްތަކަށް އިންތިހާބު ކާމިޔާބު ކުރެވިފައިވާ މަންޒަރު ރައްޔިތުންނަށް ދައްކަމުން ދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް ޕީޕީއެމް ކުރި ހޯދާފައިވާ އިރު ނުގުނާ ހުރި 100 ވަރަކަށް ވޯޓު ފޮއްޓަކީ ޕީޕީއެމްއަށް ވަރަށް ބޮޑު ތާއީދެއް އޮތް ސަރަހައްދުތަކުގައި ކަމަށާއި އެހެންކަމުން މިހާރަށް ވުރެ ބޮޑު ކާމިޔާބީއެއް ލިބިގެން ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"މިދިޔަ ދުވަސްތަކުގައި ކުރިޔަށް ދިޔަ މަސައްކަތްތަކުން ވަރަށް ރަނގަޅު ކުރިއެރުމެއް މިއޮތީ ލިބިފައި. ޕީޕީއެމްއަކީ އިންތިހާބުތަށް ކާމިޔާބު ކުރަމުން އަންނަ ޕާޓީއެއް. ނަމަވެސް މިދިޔަ ހައެއްކަ މަސް ތެރޭގައި ޕާޓީގެ އޮނިގަނޑަށް ބަދަލުތަކާއި ރައީސް ޔާމީން ވާދަ ކުރައްވަން ޖެހިވަޑައިގަތީ ޕާޓީގެ ތެރެއިން ނިކުތް ބަޔަކާއި އިދިކޮޅު ފަރާތްތަކާ. އެގޮތުން ބަލާ އިރު މިއީ ވަރަށް ފުރިހަމަ ކާމިޔާބެއް. އަދި 2018 ކާމިޔާބު ކުރަން ލިބިގެންދާ އިތުރު ހިތްވަރެއް،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ކައުންސިލް އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ދިޔަ ނަމަވެސް ސަރުކާރުން ކުރިއަށް ގެންދާ ތަަރައްގީގެ މަސައްކަތްތައް އެއްވެސް ތަފާތު ކުރުމެއް ނެތި ކުރަމުންގެންދާނެ ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ދިނުމުގެ މަސައްކަތް ކުރުމަށް ކައުންސިލްތަކަށް ޒިންމާތަކެއް ހަވާލުކުރެވިފައިވީ ނަމަވެސް ހާއްސަކޮށް އެންމެ ބޮޑު ދެ ސިޓީ ކައުންސިލް ކަމަށްވާ މާލެއާއި އައްޑޫ ކައުންސިލަށް މިދިޔަ ދުވަސްތަކުގައި ހިދުމަތް ދެވިފައި ނުވާ ކަމަށާއި އެތަންތަނުގައި ރައްޔިތުންނަށް ހިދުމަތް ދިނީ ސަރުކާރުން ކަމަށެވެ. އެހެންކަމުން ކައުންސިލްތަކުން މަސައްކަތް ކުރާ ގޮތާ ދޭތެރޭ ރައްޔިތުން ވިސްނާ ކައުންސިލް ތަކުގެ މަސައްކަތްތައް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

ކައުންސިލް އިންތިހާބުގެ ނަތީޖާ އިން ސަރުކާރަށް ވެސް ކަންތައްތަކެއް ސާފުވެފައިވާ ކަމަށާއި އެނަތީޖާއަށް ބަލައިގެން ސަރުކާރުން ވެސް ކަންކަން އިސްލާހު ކުރަމުންދާނެ ކަމަށެވެ.

ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ކައުންސިލް އިންތިހާބުތަކުގައި އަތޮޅުތަކުގެ ރައްޔިތުންގެ ވޯޓަކީ ސިޔާސީ ޕާޓީއަށް ވުރެ ބޮޑަށް އާއިލީ ފަރާތަކަށް ދޭ ވޯޓެއް ކަމަށާއި ނަމަވެސް އެ ފަރާތްތަކަކީ ވެސް ތަރައްގީއަށް ތާއީދު ކުރާނެ ބައެއް ކަމަށެވެ. އެހެންކަމުން މިނިވަން ކެނޑިޑޭޓުންގެ ކާމިޔާބުކޮށްފައި 102 ގޮނޑީގެ ބޮޑު ބައެއް ވެސް ޕީޕީއެމްއަށް ލިބޭނެ ކަމަށެވެ.