ދުނިޔެ

ޣައްޒާއަށް ދާން އޮންނަ މަގު މިސްރުން ހުޅުވާލައިފި

May 7, 2017

އިސްރާއީލާއި މިސްރު ގުޅިގެން ހިސާރުކޮށްފައިވާ ފަލަސްތީނުގެ ޣައްޒާއާއި މިސްރާއި ދެމެދު އޮންނަ ރަފަހު ބޯޑަރު އެއްކޮޅަށް ދަތުރުކުރެވޭ ގޮތަށް މިސްރުން ހުޅުވާލައިފިއެވެ.

މިސްރުން ހޮނިހިރުދުވަހު ރަފަހު ބޯޑަރު ހުޅުވާލާފައި ވަނީ ހަމަ އެކަނި ޣައްޒާއާ ވީކޮޅަށް ދަތުރުކުރެވޭ ގޮތަށެވެ. ޣައްްޒާގެ ރައްޔިތުން ފަލަސްތީނުން ބޭރަށް ދެވެން އޮންނަ މަގުން މިސްރާވީ ކޮޅަށް ދަތުރުކުރުމުގެ ހުއްދައެއް ނުދެއެވެ.

ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުން އެރަށުގަައި ހިންގާ އިންޓީރިއާ މިނިސްޓްރީގެ ކްރޮސިންގް އެންޑް ބޯޑާ އޮތޯރިޓީއާ ހަވާލާދީ ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރުން ބުނީ ބޯޑަރު ހުޅުވައިލީ ޣައްޒާއަށް ނުދެވި މިސްރުގައި ތާށިވެފައި ތިބި މީހުން ދަތުރުކުރުމަށް ކަމަށެވެ. ޣައްޒާ އިންޓީރިއާ މިނިސްޓްރީން ބުނެފައި ވަނީ ޣައްޒާއިން ބޭރަށް ދަތުރުކުރަން ނަންނޯޓްކޮށްގެން އެރަށުގެ 20000 މީހުން އެބަތިބި ކަމަށެވެ.

ޣައްޒާއިން ބޭރަށް ދާން ނަންނޯޓްކުރި ނަމަވެސް މިސްރުން ފުރުސަތު ނުދީގެން ދަތުރުނުކުރެވިފައި ތިބި ޣައްޒާ މީހުންނަކީ ބަލިމީހުންނާއި އެހެން ގައުމުތަކުގައި ކިޔަވާ ދަރިވަރުންނާއި އެހެން ގައުމުތަކުގެ ޕާސްޕޯޓާއި ދިރިއުޅުމުގެ ހުއްދަ އޮންނަ މީހުންނެވެ. މިސްރުން ރަފަހު ބޯޑަރު މިފަހަރު ހުޅުވާލީ އެއްގޮތަކަށް ވެސް ނުހުޅުވާ އޮންނަތާ 55 ދުވަސް ފަހުންނެވެ. ރަފަހު ބޯޑަރު މިސްރުން މުޅިން ބަންދުކޮށްލީ 2013 ވަނަ އަހަރުއެވެ. އޭގެ ފަހުން އެ ސަރަހައްދު ހުޅުވަނީ ހާއްސަ ހާލަތްތަކުގައެވެ.