ކުޅިވަރު

ނިއު އާއި އީގަލްސްގެ މެޗަށް ފަހު ތަޅާފޮޅުމެއް

May 8, 2017
1

އީގަލްސްއިން ނިއުރޭޑިއަންޓްގެ މައްޗަށް 1-0ގެ ނަތީޖާ އަކުން ކާމިޔާބު ހޯދި މެޗަށް ފަހު، ދެ ޓީމުގެ ބައެއް ކުޅުންތެރިންގެ މެދުގައި، ފަހު ވަގުތު ކުރިމަތި ލުމެއް ހިނގައި ތަޅާ ފޮޅުމަކަށް ބަދަލު ވެއްޖެ އެވެ.

ފުރަތަމަ ހާފުގައި ކާމިޔާބު ކުރި، ހަމަ އެކަނި ލަނޑުން، އީގަލްސް މޮޅުވި މެޗުގެ ރެފްރީގެ ފަހު ކަށި ގަނޑާއެކު، މެޗު ނިންމާލައި، ދެ ޓީމުގެ ކުޅުންތެރިންގެ ސަލާމް ކުރަމުން ދިޔަ ވަގުތު އެވެ. ކުރިމަތިލުން ހިނގާން ދިމާވީ، އީގަލްސްގެ އިބްރާހިމް މުބީން (މުއްކި) އާއި ނިއުގެ އެޑްރިއަން ގަލާޑޯއާ ދެމެދު ހިނގި ކުރިމަތި ލުމަކުން ނެވެ.

ދެ ޓީމު ބައެއް ކުޅުންތެރިންގެ މެދުގައި، ހޫނުވެ ގަޔަށް އަތްލާ ހިސާބަށް ދިޔަ ހަމަނުޖެހުން ދެންތިން މިނެޓަށް ހާއިރަށް ކުރިއަށް ދިޔަ އެވެ. މައްސަލަ ހުއްޓުވަން ފުލުހުންވެސް ދަނޑަށް އެރި އެވެ. މެޗުގެ ސެކިއުރިޓީ ބަލަހައްޓަން ދަނޑަށް އައިސްތިބި ތިން ފުލުހުން ނެވެ. ހަމަނުޖެހުމުން ކުޅުންތެރިން ދުރުކުރުމަށް، ދެ ޓީމުގެ ކޯޗުން މުހިންމު ދައުރެއް އަދާ ކުރި އެވެ. ނަމަވެސް އީގަލްސްގެ ސީނިއާ ބައެއް އޮފިޝަލުން، ދަނޑަށް އަރައި ނިއުގެ ބައެއް ކުޅުންތެރިނާ ދިމާ ކުރި އެވެ. އަދި ނިއުގެ ބައެއް ސީނިއާ ކުޅުންތެރިންގެ ފަރާތުން ވެސް، ހަމަނުޖެހުން ހުއްޓުވުމުގެ ބަދަލުގައި، ފެނިގެން ދިޔައީ، އީގަލްސްގެ ބައެއް ކުޅުންތެރިންނާއި ދިމާކުރި މަންޒަރެވެ.


މެޗަށް ފަހު ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ ސާންތީ ބުނީ، ހަމަނުޖެހުން ހިންގުމުގައި އީގަލްސްގެ ކުޅުންތެރިޔަކު ޝާމިލުވިޔަސް، އޭނާ އެދެނީ އެކުޅުންތެރިޔަކާ މެދުވެސް އެފްއޭއެމް ފިޔަވަޅު އެޅުމަށް ކަމަށެވެ.

"ދަނޑަށް އަރާ ހަމަނުޖެހުން ހިންގި ކުޅުންތެރިންނަށް، ހަމަ ކޮންމެ ކުލަބެއްގެ ކުޅުންތެރިޔަކަށް ވިޔަސް އަދި އީގަލްސްގެ ކުޅުންތެރިޔަކަށް ވިޔަސް، ދަނޑު ބޭރުން މި އެރި މީހުންނަށް ވިޔަސް، އަލުގަނޑު އެފްއޭއެމް އަށް ގޮވާލަން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް،" ސާންތީ ބުންޏެވެ.

އަދި އޭނާ ވަނީ ކޮންމެ މެޗަކަށް، ދަނޑަށް އެކަށީގެންވާ ވަރަކަށް ފުލުހުން ބޭތިއްބުމަށް، އެފްއޭއެމް އަށް އިލްތިމާސް ކޮށްފަ އެވެ.

ނިއުރޭޑިއަންޓްގެ ކޯޗް ބެނާޑޯ ޓެވަރޭސް ބުނީ، ދުނިޔޭގެ އެންމެ ޓޮޕް ލީގްގައި، މިފަދަ އެއްވެސް ކަމެއް ނުހިނގާނެ ކަމަށާއި މިކަމުގެ ސަބަުން ރާއްޖޭގެ ފުޓްބޯޅައަށްވެސް ގެއްލުންވާނެ ކަމަށެވެ.

އަދި އޭނާ ވަނީ މެޗު ހޫނު ވެގެން ދިއުމުގައި، ރެފްރީންނަށް ރަނގަޅު ނިންމުން ނިންމަން ނޭންގުމުގެ ދައުރެއް އޮތްކަން ފާހަގަ ކޮށްފަ އެވެ.

ސާންތީ ބުނީ ނިއުރޭޑިއަންޓް ކަހަލަ ބޮޑު ޓީމެއްގެ އަތުން މޮޅުވުމަކީ، ކުރިއަށްދާން ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"ކުރިން ގެއްލުނު ތިން ޕޮއިންޓް ބޮޑު ޓީމެއް އަތުން ލިބުމުން އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިއްޖެ، ކުޅުންތެރިން މިއަދު ވަރަށް ބޮޑަށް މަސައްކަތް ކޮށް، ހަމަ އަޅުގަނޑުމެންގެ ގޭމް ޕްލޭން ރޭވި ހުރިހާ ކަމެއް ﷲ އިރާދަ ކުރެއްވިއްޔާ ކާމިޔާބު ވެއްޖެ،" ސާންތީ ބުންޏެވެ.

މެޗުގައި އީގަލްސްގެ ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތު ކާމިޔާބު ކުރީ މުހައްމަދު ނާއިމް އެވެ. އޭނާ ލަނޑު ޖެހީ އަހްމަދު ރިޒްވާން (ރިޒޭ) ޕެނަލްޓީ އޭރިއާ ބޭރުން، ޕެނަލްޓީ އޭރިއާއަށް ހުރަސް ކުރި ބޯޅައިގައި، ޕެނަލްޓީ އޭރިއާ ތެރޭގައި ތިބި ނިއުގެ ޑިފެންޑަރުން ކައިރިންވެސް ނައްތާ ލުމަށްފަހު އެވެ.