ކުޅިވަރު

ދިވެހި އެހެން ޓީމުތަކަށް، ޓީސީ ނަމޫނާއަކަށް ފުދޭ

May 8, 2017

މިދިޔަ ދެ އަހަރު، ޓީސީ އެއްވަރެއްގައި ހިފެހެއްޓައި، މިއަހަރުގެ ސީޒަންގައި، ބޮޑު ކާމިޔާބަކުން، ފެށުމަކީ، ދިވެހި އެހެން ޓީމުތަކަށް، ނަމޫނާއަކަށް ފުދޭ ޓީމެއް ކަމަށް، މާލޭ ލީގްގައި، މިއަދު ޓީސީއާ ދެކޮޅަށް ނިކުންނަ، ގްރީންސްޓްރީޓްގެ ކޯޗް ސޮބާހް މުހައްމަދު ބުނެފި އެވެ.

ޓީސީ ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަން ފެށީ 2015 ވަނަ އަހަރު އެވެ. ފުރަތަމަ ޑިވިޝަނަށް އައިސް، ގައުމީ ޓީމާއި ރާއްޖޭގެ އެންމެ ޓޮޕް ފުޓްބޯޅައަށް މޮޅު ކުޅުންތެރިންތަކެއް އެ ޓީމުން ދެއްކި އެވެ. މިދިޔަ ސީޒަންގައި ހުރިހާ މުބާރާތެއްގެ ދެ ވަނަ އެޓީމުން ހޯދި އެވެ. އަދި، މިއަހަރުވެސް އާދައިގެ ޓީމަކާއެކު ނިކުމެ ބަންގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންޓަނަނޭޝަނަލް ކަޕް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެވެ.

"އަޅުގަނޑު ކުރިންވެސް މިކަން ފާހަގަ ކުރިން ޓީސީގެ އެ ޕާފޯމަންސަކީ، ހަގިގަތުގައި، ބޮޑެތި ނަންތަކެއް، ތިބެގެން، އައި ޕާފޯމަންސެއް ނޫނޭ، ޓީސީގެ އެއްބައިވަންތަކަމާ، މެނޭޖްމެންޓްގެ ހަރުދަނާ ކަމާ، މީގެއިތުރުން އެހެން ހުރިހާ ކަމެއް މިހިސާބަށް ގެނައުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި [ޓީސީގެ ކޯޗް މުހައްމަދު ނިޒާމް] ނިޒާންބެގެ ދައުރު، ޖައްސަޖައްސައިގެން ދެ އަހަރު އެއްފެންވަރެއްގައި ކާމިޔާބު ހޯދައި، މިސީޒަންގެ ފެށުމުގެ ކުރިން، ހޯދި ބޮޑު ކާމިޔާބީއަކީ ހުރިހާ ޓީމަކުން ރެސްޕެކްޓް ކުރަން ޖެހޭ ކަމެއް،" ސޮބާ

ސޮބާ ބުނީ، ލީގްގައި ވާދަ ކުރާ، އެހެން ޓީމުތަކަށް ވުރެ، ޓީސީގެ އޮތް ސްޓްރައިކް ލައިންގެ އިތުބާރު ބޮޑު ކަމަށެވެ. އޭނާގެ އަމަޒަކީ، މިރޭގެ މެޗުން މަދުވެގެން ޕޮއިންޓެއް ހޯދުމެވެ.

އޭނާ ބުނީ، ގްރީންސްޓްރީޓްގައި ޓޮޕް ޕްލޭޔަރެއް ނެތުމަކީ ޔަގީން ކަމާއެކު 99 ނުވަތަ 95 ޕަސަންޓް މެޗަށް އަންނަން އުނދަގޫވާ ސަބެއް ކަމަށެވެ. ޓޮޕް ލެވަލުގެ، ތިން ހަތަރު ކުޅުންތެރިޔަކު ތިބިނަމަ، އޭނާއަށް ބޮޑު އިތުބާރެއް ލިބޭނެ ކަމަށެވެ. ނަމަވެސް އޭނާގެ ކުޅުންތެރިން ކުރާ މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް، ސޮބާ ބުންޏެވެ.

ނިޒާމް ބުނީ، ފުރަތަމަ ޑިވިޝަންގެ ޖާގަ، ގްރީންސްޓާރީޓުން ޔަގީން ކުރުމުންވެސް، މިއަހަރު ސީޒަންގައި އެޓީމު ވަރުގަދަ ވާނެ ކަން އެނގިގެން ދިޔަ ކަމަށެވެ. މެޗުގައި ޓީސީ އެންމެ ބޮޑަށް ސަމާލުވާނީ، ގްރީން ސްޓްރީޓް ސްޕީޑް ބޭނުންކޮށްގެން އުފައްދާ ހަމަލާތަކަށް ކަމަށް ނިޒާމް ބުންޏެވެ. މެޗުން ނިޒާމްގެ ޓާގެޓަކީ މޮޅުވެގެން ތިން ޕޮއިންޓް ހޯދުމެވެ.

ސޮބާއާ ބެހޭގޮތުން ނިޒާމް ބުނީ، ކޯޗިންގައި ސޮބާ އެފެށީ ފަށަން ޖެހޭ ހިސާބުން ކަމަށާއި، އެގޮތަށް ދިއުމުން ކުރިމަގުގައި ކާމިޔާބު ލިބިގެންދާނެ ކަމަށެވެ.

"ސޮބާ ފަށައިގެން އެދަނީ، ސޮބާ މަސައްކަތް ފަށަންވީ ހިސާބުން، މިހިސާބުން ފަށައިގަތީމަ ކޯޗެއްގެ ގޮތުން ލިބެންޖެހޭ ހުރިހާ ތަޖުރިބާއަކާ އެކުގައި އާދެވެނީނީ، ސޮބާ އެ ކުރާ މަސައްކަތަށް ހަމަ ވަރަށް ބޮޑަށް ތައުރީފް ކުރަން، މާބޮޑެތި ނަންތަކެއް ނެތި، ރިޓަޔާ ކުރަން ތައްޔާރުވެގެން ތިބި ކުޅުންތެރިންތަކަކާއި، އާ ކުޅުންތެރިންތަކެއް ގޮވައިގެން ސޮބާ އެދަނީ ޓީސީވެސް މީގެ ދެ އަހަރު ކުރިން، ދަތުރު ފެއްޓިކަހަލަ ގޮތަކަށް ފައްޓައިގެން، އަދި މިހާތަނަށް އައިއިރު، އަޅުގަނޑު ދެކެނީ ގްރީންސްޓްރީޓަކީ ފުރަތަމަ ޑިވިޝަންގައި ފައި ހަރުކުރާނެ ޓީމެއް ކަމަށް އަޅުގަނޑު ދެކެނީ،" ނިޒާމް ބުންޏެވެ.