ރާއްޖޭގެ ތައުލީމީ ދާއިރާގެ ތަރައްގީގެ މަސައްކަތްތައް ރާވާނީ ދަރިވަރުން ބުނާ ބަސް ކަނުލާއަހައި އެކަންކަމުގެ މައްޗަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ތަރިކަ މަހާސިންތާ ފެށުމުގެ ގޮތުން ތާޖުއްދީން ސުކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓާ ވިދާޅުވީ، މިއަދު މި ފަށާ މަހާސިންތާގައި ދަރިވަރުން އެދޭ ކަންތައްތަކާއި ބެހޭގޮތުން މަޝަވަރާކޮށް ދާއިރާ ތަރައްގީ ކުރުމުގައި އެކުދިންގެ ބަސް ކަނުލައި އަހާނެ ކަމަށެވެ.
މީގެ އިތުރުން، ދަރިވަރުންނަކީ ރާއްޖޭގެ މުސްތަގުބަލް ކަމަށާއި، ރާއްޖޭގެ މުސްތަގުބަލް ބިނާވެގެން ވާނީ މިއަދު އެކުދިން ބައްޓަން ކުރި ގޮތަކަކަށް ކަމަށް ވެސް މިނިސްޓާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ރާއްޖޭގެ މުސްތަގުބަލް ހެޔޮގޮތުގައި ބިނާ ކުރުމަށްޓަކައި ދަރިވަރުންގެ ހިތްތަކުގައި ގައުމަށާއި ދީނަށް ލޯތްބާއި ކުލުނު ޖައްސަން ޖެހޭ ކަމަށާއި ދަރިވަރުންނަށް ދިވެހި ބަހާ ދިވެހި ސަގާފަތާ ދިވެހި ތަރިކައަށް ހިދުމަތް ކުރާނެ މަގުތަށް ފަހި ކޮށްދޭން ޖެހޭ ކަމަށެވެ.
"ދަރިވަރުންގެ ކިބައިިގައި ގައުމި ރޫހު އާލާކޮށް ދިރުވުމަށް ލިޔުމެއް 2014 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ނެރެފައި. އަދިި ދަރިވަރުންގެ އަގީދާ ޅަފަތުގައި ވަރުގަދަ ކުރުމަށް ގްރޭޑް އެކަކުން ހަތަކަށް މަޖުބޫރުކޮށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔަވައި ދެމުންދޭ. އަދި ދަރިވަރުންނަށް އަރަބި ބަސް އުނގަންނައި ދިނުމަށް ރާއްޖޭގެ 51 ސްކޫލެއްގައި އަރަބި ބަސް ކިޔަވައިދޭ." މިނިސްޓާ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ތައުލީމީ ނިޒާމުގައި އިތުރަށް ތަރައްގީ ކުރަން ޖެހޭ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ކަރުދާހެއް ދަރިވަރުން މި މަހާސިންތާގައި ހުށަހަޅާނެ ކަމަށެވެ. އަދި އެ ކަރުދާހުގައި ހިމެނޭ ކަންތައް ތަކާމެދު މަޝްވަރާ ކޮށް އެކަންކަން ފުރިހަމަ ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ސްޓޭޓް މިނިސްޓާ ވިދާޅުވި އެވެ.
މިއަދު ފަށާ މަހާސިންތާއަކީ އެޑިއުކޭޝަން މިނިސްޓްރީ އާއި ދިވެހި ބަހުގެ އެކެޑެމި އާއި މާލޭގެ ހުރިހާ ސްކޫލްތަކެއް ގުޅިގެން ކުރިއެއް ގެންދާ މަހާސިންތާ އެކެވެ. މި މަހާސިންތާގައި މާލޭގެ ހުރިހާ ސުކޫލަކުން ބައިވެރިވާ ކަމަށާއި ކޮންމެ ސްކޫލަކުން 15 ދަރިވަރުން ބައިވެރިވާ ކަމަށް ސްޓޭޓް މިނިސްޓާ ވިދާޅުވި އެވެ. އަދި މި މަހާސިންތާގައި ފަސް ދާއިރާއަކަށް ދަރިވަރުން ބަހާލާއިގެން ކޮންމެ ދާއިރާއަކާ ބެހޭ ކަރުދާހެއް ދަރިވަރުން ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.