ހަބަރު

އެއާޕޯޓް ސެކިއުރިޓީ ވަރުގަދަ ކުރަން ބޭރުގެ އެހީ ހޯދަނީ

އެއާޕޯޓްތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ކޯޕަރޭޓް އޭވިއޭޝަން ސެކިއުރިޓީއާ ގުޅޭ ދެ ވޯކްޝޮޕެއް އެމްއެންޑީއެފް އިން އިސްނަަގައިގެން މިއަދު ފަށައިފި އެވެ.

ކޯސްޓްގާޑް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވޯކްޝޮޕް ފައްޓަވައިދެއްވައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރާއްޖޭގައި އެއާޕޯޓް ސެކިއުރިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ވަރަށް ގިނަ އޮފިސަރުން ތިބި ކަމަށާއި މިކަހަލަ ވޯކްޝޮޕް ތަކުގެ ސަބަބުން މީހުން ތަމްރީނު ކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ވޯކްޝޮޕްތައް ބާއްވަނީ ބޭރުގެ އެހީއަށް ވަރަށް ބޮޑަށް ބޭނުން ވެފައިވާ ދަނޑިވަޅެއްގަ އެވެ. މިކަމުގެ ސަބަބުން އެއާޕޯޓްތަކުގެ ކަންކަން އިސްލާހު ކުރުމާއި ސެކިއުރިޓީ ވަރުގަދަ ކުރުމަށް ކުރަން ޖެހޭ ކަންކަމަށް ބޭރުގެ އެހީތައް އިތުރުވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖެ އަކީ ވަރަށް ގިނަ އަދަދަކަށް ވައިގެ ދަތުރުތައް ކުރާ ގައުމެއް ކަމުން އެއާޕޯޓް ސެކިއުރިޓީގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ ދަށުން ދިމާވާ މައްސަލަ ތަކަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތައް އިތުރު ބާރެއް ލިބިގެންދާނެ" މިނިސްޓަރު ވިދާޅުވި އެވެ.

އެއާޕޯޓް ސެކިއުރިޓީ ޕްރޮގްރާމް ޑީވެލޮޕްމެންޓް ވޯކްޝޮޕާކީ ރާއްޖޭގެ އެއާޕޯޓް ސެކިއުރިޓީގެ ގައުމީ މިންގަނޑު ތަކާއި ކޯޕަރޭޓް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމްގެ މޮޑެލް އާއި އެއްގޮތަށް އެއާޕޯޓް ސެކިއުރިޓީ ތައްޔާރުކުރުމުގެ އިރުޝާދާއި ފަންނީ އެހީތެރިކަން ފޯރުކުރުމަށް މިމަހު 8-11 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ވޯކްޝޮޕެކެވެ. ކޮލިޓީ ކޮންޓްރޯލް ފޭސް ތިނެއްގެ ވޯކްޝޮޕަކީ ދިވެހި ރާއްޖޭގެ މަދަނީ ވައިގެ ބަނދަރު ހިންގުމަށް ބޭނުންވާ މީހުން ބިނާ ކުރުމަށް މިމަހު 14-18 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޯކޮޝޮޕެކެވެ.