ދުނިޔެ

ސައުދީން ކަމެއް ކޮށްފި ނަމަ ވަރުގަދަ ރައްދެއް ދޭނަން: އީރާން

May 8, 2017
1

އީރާނާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން އަސްކަރީ ފިޔަވަޅެއް އަޅައިފި ނަމަ މުސްލިމުންގެ މުގައްދަސް ދެ ރަށް ކަމަށްވާ މައްކާއާއި މަދީނާ ފިޔަވައި ސައުދީގެ ހުރިހާ ތަނަކަށް ހަމަލާ ދޭނެ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުން މިހެން ބުނީ ސައުދީ އަރަބިއްޔާއާ އީރާނާ ދެމެދު ހަނގުރާމައެއް ހިނގާ ނަމަ އެ ހަނގުރާމަ ހިނގާނީ ސައުދީގައި ނޫން ކަމަށާއި އެފަދަ ހަނގުރާމައެއް ހިނގާނީ އީރާނުގައި ކަމަށް ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު އަދި ޑެޕިއުޓީ ކްރައުން ޕްރިންސް މުޙައްމަދު ބިން ސަލްމާން ވިދާޅުވެފައި ވާތީ އެވާހަކަފުޅަށް ރައްދު ދިނުމުގެ ގޮތުންނެވެ.

" ސައުދީން ޖާހިލު އެއްވެސް ކަމެއް ކޮށްފި ނަމަ އަހަރެމެން އަތްނުލާ ދޫނުކުރާނަން އެއްވެސް ތަނެއް، މައްކާއާ މަދީނާ ފިޔަވައި،" އީރާނުގެ ޑިފެންސް މިނިސްޓަރު ހުސައިން ދިހްޣާން ވިދާޅުވި ކަމަށް އީރާނު ސަރުކާރާ ގުޅުން އޮންނަ ތަސްނީމް ނޫހާ ހަވާލާދީ ރޮއިޓާސް ބުންޏެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ ކަމެއް ކުރެވިދާނެހެން ސައުދީއަށް ހީވަނީ އެގައުމުގައި އެއާފޯސް އެއް އޮންނާތީ ކަމަށެވެ.

ސައުދީ ޑިފެންސް މިނިސްޓަރު މުޙައްމަދު ބިން ސަލްމާން ވަނީ މިދިޔަ އަންގާރަދުވަހު އީރާނާ ބެހޭ ގޮތުން ވަރަށް ހަރުކަށިކޮށް ވާހަކަފުޅު ދައްކަވާފައެވެ. މުޙައްމަދަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒުގެ ދަރިކަލެކެވެ.


ސައުދީ ގައުމީ ޓީވީން ދެއްކި އިންޓަވިއުއެއްގައި މުޙައްމަދު ވިދާޅުވެފައި ވަނީ އެގައުމުން އީރާނާ އެއްވެސް ވާހަކައެއް ނުދައްކާނެ ކަމަށެވެ. އީރާނާ ވާހަކަ ދައްކަން ނުޖެހެނީ ސަރަހައްދު ކޮންޓްރޯލް ކުރުމުގެ ވިސްނުން އީރާނުން ގެންގުޅޭތީ ކަމަށް ވެސް ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުމާމެދު ތަފުސީލުކޮށް ވާހަކަފުޅު ދައްކަވަމުން މުޙައްމަދު ވިދާޅުވީ އީރާނުގައި ތަންކޮޅެއް މެދުމިނުގެ ސިޔާސަތުގެ ލީޑަޝިޕެއް އޮތް އިރު ސައުދީން އެ ގައުމާ ވާހަކަ ދެއްކި ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ހަރުކަށި ބަޔަކު އީރާނުގެ ލީޑަޝިޕަށް އައުމުން އެކަން ނާކާމިޔާބުވީ ކަމަށެވެ.

"އަހަރެމެންނަށް ވިސްނުނު ވާހަކަ ދައްކަން އެމީހުން ސީރިއަސްއެއް ނޫންކަން،" ސައުދީއާ އީރާނާ ދެމެދު ކުރި މަޝްވަރާތައް ހުއްޓުނު ގޮތް ކިޔައިދެއްވަމުން މުޙައްމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އީރާނަށް ރަނގަޅު އަވަށްޓެރިއަކަށް ނުވެވިގެން އުޅެނީ އެގައުމުން ގެންގުޅޭ އަގީދާއެއްގެ ސަބަބުން ކަމަށެވެ.

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައާބެހޭ ގޮތުން ވެސް ރޭގެ އިންޓަވިއުގައި މުޙައްމަދު ވަރަށް ތަފުސީލުކޮށް ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ ސައުދީން އެ ހަނގުރާމައިގެ ތެރެއަށް ނުވަދެ ތިބި ނަމަ ހަނގުރާމަ ހިނގާނީ ސައުދީ އަރަބިއްޔާގެ އެތެރޭގައި ކަމަށެވެ. އެހެންވެ އެހިސާބަށް ނުދަނީސް ހޫސީ ހަނގުރާމަވެރިން ބަލި ކުރަން ސައުދީން މަސައްކަތް ފެށީ ކަަމަށެވެ. އަދި ވިދާޅުވީ ހޫސީން ވަރަށް އަވަހަށް ވެސް ބަލިކޮށްލެވިދާނެ ކަމަށާއި އެހެން ނަމަވެސް އެގޮތަށް މަސައްކަތް ކޮށްފި ނަމަ ގިނަ އަދަދެއްގެ ސައުދީ ސިފައިންނާއި ޔަމަނުގެ އާއްމުންގެ އެތައް ބަޔަކު މަރުވާނެ ކަމަށެވެ.

"އަހަރެމެން ބުނުމެން ނުވޭ ހަނގުރާމައަށް ދާކަށް. އެކަމަކު އެކަން ދިޔަ އަހަރެމެން ބައިވެރި ނުވެއްޖެ ނަމަ މާ ނުބައި ނަތީޖާއެއް ނުކުންނަ ހިސާބަކަށް. 2009 ވަނަ އަހަރު ބައިނަލް އަގުވާމީ ކަނޑު ދަތުރަށް ހޫސީ ހަނގުރާމަވެރިން ނުރައްކާ ކުރުމުން އަހަރެމެންނަށް ވަރަށް ނުބައި ތަޖުރިބާއެއް ކުރެވުނު. އަހަރެމެން އިތުރަށް މަޑުކުރި ނަމަ އަހަރެމެންނަށް ފެނުނީސް ހަނގުރާމަ ސައުދީ ހަނގުރާމަ ސައުދީ އަރަބިއްޔާގެ އެތެރެއަށް ބަދަލުވެފައިވާތަން އަހަރެމެންނަށް ފެނުނީސް،" އޭނާ ވިދާޅުވެފަައި ވެއެވެ.