ކުޅިވަރު

ވެލެންސިއާގެ މައްސަލައަކީ ލަނޑު ނުޖެހުން

May 8, 2017
1

މި ސީޒަންގައިވެސް ވެލެންސިއާގެ ކުޅުން ގޯސް ނޫން ކަމަށާއި މައްސަލައަކީ ލަނޑު ނުޖެހުން ކަމަށް، ވެލެންސިއާގެ ހެޑްކޯޗް، އަހްމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

މާލޭ ލީގްގައި މިހާތަނަށް، ވެލެންސިއާއަށް އެއްވެސް މެޗަކުން މޮޅު ވެވިފައެއް ނުވެއެވެ. ނަމަވެސް އެ ޓީމުން ވަނީ މުހިންމު މެޗުތަކުގައި، ރަނގަޅު ފައިޓެއްދީފަ އެވެ. ވެލެންސިއާއަށް ބަޅާއިރު ކުޅުންތެރިންގެ ގޮތުން، އެޓީމު ވަކި ބަލިކައްޓެއް ނޫނެވެ. ނަމަވެސް، ނަތީޖާ ނުނެރެވޭނަމަ، ޓީމުގައި މައްސަލަ އެބަހުރިކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.

"މީގައި ވަރަށް ސާފް މައްސަލަ މިއުޅެނީ ސްކޯ ނުކުރެވިގެން، ސްކޯ ކުރެވޭނަމަ، ރިޒަލްޓެއް މިހެނެއް ނޯންނާނެކަން އަޅުގަނޑުމެންނަށް އެނގޭ،" މާލޭ ލިގްގައި މިރޭ މާޒިޔާއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުން ފެސްކޯ ބުންޏެވެ.

ދެން އޮތީ އެ މައްސަލައަށް ހައްލެއް ހޯދުމެވެ. ފެސްކޯ ބުނީ، އެކި ކުޅުންތެރިންނަށް ސްޓައިކަރުންގެ ރޯލް ދިގެން ޕްރެކްޓިހުގައި އޭނާ މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ.

"އެކި ޕްރެކްޓިސްގައި އެކި ކަހަލަ ގޮތްގޮތަށް ކުރިއަށް ކުޅޭ މީހުންނާ ޑިލް ކުރުމަށް ކުރަމުން މިދަނީ، އެންމެ ޕްރެކްޓިސްއަކުން ބަން ކިޔާފައި ރަނގަޅެއް ނުވާނެ، ބަލިވެސް ފަސޭހަ ވަނީ އެތައްފަހަރަކު ބޭސްކައިގެން، އެންމެ ބޭސް ގުޅައަކުން ބަލި ރަނގަޅު ވަންޏާ އެއީ ޖަދޫއެއް،"

ފެސްކޯ ބުނީ، ޖޫން މަހުގެ ޓްރާންސްފާ ޕީރިއަޑްގައި އެމައްސަލަ ހައްލު ކުރުމަށް ކުޅުންތެރިޔަކު ގެނައުމަށް ކުލަބުން މަސައްކަތް ކުރާނެ ކަމަށެވެ.

ވެލެންސިއާ ދެކޮޅަށް މިރޭ ނިކުންނަ މާޒިޔާގެ ކޯޗް، މަރުޔަން ސެކްލޮސްކީ ބުނީ، އެންމެފަހުން މެޗުގައި ވެލެންސިއާގެ ފަރާތުން ފެނުނު ފައިޓެއް މިރޭ މާޒިޔާއާ ދެކޮޅަށްވެސް ނެރޭނެ ކަމަށް އުންމިދު ކުރާ ކަމަށެވެ.