ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާތައް މަޑުމަޑުން ފުރޮޅެމުން އަންނަ އިރު ސިޓީތަކުން ޕީޕީއެމްއަށް ދިނީ ކުރިން ހީކޮށްގެން ތިބި ނަތީޖާއެއް ނޫނެވެ. ހާއްސަކޮށް މާލެ ސިޓީ ކައުންސިލް ހޯދަން ޕީޕީއެމްއިން ނެރުން "ގަދަ 13" އަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބު ނުކުރެވި ދިޔުމަކީ ޕީޕީއެމްއަށް ވެސް ލިބުނު ބޮޑު ސިހުމެކެވެ. އެއާ ވިދިގެން އެތަށް ސުވާލުތަކެއް ސަރުކާރާ ކުރިމަތި ކުރުވި އެވެ.
ރައީސް ޔާމީންގެ ސިޔާސަތުތަކަށް އެންމެ ގަދަޔަށް ފާޑުކިޔާ ފަރާތްތަކުން ވެސް ދައްކާ އެއް ވާހަކައެއް އެބަ އޮތެވެ. އެއީ ރާއްޖެ ތެރޭ ރަށްތަށް ބާކީކޮށްލާ ސިޓީތަކަށް ތަރައްގީ ގެންނަ ވާހަކަ އެވެ. އަތޮޅުތަކު ތެރޭގައި ހިންގާ މަޝްރޫއުތަކަށް ވުރެ މާލެ ސިޓީއަށް ގިނައިން ހަރަދު ކުރާ ކަމަށް ބުނާ ޝަކުވާތަކެވެ. ހަގީގަތަކީ ސިޓީތަކުގައި ބޮޑު އާބާދީއެއް އޮންނާތީ އެތަންތަނަށް ބޭނުންވާ ތަރައްގީ ވެސް ބޮޑު ވާނެ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި ތިން އަހަރާއި ބައިގެ ތެރޭގައި ވެސް ފެނިގެން ދިޔައީ ވެސް ސިޓީތަކަށް ވަރަށް ބޮޑަށް ފޯކަސްކޮށްގެން ތަރައްގީގެ އެތަށް މަޝްރޫއުތަކެއް ހިންގާ ތަނެވެ.
ކަންމިހެން އޮތް ނަމަވެސް ކައުންސިލް އިންތިހާބުގައި ރައްޔިތުންގެ އަތަށް ގޮތް ނިންމަން ލިބުނު ފުރުސަތުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ކުރިމަތިވި ނާކާމިޔާބީއާ މެދު ހަގީގަތުގައި ވެސް ވިސްނާލަން ޖެހެ އެވެ. ސިޓީތަކުގައި ޕީޕީއެމް އިން ބޭއްވި ބޮޑެތި ކެމްޕެއިންތަކުގައި ރައްޔިތުންނަށް "ވިއްކި" ތަރައްގީގެ ވާހަކަތައް އެ ފަރާތްތަކާ ހަމަޔަށް ނުފޯރީ ހެއްޔެވެ؟ ނޫނީ އެފަދަ ތަރައްގީއެއް އިހުސާސް ނުކުރެވެނީ ބާއެވެ؟
"މާލެ ސިޓީ އަދި އައްޑޫ ސިޓީއަކީ ކުރިން ވެސް ސަރުކާރަށް ވޯޓު މަދުކޮށް ނިކުންނަ ދާއިރާތައް. ނަމަވެސް އަޅުގަނޑުމެން އަތުން ގެއްލުނު އެފަދަ ގިނަ ދާއިރާތަކަކީ އެތަންތަނުގައި އިންތިހާއަށް ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ ދާއިރާތައް. އެހެންކަމުން މި ނަތީޖާގެ ރަނގަޅު އޮޓޯޕްސީއެއް ހަދަން ޖެހޭ. ސަރުކާރުގެ ޕޮލިސީތަކަށް ބަދަލު ގެންނަން ޖެހޭ ދިމާތަކަށް ވިސްނާ އެ ބަދަލުތައް ގެންނަން ޖެހޭ. ކޮންމެއަކަސް މިއީ 2018 އަށް ތައްޔާރުވުމަށް ލިބުން ވަރުގަދަ ފުރުސަތެއް،" ކައުންސިލް އިންތިހާބަށް ފަހު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވި އެވެ.
ޕީޕީއެމްގެ އިސް ފަރާތްތައް އަބަދުވެސް ފާހަގަ ކުރައްވާ ފަދައިން ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތީ ރާއްޖޭގެ ހުރި މައްސަލަތަކާ ކުރިމަތިލާށެވެ. އިގްތިސާދީ ވަރުގަދަ އެޖެންޑާއެއް ހިތްޕަވައިގެނެވެ. ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާ މެދު ބޭރުގެ ފަރާތްތަކާއި އިގްތިސާދީ މާހިރުން ވެސް ދެކެނީ އެފަދައިންނެވެ.
ނަމަވެސް އިގްތިސާދީ ނަޒަރަކުން ބަލާއިރު ސިޓީތަކާ ހަމަޔަށް ރައީސް ޔާމީންއަށް ގެނެސްދެވިފައިވާ ތަރައްގީގެ ބިޔަ މަޝްރޫއުތަކަކީ އޭގެ މަންފާ ދުރު މުސްތަގުބަލުގައި ކުރާ ފަދަ މަޝްރޫއުތަކެވެ. މާލެ ސިޓީއަށް އެކަނި ބަލާ ނަމަ، ތޮއްޖެހުމުން ސަލާމަތްވުމަށް ރައްޔިތުން "ސަލާން ޖަހާޖަހާ" ތިއްބާ ހުޅުލެއާ ގުޅުވާލުމަށް ބްރިޖު އެޅުމުގެ މަސައްކަތައް ފެށުމާއި ސިނާއީ މަސައްކަތްތައް ވަކިކޮށްލުމަށް މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުން ބޮޑު ބިމެއް ހިއްކާ ތަރައްގީ ކުރުމާއި، ސިއްހީ ދާއިރާއަށް އިންގިލާބެއް ގެންނަން 25 ބުރިއަށް އައިޖީއެމްއެޗް ހިއްލުން ފަދަ ބިޔަ މަޝްރޫއުތައް ހިމެނެ އެވެ. ޕީޕީއެމް އިން ސިޓީތަކުގައި ބޭއްވި ކެމްޕެއިންތަކުގައި ރައްޔިތުންނާ ހަމަޔަށް ގެނެސްދިނީ މި ވާހަކަތަކެވެ.
މިއީ ހަގީގަތުގައި ވެސް އޭގެ "ފޮނިކަން" ރައްޔިތުންނަށް ލިބޭ ހިސާބުން ރައީސް ޔާމީންއަށް ކުރާ ތާއީދު އިންތިހާއަށް އިތުރުވެގެން ދާނެ ފަދަ މަޝްރޫއުތަކަކަށް ވެދާނެ އެވެ. ނަމަވެސް އިންތިހާބަކާ ކުރިމަތިލި އިރު ސިޓީތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެ މަޝްރޫއުތަކުން އެންމެ މަޝްރޫއަކުން ވެސް ފައިދާއެއް ނުކުރި އެވެ. ދިގު މުއްދަތުން ފައިދާ ލިބެން ހުރި މި ތަރައްގީތައް ދިޔައީ ރައްޔިތުންގެ "ބޯމަތިންނެވެ".
އައްޑޫ ސިޓީއާ ފުވަމުލަކު ސިޓީއަށް ވެސް ވީ ހަމަ އެފަދަ ގޮތެކެވެ. ޓާޝިއަރީ ހޮސްޕިޓަލްތަކާއި ބިން ހިއްކުމާއި ހައުސިންގެ މަޝްރޫއުތައް ސަރުކާރުން އިއުލާން ކުރެއްވި އިރު ކަައުންސިލް އިންތިހާބު އޮތީ ބޯމަތީގަ އެވެ. އޭގެ ނަތީޖާއަކަށްވީ، އެކަންތައްތަކަކީ ސަރުކާރުން ދެއްކި ދަޅަ ތަކެއް ކަމުގައި ގިނަ ބަޔަކު ބަލައިގަތުމެވެ.
ނަމަވެސް އަތޮޅުތަކު ތެރޭގައި ކުދި ރަށްތަކުގައި އިދިކޮޅު ފަރާތްތަކުގެ މެޖޯރިޓީއެއް އޮންނަ ބައެއް ދާއިރާތަކުން ވެސް ޕީޕީއެމްްއަށް ވޯޓުލީ ސަބަބެއް ނެތި އެއް ނޫނެވެ. އެ ރަށްތަކުން އެންމެ ބޭނުންވީ ތަރައްގީގެ މަޝްރޫއުތައް ގެނެސްދިނުމެވެ. އެއީ ނަރުދަމާ އާއި ފެނުގެ ނިޒާމާއި ބަނދަރު ހެދުން ފަދަ މަޝްރޫއުތަކެވެ. އެފަދަ މަޝްރޫއުތަކަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލެވޭ އަދި އޭގެ ފައިދާ ސީދާ ރައްޔިތު މީހާއަށް ކުރާ ފަދަ މަޝްރޫއުތަކެވެ. އެހެންކަމުން ގިނަ ރަށްތަކުގައި އެފަދަ މަޝްރޫއުތައް ހިންގާފައިވާތީ ޕީޕީއެމްއަށް އެ ދާއިރާތަކުން ގިނަ ވޯޓު ލިބިފައިވާ ކަމަށް ބެލެވެ އެވެ.
"އެއާޕޯޓު ތަރައްގީ ކުރުމާއި އައިހެވަން މަޝްރޫއާ ރިސޯޓުތައް އެޅުން ފަދަ ބިޔަ ކަންކަމަކީ އާންމު ރައްޔިތަކަށް އޭގެ އެންމެ ފުންމިނަށް ވިސްނާ ގަނެވޭނެ މަޝްރޫއުތަކެއް ނޫން. ރައްޔިތުމީހާ ބަލާނީ ސީދާ އޭނައަށް ފައިދާވީ ކޮން ކަމަކުން ކަން. އެހެންވެ އިގްތިސާދު ބިނާ ކުރަން ޖެހޭނީ ދުރު ރާސްތާގައިވާ ފައިދާވާ މަޝްރޫއުތަކާ އެއްވަރަށް ކައިރި މުސްތަގުބަލެއްގައި އޭގެ ފޮނި މީރުކަން ލިބޭ ފަދަ މަޝްރޫއުތަކާ އެކު. އޭރުން ހަމަހަމަ ވާނީ،" އިގްތިސާދީ ދާއިރާގައި ދައުލަތަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ ބޭފުޅަކު "އަވަސް"އަށް ވިދާޅުވި އެވެ.
ނަމަވެސް އެ މަޝްރޫއުތައް 2018 ވަނަ އަހަރުގެ އިންތިހާބުގެ ކުރިން ނިންމާލެވިއްޖެ ނަމަ އެއީ އެ އިންތިހާބުގައި ރައީސް ޔާމީންއަށް ކުޅުއްވޭނެ ވަރުގަދަ ކާޑަކަށް ވާނެ އެވެ. އަދި ޕީޕީއެމްގެ އަމާޒު މިހާރު ހިފާފައި ހުރީ ވެސް ނިހާން އިޝާރާތް ކުރެއްވި ފަދައިން ސަރުކާރުގެ ޕޮލިސީތަކަށާއި ސްޓްރެޓަޖީތަކަށް ބަދަލު ގެންނަން ޖެހޭ ދިމާތައް ބަލައި އެ ބަދަލުތައް ގެނައުމެވެ.
"އަޅުގަނޑުމެން އަތުގައި އެބައޮތް ތަރައްގީގެ މި މަސައްކަތް ހުއްޓާނުލާ ތިބެން ޖެހޭ ކިތަންމެ ސަބަބުތަކެއް. ރައްޔިތުން 2013 ވަނަ އަހަރު ރައީސް ޔާމީންއާ މަތި ކުރި ޒިންމާގެ ދޮޅު އަހަރު އަދިވެސް އެބަ އޮތް ބާކީ. މި ސަރުކާރު ހިނގަނީ ގޯސްކޮށެެއް ނޫން. ނަމަވެސް އުނި ޖެހި ހިފާލަން ޖެހޭ ދިމާލެއް ވާނަމަ އެ ދިމާލެއް ބަލާ ރަނގަޅުކޮށް ސްޕީޑު ވަރުގަދަކޮށްލާނަން. ސިޔާސަތުތަކުން އެއްވެސް ބަދަލެއް ގެނެވިފައި އަދި އެ ބަދަލުތަކުން އިންތިހާބަށް ސީދާ ގޮތެއްގައި އަސަރުކޮށްފައި ހުރި ނަމަ އެކަން ދެނެގަންނާނެ ޓީމުން އަޅުގަނޑުމެން އިޝީންނާނަން ވަރަށް އަވަހަށް. އޭގެ މާނައަކީ އަޅުގަނޑުމެންނަށް އިތުރު ޔަގީން ލިބިއްޖެ 2018ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަން،" ނިހާން ވިދާޅުވި އެވެ.
ކޮންމެއަކަސް ބޮޑު އިންތިހާބެއްގެ ނަތީޖާތަކާ ހަމަޔަށް އަންނަ އިރު ޕާޓީތަކަށް ދަސްވެގެންދާ އެތަށް ފިލާވަޅުތަކެއް ހުރެ އެވެ. ހާއްސަކޮށް މި ނިމުނު އިންތިހާބުގައި ވޯޓުގެ ނަތީޖާއަށް އެންމެ ބޮޑަށް އަސަރު ކުރުވި އެއް ކަމަކީ ވޯޓުލާން ނިކުތް މީހުންގެ އަދަދު މަދުވުމެވެ. އޭގެ އިތުރުން އިންތިހާބު ފަސްވެގެން ދިޔަ ދިޔުން ވެސް އެ ސަބަބުތަކުގައި ހިމެނެ އެވެ.