ހަބަރު

ތެލެސީމިއާގެ ގާނޫނަށް އިސްލާހުތަކެއް ގެންނަނީ

ތެލެސީމިއާގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ހޯދައި އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ތެލެސީމިއާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތެލެސީމިއާ ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ފަރާތުން މިއަހަރު ވަނީ ތެލެސީމިއާގެ ބޭސް ފަރުވާގެ ހިދުމަތް ފަށާފައި ކަމަށާއި ތެލެސީމިއާ ސްކުރީނިން ކުރުމުގެ ހިދުމަތް އަތޮޅު ތަކުގެ ގިނަ ހޮސްޕިޓަލް ތަކުން ހެދޭނެ ކަމަށެވެ. އަދި ލޭ އެޅޭނެ ހިދުމަތްތައް އިތުރަށް ތަރައްގީ ކޮށް އަތޮޅު ތަކުގެ ގިނަ ހޮސްޕިޓަލް ތަކުން އެ ހިދުމަތް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތެލެސީމިއާ ބަލީގެ ހޭލުންތެރިކަން އިތުރުކޮށް ބޮޑުވަމުން އަންނަ ކުދިންނަށް މި ބައްޔާ ބެހޭގޮތުން މައުލޫމާތު ލިބިފައި އޮތުން މުހިންމު ކަމަށެވެ. އަދި މިފަދަ ބައްޔެއް މުޖުތަމައުގައި ފެތުރުން މަދުކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ކުރުމާއި މިކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތަކުން އެކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ލޭ ހޯދުމުގެ ހިދުމަތް ރާވާ ހިންގިފައިވާނެ. އަދި މި ބަލީގެ ހޭލުންތެރިކަން އިތުރު ކުރުމަށް ވަރަށް ގިން ޕްރޮގްރާމްތަކެއް ރާވާ ހިންގިފަވާނެ" މިނިސްޓަރު ވިދާޅުވި އެވެ.

ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ މޭމަހުގެ އަށްވަނަ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ތެލެސީމިއާ ސެންޓަރުގައި އަންނަނީ ވަރަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މީގެ އިތުރުން މިމަހު ފަސްވަނަ ދުވަހު "ރެސްކިއު ޔުއާ ސެލްފް" ގެ ނަމުގައި ލޭ އަޅާ ކުދިންނަށް އަމާޒުކޮށް ވޯކްޝޮޕެއް ވަނީ ހިންގާފަ އެވެ.