ހަބަރު

ޔާމީނަށް އިންސާފް ހޯދައިދިނުމަށް ގޮވާލައި ލަންކާގައި މުޒާހަރާއެއް ކޮށްފި

ބްލޮގަރު އަދި ސޯޝަލް މީޑިއާ އެކްޓިިިވިސްޓް ޔާމީން ރަޝީދުގެ ރަހުމު ކުޑަ މަރާ ގުޅިގެން އެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންތަކެއް މިއަދު މުޒާހަރާކޮށްފި އެވެ.

ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ކައިރީގައި މިއަދު ކުރި މުޒާހަރާގައި ބައިވެރިން ވަނީ ޔާމީން މަރާލީ މަރާލުމުގެ ފަަތުގައިވަނީ ކޮން ބައެއްކަން ހޯދައި ޔާމީންގެ މަރަށް އިންސާފު ހޯދައިދިނުމަށް ޝުއޫރު ފާޅުކޮށްފި އެވެ. މި މުޒާހަރާގައި ބައިވެރިންވަނީ ވީނުވީއެއް ނޭންގި ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިލްވާނަށް ވީގޮތް ހޯދައިދިނުމަށް އެދި ގޮވާލާފައި ވެއެވެ.

މި މުޒާހަރާގައި ޔާމީން ރަޝީދުގެ އާއިލާގެ މެންބަރުންނާއި ލަންކާގައި ދިރިއުޅޭ ދިވެހިންތަކެއް ވަނީ ބައިވެރިވެފަ އެވެ. މި މުޒާހަރާގައި ޔާމީންގެ ހަދާނުގައި "ވައި" އަކުރާއި "ސުވާލު މާކެއް" ޖަހާފައިވާ ރަތް ފުއްޕާހަންތަކެއް ވައިގެ ތެރެއަށް ވަނީ ދޫކޮށްލާފަ އެވެ.

ޔާމީން މަރާލާފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރީގަ އެވެ. ތޫނު އެއްޗަކުން އޭނާއަށް ވަނީ ގިނަ ހަމަލާތަކެއްދީފަ އެވެ. އެ ރަހްމުކުޑަ އަމަލު ރާއްޖެއާއި ބޭރުގެ ގިނަ ފަރާތްތަކަކުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ޔާމީންއަށް އިންސާފު ހޯދައިދިނުމަށް ދަނީ ގޮވާލަމުންނެވެ. ޔާމީންގެ މަރުގެ މައްސަލާގައި މިހާތަނަށް ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.