ކުޅިވަރު

ފުރަތަމަ ބުރުން ގްރީން އިތުބާރު ބޮޑުކޮށްފި

May 8, 2017

ޓީސީގެ މައްޗަށް، 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އިތުބާރައެކު ގްރީންސްޓްރީޓުން ފުރަތަމަ ބުރު ނިންމާލައިފި އެވެ.

މިއަދުގެ ހަވީރު ކުޅުނު މެޗުގައި، ގްރީންގެ ފުރަތަމަ ދެ ލަނޑު ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. އެޓީމުގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ސޮބެލް އިލިޔާއެވެ.

މެޗުގައި ޓީސީގެ ފަރާތުންވެސް އަދި ގްރީން ސްޓްރީޓްގެ ފަރާތުންވެސް ވަނީ ރަނގަޅު ހަމަލާތަކެއް، އުފައްދާފަ އެވެ. ގްރީންގެ ދެ ވަނަ ލަނޑު ފުރަތަމަ ހަފުގެ 45 މިނެޓްގައި ހަމަވެ، އިތުރަށް ދެއްކި ހަތަރު މިނެޓްގެ ތެރެއިން، ފުރަތަމަ މިނެޓްގައި އިލިއާ ވަނީ ކާމިޔާބު ކޮށްފަ އެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައިވެސް، ގްރީންގެ ރިޒްހާން އަށް ވަނީ ތަނަވަސް ފުރުސަތެއް ލިބިފަ އެވެ. އިލިޔާ ދިން ބޯޅައިގައި، ޕެނަލްޓީ އޭރިއާ ތެރޭގައި، ޓީސީގެ ކީޕަރު ކިރަން ކައިރިންވެސް ނައްތާލުމަށްފަހު އޭނާ ފޮނުވާލި ބޯޅަ ގޯލް އޭރިއާގެ ރޮނގުމަތީގައި ހުރި، ޓީސީގެ ބިދޭސީ ޑިފެންޑަރު އީސަ ވަނީ ދިފާއު ކޮށްފަ އެވެ.

ދެ ވަނަ ހާފަށް ނިކުތް އިރު، ދެ ލަނޑުގެ ފަހަތުގައި އޮތް ނަމަވެސް، ޓީސީއިން ވަނީ، ރަނގަޅު ކުޅުމެއް ދައްކައި، އެ ޓީމުން ފުރަތަމަ ހާފުގައި އުފެއްދި ހަމަލާތަކަށް ވުރެ ގިނައިން، ހަމަލާ އުފައްދާފަ އެވެ.

އެޓިމުން އެންމެ ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައީ އިބްރާހިމް މަހްދީ (ހަބޭސް އިއްބެ) އަށެވެ. ގްރީންގެ ހާފުގެ ތެރެއިން އޭނާ އަށް ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ހަމަޔަށް ގޮސް، އޭނާ މަސައްކަތް ކުރީ، ބޮޅަ ދިފާއު ކުރަން ކުރިއަށް އެރި، ގްރީންގެ ކީޕަރު ޖޫން ކޮޗީގެ ބޯމަތިން ގޯލް ތެރެއަށް ބޯޅަ އޮއްސާ ލުމަށެވެ. ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ޓީސީގެ ގޯލް މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ހަބޭސް އިއްބެ އެވެ. އޭގެ ފަހުން މެޗުގެ 81 ވަނަ މިނެޓްގައި، ރިޒްހާންއަށް ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅަ، ޓީސީގެ ޒުވާން ޑިފެންޑަރު އަހްމަދު އައިހަމް އަތުން ނައްޓާލަން އުޅެނިކޮށް، އައިހަމް އަތުގައި ބޯޅަ ޖެހުމުން، ގްރީންގެ ކުޅުންތެރިން ވަނީ ޕެނަލްޓީ އަށް އެޕީލް ކޮށްފަ އެވެ. ނަމަވެސް ރިޒްހާން ވަނީ އަހިހަމް ގާތުން ނައްޓާލުމަށްފަހު އެބޯޅަ ގޯލް ތެރެއަށް ފޮނުވާލަފަ އެވެ.

މެޗުން މޮޅުވެ، ގްރީން އޮތީ 13 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ޓީސީ އަށް ފުރަތަމަ ބުރުގައި ބާކީ އެއް މެޗު އެބައޮތެވެ. އެ މެޗުން މޮޅުވެއްޖެނަމަ، އެޓީމަށް ގްރީންއާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރެވޭނެ އެވެ. އެޓީމަށް އޮތީ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗެވެ.