ކުޅިވަރު

ކުލަބު މޯލްޑިވްސް އެމްއާރްޑީސީއަށް، ފެއިސްޓާ ފެނަކައަށް

May 9, 2017

ސަރުކާރު، އަދި އަމިއްލަ، ކުންފުނި، އޮފީސްތަކަށް ހުޅުވާލައިގެން ބާއްވާ ކުލަބު މޯލްޑިވްސްގެ ފައިނަލުގައި ޕޯޓްސް ލިމިޓެޑް (އެމްޕީއެލްގެ) މައްޗަށް ޕެނަލްޓީ ޖަހައިގެން ކާމިޔާބު ހޯދައި، ރޯޑްޑިވްލަޕްމެންޓް ކޯޕަރޭޝަން، (އެމްއާރްޑީސީ) އިން ޗެމްޕިއަންކަން ހޯދައިފި އެވެ.

ކުލަބު މޯލްޑިވްސްގެ އަންހެން މުބާރާތް 18/30 ފުޓްސަލް ފެއިސްޓާގެ ފައިނަލުގައި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ފެނަކަ އެވެ.

ރޭ، އެމްޕީއެލް އާއި އެމްއާރްޑީސީ ކުޅުނު މެޗު ފުރިހަމަ ވަގުތު ހަމަވީ، ދެޓީމު 4-4 ން އެއްވަރު ވެގެންނެވެ. ޕެނަލްޓީ ގައި، އެމްއާރްޑީސީ ކާމިޔާބު ހޯދީ 4-3 ން ނެވެ.

މެޗުގެ، ފުރަތަމަ ހާފުގައި، އެމްޕީއެލްއިން ވަނީ ތިން ލަނޑު ޖަހާފަ އެވެ. ދެ ވަނަ ހާފަުގައި، އެމްއާރްޑީސީއިން ވަނީ، ފަހަތަުން އަރައި އެއްވަރު ކޮށްފަ އެވެ. ދެ ޓީމުގައިވެސް ވަނީ، ފުރަތަމަ ޑިވިޝަންގެ ގިނަ ކުޅުންތެރިން ހިމެނިފަ އެވެ. ނަމަވެސް އެމްއާރްޑީސީގައި ފުރަތަމަ ޑިވީޝަންގެ ތަޖުރިބާކާރު ކުޅުންތެރިން ގިނަކަން ފާޙަގަކޮށްލަން ޖެހެއެވެ.

އެމްޕީއެލްގެ ހަތަރު ލަނޑުގެ ތެރެއިން އަލީ ޝިފާއު އާއި ހުޒައިފަތު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހާފަ އެވެ. އެމްއާރްޑީސީގެ ލަނޑުތައް ކާމިޔާބު ކުރީ، އަކްރަމް އަބްދުލް ގަނީ އާއި އެޓީމުގެ ކެޕްޓަން އިސްމާއިލް އީސް (މެސީ) އާއި ހަސަން އަދުހަމް އާއި މުހައްމަދު ލިޔާހް އެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ އެވޯޑާއި، އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީ، ކުރިން ވިކްޓަރީ އަށް ކުޅުނު ލިޔާހް އަށެވެ. އޭނާ ވަނީ މުބާރާޓުގައި 16 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ލިޔާހްގެ އިތުރުން، އީސަ އާއި އަލީ ޝާފިއު އާއި ހުޒައިފަތު އަދި އެމްއޭސީއެލްގެ ކީޕަރު އަބްދުﷲ ޒިޔަޒަން އެވެ. ފެއާ ޕްލޭ ކުޅުންތެރިޔަކަށް ހޮވިފައި ވަނީ، ބީއެމްއެލްގެ މުހައްމަދު ސިނާހެވެ، ފެއާޕްލޭ ޓީމަކީ، ހައުސިން މިނިސްޓްރީގެ ޓީމެވެ.

ފެއިސްޓާގެ ޗެމްޕިއަންކަން ފެނަކަ ހޯދީ، 11-2 ތަފާތު ބޮޑު ނަތީޖާ އަކުން ކުރި ހޯދައިގެން ނެވެ. ފެނަކައިގެ ތަފާޓަކަށް ފެނުނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިންގެ މޮޅު ކަމެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފެނަކައިގެ ބިދޭސީ ކުޅުންތެރިޔާ ޖެންޖީރާ އެވެ. އޭނާ ވަނީ ފައިނަލު މެޗުގައިވެސް ހަތަރު ލަނޑު ޖަހާފަ އެވެ. އެނެމް ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ލިބުނީ، ފެނަކައިގެ އެޓީމުގެ އަނެއް ބިދޭސީ ކުޅުންތެރިޔާ ސަސިޗާ އަށެވެ. އޭނާ ވަނީ މުޅި މުބާރާތުގައި 27 ލަނޑު ޖަހާފަ އެވެ.