ދުނިޔެ

ހިއްސާ ގަންނާނެ ބަޔަކު ނުވެގެން ސްރީލަންކަންއަށް ބޮޑެތި މައްސަލަތަކެއް

May 9, 2017
1

ސްރީލަންކާގެ ގައުމީ އެއާލައިން ސްރީލަންކަންގެ 49 ޕަސެންޓް ހިއްސާ ގަނެ، އެ އެއާލައިން ހިންގާނެ އަމިއްލަ ފަރާތެއް ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވެ އެ އެއާލައިނަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.

ގެެއްލުމުގައި ހިންގަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ސްރީލަންކަންގެ 49 ޕަސެންޓް ހިއްސާ ގަންނަން ކުރިން ހުށަހަޅާފައި އޮތީ އެމެރިކާގެ ސެންފްރެންސިސްކޯގައި މަރުކަޒުކޮށްފައިވާ ޓީޕީޖީ ނަމަކަށް ކިޔާ އިކުއިޓީ ފާމަކުންނެވެ. ނަމަވެސް އެ ކުންފުނިން ހުށަހެޅުން އަނބުރާ ގެންގޮސްފައިވާ ކަމަށް ސްރީލަންކަންގެ މުވައްޒަފުންނަށް ޗެއާމަން އަޖިތު ދިއާސް ފޮނުވި މެމޯއެއްގައި ވަނީ ބުނެފައެވެ.

އަޖިތު ދިއާސް ފޮނުއްވި މެމޯގައި ވިދާޅުވެފައި ވަނީ ސްރީލަންކަން އެއާލައިންގެ އިންވެސްޓްމަންޓެއް ލިބި ނުގަންނާނެ ކަމަށް ޓީޕީޖީ އިން އަންގާފައިވާ ކަމަށާއި އެއީ ހިތާމަކުރައްވާ ކަމެއް ކަމަށެެވެ.

"އެމީހުން ދެކޭ ގޮތުގައި އެއާލައިންއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ޓަކައި އިންސާނީ ވަސީލަތާއި މާލީ ވަސީލަތްތައް ބޭނުން ކުރިޔަސް ،އެމީހުންނަށް ލިބެންހުރި އެހެން ފުރުސަތަކުތަކާ އަޅާ ބަލާއިރު އެކަށީގެންވާ ފައިދާއެއް ނުވާނެ ކަމަށެވެ،" ދިއާސް ފޮނުއްވި މެމޯގައި ވިދާޅުވެފައި އޮތް ކަމަށް ލަންކާ ވެބް ނޫހުން ބުންޏެވެ.

އެކަމާ ބެހޭ ގޮތުން ޓީޕީޖީގެ ބަހެއް އަދި ނުލިބޭ ކަމަށް އެ ނޫހުން ބުންޏެވެ.

ސްރީލަންކަން އެއާލައިންގެ ދަރަނި މިހާރު ވަނީ ދެ ބިލިޔަން ޑޮލަރަށް ވުރެ މައްޗަށް އަރާފަ އެވެ. އެކުންފުނި އަލުން ކޮޅަށް ޖެހުމަށް ލަންކާ ސަރުކާރުން މިހާރު ދަނީ އެމިރޭޓްސްއާ އަލުން ވާހަކަ ދައްކަމުންނެވެ. ސްރީލަންކަން އެއާލައިންގެ މައިނޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގެ ހައިސިއްޔަތުން އެ އެއާލަައިން ކުރިން ހިންގަމުން އައީ އެމިރޭޓްސް އިންނެވެ. އެމިިރޭޓްސްއާ ސްރީލަންކަން އެއާލައިން އާ ދެމެދު އޮތް އެއްބަސްވުން އުވައިލެއްވީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ އެވެ. އަމިއްލަފުޅު އާއިލާއާ ގުޅޭ ކަމެއްގައި ރާޖަ ޕަކްސާ އެ އެއްބަސްވުން އުވައިލެއްވުމުގެ ކުރިން ސްރީލަންކަން އެއާލައިންއަކީ ފައިދާ ގައި ހިނގަމުން އައި އެއާލައިނެކެވެ.

ރާޖަޕަކްސާއާއި އެމިރޭޓްސްއާ ދެމެދު މައްސަލަ ޖެހުނީ ޓިކެޓް ގަނެގެން ތިބި ޕަސެންޖަރުންތަކެއް މަޑުކުރުވާފައި ރާޖަޕަކްސާގެ އާއިލީ ބޭފުޅުންނަށް ޖާގަ ދޭން، ސްރީލަންކަން ހިންގަމުން އައި އެމިރޭޓްސްގެ މެނޭޖްމަންޓުން ދެކޮޅު ހެދުމުންނެވެ. އެކަމާ ކޯފާވެގެން ރާޖަޕަކްސާ އެޅުއްވި ފިޔަވަޅަކީ އެމިރޭޓްގެ ފަރާތުން ސްރީލަންކަން އަށް ހަމަޖައްސާފައި ހުންނެވި ސީއީއޯ މަގާމުން ވަކިކުރައްވައި އެމަގާމަށް އާއިލީ ބޭފުޅަކު ހަމަޖެއްސެވުމެވެ. އެގޮތުން ހަމަޖެެއްސެވީ ހިންގުމުގެ ތަޖުރިބާ ނެތް ޅިޔަނެކެވެ. ޚިޔާނާތުގެ މައްސަލަތަކެއްގައި އޭނާއާ ދެކޮޅަށް މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.

ސްރީލަންކަންގެ ހަރަދު ކުޑަކުރުމަށް އެކުންފުނިން މިދިޔަ އަހަރު ވަނީ އެއާ ބަސް އޭ 350- 900 މަރުކާގެ މަތިންދާބޯޓެއް ކުއްޔަށް ހިފުމުގެ އެއްބަސްވުމެއް ދޫކޮށްލާފައެވެ. އެކަމުގެ ޖޫރިމަނާއެއްގެ ގޮތުގައި މަތިންދާބޯޓް ކުއްޔަށް ދޭ ކުންފުންޏެއް ކަމަށްވާ އަޔަކެޕް އަށް ސްރީލަންކަން އިން 115 މިލިޔަން ޑޮލަރު ދެއްކިއެވެ. އެފަދަ އެހެން އެއްބަސްވުމެއް ވެސް ކެންސަލް ކުރާނެ ކަަން ލަންކާ ސަރުކާރުން މިހާރު ވަނީ ހާމަކޮށްފައެވެ.