ވާހަކަ

މުޅިޖާންހިތާ

(7 މެއި 2017 އާ ގުޅޭ)

"އޭނާ އެ އުޅެނީ ނިޔާނުގެ ދަރިފުޅު ގޮވައިގެން އަހަންނަށް ފިލަންވެގެން... ނޫން! ނޫން! އެވާނީ އަމީރުގެ ރޭވުމަކަށް. ނިޔާނު އަހަންނާއެކު އެންމެ ފަހުވަގުތާ ޖެހެންދޭން ވެސް އުޅުނީތީ އޭނާއަށް ލިބެން އުޅޭ ދަރިފުޅު އަހަންނާ ވަކިކޮށްލަން އޭނާ އެ ވިސްނަނީ" ރުބީނާގެ ހިތް ނުތަނަވަސްވިއެވެ. އެއްފައި މައްޗަށް އަނެއްފައި އަރުވާލުމާއެކު ތިރީތުންފަތް ހަފާލެވުނެވެ.

ތަފާތު ގިނަ ގޮތްގޮތަކަށް ރުބީނާ ވިސްނި އެވެ. އައިރާއަށް ކަމެއް ކުރާނޭ ހިތްވަރެއް ލިބިގެން އެ އުޅެނީ އަމީރުގެ ސަބަބުންކަން ރުބީނާ ޤަބޫލު ކުރިއެވެ. އަމީރު ވެސް އައިރާއާ މެދު ހަމްދަރުދީ ވެގެން އެ އުޅެނީ ނިޔާނުގެ ދަރިފުޅަށް އޭނާ ބަލިވެ އިނުމުންނެވެ. ޚިޔާލުތަކުގެ ބޮޅުތައް އެއްފައްޗަކަށް އެމުނި ގުޅެންފަށައިފި އެވެ. ދެން ކަންތައް ކުރަންވީގޮތް ވެސް ރުބީނާ ވިސްނާލި އެވެ. ނިޔާނުގެ ދަރިއަކު ހުރިނަމަ އެކުއްޖާ ހުންނަންވާނީ އޭނާގެ ގާތުގަ އެވެ.

ރޭގެ ހަތަރުދަން ހުސްވެގެން ދިޔައީ ރުބީނާގެ ޚިޔާލީ ރޭވުންތަކުގަ އެވެ. އޭނާއަށް ނިދުނީ ކޮންއިރަކު ކަމެއް ވެސް ނޭނގެއެވެ. ހޭލެވިގެން ތެދުވެ ފޯނު ބަލާލިއިރު ހެނދުނު ދިހައެއް ޖަހާ ހިނގައްޖެ އެވެ. ހަމައެއާއެކު މިސްކޯލެއް އައިސްފައި އޮތުމުން ކާކުތޯ ގުޅީ ބަލާލިއެވެ. ޤައިސްގެ ނަން ފެނުމާއެކު ތަފާތު ހިނިތުންވުމެއް ރުބީނާގެ ތުންފަތުގައި ދުވެލިއެވެ. ނިދީގެ އަސަރު ހުރި ނަމަވެސް އާފުރިލަމުން އެނދުން ފައިބާ ފާޚާނާއަށް ވަދެ ފެންވަރާލައިގެން ރުބީނާ ނުކުތެވެ. ރީތިވާ މޭޒު ދޮށުގައި އިނދެ ހަތަރެސްފައިގާ ލޯޝަން ލަމުން ދިޔަ އިރު ޤައިސްއާ މެދު ވިސްނާލި އެވެ. އޭނާގެ ދިރިއުޅުން ބޭނުންވީ ގޮތަށް އުޅެލުމުގެ ފުރުޞަތު ޤައިސް އެވަނީ ހުޅުވައިދީފަ އެވެ. ދެން އޮތީ ކޮންމެ ގޮތަކުން ވެސް އޭނާއާ ކައިވެނި ކުރުމެވެ. އެކަން އޭނާ ކޮންމެ ގޮތަކުން ވެސް ކުރާނެ އެވެ.

ރީތިވެލައިގެން ރުބީނާ ކޮޓަރިން ނުކުމެގެން ސިޓިންރޫމަށް އައިއިރު ސޯފާގައި މައުރީން އިނެވެ. ރުބީނާ ފެނުމާއެކު އޭނާ ޝަކުވާކޮށްލީ ބަނޑުހައިވެގެންނެވެ. އެއާއެކު ރުބީނާގެ މޫނުގެ ކުލަވަރު ބަދަލުވި އެވެ. ބަދިގެ ފަރާތަށް އޭނާއަށް ބަލާލެވުނެވެ. ނިޔާނާ އިނދެގެން އައިރާ އެގެއަށް އައިފަހުން ކެއުމުގެ ކަންތައްތައް އޭނާ ބަލަހައްޓަމުންދިޔަ ގޮތް ވެސް ރުބީނާ ނުދެނަ ހުއްޓެވެ. އޭނާއަށް ގޭތެރޭގެ އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ. އެހެންނަމަވެސް އަލުން ބަދިގެއަށް ވަންނަން ޖެހުމުން ރުބީނާއަށް ރުޅި އާދެވުނީ އައިރާ ދެކެއެވެ.

"މަށަށް ޖެއްސުންކުރާނަމޭ ހިތާ އަމީރުމެން ބަޔަށް ގޮސް އެ އިންނަނީ... މިއަދުތަ ނިޔާނުގެ ބަފަޔަކު ހުރިކަން އެނގިގެން އުޅެންވީ. އެޔެއް ނޫން! އޭނާ ވެސް ބޭނުންވަނީ އަރާމު ދިރިއުޅުމެއް އުޅޭން. އެބައިގައި އިނިއްޔާ އަތުންފައިން މަސައްކަތެއް ކުރަން ނުޖެހޭތީ ކަންނޭނގެ އެ އިންނަނީ ނާންނަން... ހުއް! ޕާންގަނޑެއްހާ ހިސާބު ވެސް މިހާރު މިގޭގައި ނެތީތަ؟" ރުބީނާގެ އަތުގެ ހަރަކާތްތަކަށްވުރެ އޭނާގެ ދޫ ހަރަކާތްކުރާލެއް އަވަހެވެ. ކަބަޑުތައް ހުޅުވާ ބެލިއިރު ޕާނެއްހާ ހިސާބު ވެސް ނެތުމުން އިތުރަށް ރުޅި ގަދަވާ ގޮތްވިއެވެ.

"މައު! ދޭބަލަ މަންމަގެ ވޮލެޓު ހިފައިގެން އަންނަން" ކުކުޅު ބިސް ހުރީތީ ބިސްގަނޑު އަޅަން ތައްޔާރުކުރަމުން ރުބީނާ ބުންޏެވެ. ސޯފާގައި އިން މައުރީން އަވަހަށް ތެދުވެގެން ގޮސް އެތެރެއަށް ވަދެއްޖެއެވެ. ގިނަ އިރެއްނުވެ އެކުއްޖާ އެނބުރި އައިސް ރުބީނާގެ ވޮލެޓު އޭނާގެ އަތައް ދިނެވެ. އެއާއެކު ރުބީނާ ވޮލެއްޓުން ފައިސާ ނަގާފައި މައުރީނަށް ދިއްކޮށްލިއެވެ.

"ބިސްގަނޑު އަޅަންވާއިރަށް ދޭ އަވަހަށް ޕާނެއް ގަނެގެން އަންނަން... ކައިރީގައި ހުރި ސުޕާމާޓުން ލިބޭނެ" ރުބީނާ ބުންޏެވެ.
ހެނދުނުގެ ސައި ރުބީނާ ތައްޔާރުކޮށް ނިމުނުއިރު މެންދުރުވަނީ އެވެ. އަނެއްކޮޅުން މެންދުރަށް އެގޭގައި ކާނޭ އެއްޗެއް ވެސް ޖެހޭނީ ހަދާށެވެ. އެކަން އޭނާއަށް ނުވާނޭތީވެ ނިންމީ ތަންކޮޅެއް ފަހުން ތަނަކަށް އޯޑަރު ދީގެން ކާއެއްޗެހި ގެންނާނީ ކަމުގަ އެވެ. އެހެންވެ ސައިބޮއެ ނިންމާފައި ރުބީނާ އަވަސްވެލީ ޤައިސްއަށް ގުޅާލުމަށެވެ.

މެންދުރު އެކެއް ޖަހަން އުޅެނިކޮށް އެޕާޓްމެންޓުގެ ބެލް އަޅާލި އަޑު އިވި ރުބީނާ އައިސް ދޮރުހުޅުވާލިއެވެ. އެއާއެކު އޭނާއަށް ފެނުނު މަންޒަރު ޤަބޫލު ވެސް ނުކުރެވުނެވެ. ދޮރުމަތީގައި ހުރީ ޤައިސްއެވެ. ބުނެވެސް ނުލާ އޭނާ އެގެއަށް އައީއެވެ.

"ޤައިސް... އަޅުގަނޑު ގާތުގައި ބުނެލިނަމަ"

"އޭރުން މިހާރު ރޫބީގެ މޫނުން ތިފެންނަ ހައިރާންކަމެއް ނުފެނުނީސް" ގައިސް ހިނިތުންވެލި އެވެ.

"އާދޭ އެތެރެއަށް... މިހެންވެގެން ދޯ އަޅުގަނޑު އުޅޭ ގެއާއި އުޅޭ އެޕާޓްމެންޓާ ބެހޭގޮތުން އެހާވަރަށް ސުވާލުކުރީ،" ހިތް އަވަސްވެފައި ހުރި ރުބީނާ ބުންޏެވެ. އަދި ގައިސް ވަނުމުން ބޭރުގައި ބަޔަކު ތިބިތޯ ވެސް ރުބީނާ ބަލާލި އެވެ. މީހަކު ފެންނަން ނެތުމުން އަވަސް އަވަހަށް ދޮރުލައްޕާ ތަޅުލި އެވެ.

"އަޅުގަނޑު ވަރަށް ދެރަވި ރޫބީގެ ދޮށީކުއްޖާގެ މަރުގެ ޚަބަރު ލިބުމުން. އެކަމާ ވަރަށް ފިކުރު ކުރެވުނު. އަޅުގަނޑުގެ ވެސް ހުރީ ފިރިހެން ކުއްޖެއް... ހުންނަނީ ދުރުގައި... ހުރި އެންމެ ދަރިފުޅަށް ކަމެއްވެއްޖެއްޔާ އަޅުގަނޑަށް ވާނޭ ގޮތެއް ވެސް ނޭނގޭ. އެކަހަލަ ޚިޔާލުތަކުން ހިތަށް ވަރަށް އުނދަގޫވި... ރޫބީ އުޅޭނެ ހާލާމެދު ވެސް ވަރަށް ވިސްނުނު. މިވަގުތު ރޫބީއަށް ހިތްވަރު ދިނުމުގައި ބައިވެރިއަކު ބޭނުންވާނެވަރު ހިތަށް ތަސައްވުރު ކުރެވުނު" ޤައިސްއާއެކު ސޯފާގައި ރުބީނާ ވެސް އިނެވެ. ޤައިސް އައުމުން ރުބީނާގެ ހިތަށް ފިނިކަމެއް ލިބިފައިވެއެވެ.

"އަޅުގަނޑަށް ވެސް ޤަބޫލުކުރަން ދަތިވި... އެންމެ ދެރަވީ އެ ދަރިފުޅު ދުރުގައި ހުއްޓާ ވަކިވެގެން ދިއުމުން. އެންމެ ފަހު ފަހަރަށް ވާހަކަ ދައްކާލާނޭ ފުރުޞަތެއް ވެސް ނުދީ ދިޔައީމަ" ރުބީނާ އިސްޖަހާލި އެވެ. އެހިނދު ޤައިސް އިނދެފައި ރުބީނާގެ ކަނާތު އަތްތިލައިގައި ހިފާލުމާއެކު އޭނާގެ ދެއަތުގެތެރޭ އެ އަތްތިލަ ހިފަހައްޓާލި އެވެ.

"ރޫބީއާ ކައިވެނިކުރަން އަޅުގަނޑު ނިންމައިފިން. ވީ އެންމެ އަވަހަކަށް. އަޅުގަނޑުގެ ދަރިފުޅާ ވެސް ވާހަކަ ދައްކައިފިން. އަޅުގަނޑު ރުހޭކަމެއްގައި އޭނާ ފާޑެއް ކިޔާކަށް ބޭނުމެއްނުވޭ. ރޫބީ! އަޅުގަނޑުގެ ގާތުގައި ރޫބީ ހުންނަން މިހާރު ބޭނުންވަނީ. ތިހެން އެކަނިވެރިކޮށް މިތަނުގައި އުޅުމުގެ ބަދަލުގައި އަޅުގަނޑަށް ވެސް ރޫބީއަށް އެހީތެރިވެވޭނީ ގާތުގައި ހުރީމަ. ކީކޭ ރޫބީ ބުނަނީ؟ އަޅުގަނޑު ކައިވެނި އަވަސްކުރިޔަސް އެންމެ ރަނގަޅުތަ؟"

"ނިޔާނު ވަކިވެގެން އެ ދިޔައީ އެކުއްޖާއާ ޤައިސްގެ އެއްވެސް ވާހަކައެއް ނުދެއްކެނީސް. އަޅުގަނޑުގެ ހިތެއް ނުބުނޭ ނިޔާނު ނުރުހޭނެ ކަމެއްހެން އަޅުގަނޑު އަލުން މީހަކާ އިނުން. ދެން ހުރީ މައުރީން... މައުއަށް ޤައިސް ފެނިފައި ހުރީ. އެކަމަކު ކައިވެނީގެ ވާހަކައެއް ނުދައްކަން" ރުބީނާ އިން ގޮތުން ހީވަނީ ހިތްދަތިވެގެން ގޮސް މީހާ ދެންމެ ދެންމެ ރޯން ފަށާފާނެހެންނެވެ. ޤައިސްގެ ހިތް އޭނާއަށް ޓަކައި ހަމްދަރުދީވަމުން ދިޔައެވެ.

"އަޅުގަނޑު ކައިވެނީގެ ކަންތައްތައް ހަމަޖައްސާނަން. މައުއާ ރޫބީ ވާހަކަ ދައްކާ... ކައިވެންޏަށް ފަހު ރޫބީ އުޅޭނީ އަޅުގަނޑާއެކު. ރޫބީއާއި މައުގެ ހުރިހާ ޒިންމާއެއް އަޅުގަނޑު ނަގަން މިހިރީ ތައްޔާރަށް"

"ޤައިސް..." ރުބީނާ މަޑުމަޑުން ޤައިސްއަށް ގޮވާލުމާއެކު އޭނާގެ ކޮނޑުގައި ބޯއަޅާލި އެވެ.

"ދެރަނުވޭ ރޫބީ. އަޅުގަނޑު މިހުރީ ރޫބީއާއެކު" ރުބީނާގެ ކޮނޑުގައި ޤައިސް ފިރުމާލިއެވެ.

ރުބީނާއާ ވާހަކަ ދައްކަން ވަރަށް ގިނައިރު ޤައިސް އެގޭގައި އިނެވެ. އޭނާ ނުކުމެގެން ދިއުމާއެކު ރުބީނާ ނިކަން ބޮޑަށް ހިނިތުންވެލިއެވެ. ހިތަށް ލިބުނު އުފާވެރިކަމާއި ހަމަޖެހުމުން އަނގަފުޅާކޮށް ހެވިދާނޭތީ ތިރީ ތުންފަތުގައި ދަތްއަޅާލިއެވެ. ޖޯޑުކޮށްލެވިފައިވާ ދެއަތްތިލަ ގެނެސް މޭގައި ޖައްސާލުމާއެކު ދެ ލޯ މަރާލައި ފުންނޭވާއެއް ލިއެވެ.

"އަވަހަށް ޤައިސްއާ އިނދެގެން މިގެއިން ނުކުމެގެންދާންވީ... އެކަމަކު... އޭރުން އައިރާ... ނިޔާނުގެ ދަރިފުޅު" ރުބީނާގެ ވިސްނުން އަނެއްކާ ވެސް އައިރާއަށް ހުއްޓުނެވެ. ދެން ފެނުނީ ހަލުވިކޮށް އައިސް އޭނާގެ ކޮޓަރިއަށް ވަންތަނެވެ. އަލަމާރިތެރެއިން ދަބަހެއް ނެގިއެވެ. އެއީ ނިޔާނުގެ ކޮޓަރިން އެއްޗެހި ނެރުނު އިރު އޭނާގެ ލެޕްޓޮޕް ލާފައި އޮތް ދަބަހެވެ. އެނދުމަތީ ދަބަސް ބޭއްވުމާއެކު ރުބީނާ ކޮޓަރިން ނުކުމެގެންދިޔައެވެ.

* * * *

އަމީރު އައިސް ދޮރުހުޅުވީ ބެލްޖެހުމުންނެވެ. ދޮރުމަތީ ތިބީ ލިޒީއާއި މިރާންގެ އިތުރުން ދެބައިއުމުރަށްވުރެ މައްޗަށް ގޮސްފައިވާ އަންހެނަކާއި ފިރިހެނެކެވެ. ހިނިތުންވެލަމުން އެތެރެއަށް ވަނުމަށް އަމީރު އެދުނެވެ. އޭރު ސިޑި މަތީ ރުބީނާ ހުއްޓެވެ. އޭނާ ވެސް އައީ އަމީރުގެ ބަޔަށް ވަންނާށެވެ. ނަމަވެސް ހުއްޓުން އެރީ ބަޔަކު މީހުން ދޮރުމަތީގައި މަޑުކޮށްލައިގެން ތިބުމުންނެވެ. އެނބުރި ރުބީނާގެ އެޕާޓްމެންޓަށް ދިއުމަށް ހިނގައިގަތް އިރު އޭނާގެ ސިކުނޑީގައި ސުވާލުތައް ފުނިޖެހެމުންދިޔައެވެ. ރުބީނާގެ ފުރަގަހުގައި އަމީރު ކަމެއް ރާވަނީއޭ އޭނާއަށް ހީވަނީއެވެ. އެ ޚިޔާލުތަކުން ސިކުނޑި ހާސްވާންފެށިއެވެ.

"މީ އަހަރެންގެ މަންމައާއި ބައްޕަ. އައިރާއާ ބައްދަލުކުރަން ބޭނުންވާތީ ގޮވައިގެން މި އައީ" އަމީރުއާ ކުރިމަތިލައިގެން ހުރެ ލިޒީ ވާހަކަދެއްކިއެވެ.

"މިއަދު ވެސް ކާންއެކަނި ކޮޓަރިން ނުކުތީ... ލިޒީ ހިނގައްޖެއްޔާ ބޭރަށް ނުކުމެދާނެ. ދޭބަލަ ގޮވައިގެން އަންނަން" އަމީރު ދެރަވެފައި ބުންޏެވެ. އެއާއެކު މަލީހާއާއި ދާއޫދަށް އިށީނުމަށް ސޯފާ ދައްކާލިއެވެ. އެމީހުންނާއެކު މިރާން ވެސް ސޯފާގައި އިށީނެވެ.

"އަޅުގަނޑަށް ކިޔަނީ ދާއޫދު. މީ މަލީހާ" ދާއޫދު ވާހަކަ ދެއްކިއެވެ.

"މިހާރު މި ރައްޓެހިންނަށްވީ... އާދައިގެ ގޮތަކަށް އަހަރުމެން ވެސް ވާހަކަދައްކާ އުޅެނީ. ދާއޫދުމެން ތި އައީ ލިޒީގެ ކައިވެންޏަށް ދޯ. ވަރަށް ރަނގަޅު ކުއްޖެއް އެއީ. އައިރާގެ އެއްވެސް ރައްޓެއްސެއް މިކޮޅުގައި ނުހުރޭ" އަމީރު ހިނިތުންވެލައިގެން އިނދެ ވާހަކަ ދެއްކި އެވެ.

"ތީ ނިޔާނުގެ ބައްޕަ ދޯ. ލިޒީ އަހަރުމެންނަށް ކިޔައިދިން. އައިރާ މިހާރު ހުންނަނީ ނިޔާނުގެ ބައްޕަގެ ގާތުގައިކަން. އައިރާއަކީ ވަރަށް ނިކަމެތި ކުއްޖެއް. ވަރަށް ހިތްހަމަޖެހުނު ނިޔާނު އައިސް އެ އަންހެންކުއްޖާއާ އިނދެގެން ގޮވައިގެން ދިޔައީމަ. ނިޔާނަކީ ވަރަށް އަޙުލާގު ރަނގަޅު ކުއްޖެއް. މީހުންނަށް ވަރަށް ޤަދަރުކުރާނެ. ވަރަށް ގުޅިގެން އުޅޭނީ... އަހަރުމެންގެ ރަށަށް ދިޔަ ފަހަރު ނިޔާނު ހުރީ އަހަރުމެން ގޭގައި. ހަމަސްދުވަސް އަހަރުމެންނާ އެއްސުފުރާ މަތިން ކައިގެން އުޅުނުއިރު އެނގުނު އެއީ ވަރަށް ހަރުދަނާ ޒުވާނެއްކަން... އެހެންވިޔަސް މަރަކީ އެކަކަށް ވެސް ހިފެހެއްޓޭނެ އެއްޗެއްނޫން. އަހަރުމެންނަށް ވެސް ފުރަތަމަ އެ ޚަބަރު ޤަބޫލު ނުކުރެވުނު" ދައޫދުގެ ވާހަކަ އެ ދައްކަނީ އޭނާގެ ހިތުގެ އަޑިންކަން އެ އަޑުގައިވާ އަސަރު ހެކިދެއެވެ.

"އައިރާއާއެކު މިއަދު ނިޔާނުގެ މައިންބަފައިން ތިބުމީ އެކުއްޖާއަށް ލިބޭނެ އެންމެ ބޮޑު ހިތްވަރު. މި ދުނިޔޭގައި އެކުއްޖާގެ ޢާއިލާ އެކަކު ވެސް ނެތް. އެނބުރި ރަށަށް ދިޔަނަމަވެސް އެކުއްޖާ ވަންނާނެ ތަނެއްހާ ހިސާބު ވެސް ނެތް. އައިރާއަށް އަޅާލަން ތިބިހާ ވެސް ބަޔަކީ އަހަރުމެން" މަލީހާ ހިތްދަތިކަމާއެކު ބުނެލިއެވެ.

"އައިރާއާ މެދު ކަންބޮޑުނުވޭ ލިޒީގެ މަންމާ. އައިރާއަކީ މިހާރު އަހަރެންގެ ވެސް ދަރިއެއް. އެކުއްޖާއަށް އަހަރެން އުޅޭތަނެއްގައި އުޅެވޭނެ. އަހަރެން ކާއެއްޗެއް އެކުއްޖާއަށް ވެސް ދީގެން ކާނީ... ނިޔާނު ނެތުމުން އައިރާއަށް ހަމައެކަނި އުނިވާނީ ފިރިއެއްގެ ލޯބި... އެކަމަކު އެކުއްޖާއަށް މައިންބަފައިންގެ ލޯތްބެއް އިރާދަ ކުރެއްވިއްޔާ އުންޏެއް ނުވާނެ. އަހަރެންގެ ނިޔާނަކީ ވަރަށް ދުރު ވިސްނޭ ކުއްޖެއް... އޭނާގެ ހޮވުން އަހަންނަށް ވަރަށް ކަމުދޭ. އައިރާ ފަދަ ޅީދަރިއަކު ލިބޭނީ ނަސީބުވެރިންނަށް" އަމީރުގެ ވާހަކަ އަޑުއަހާފައި މަލީހާއަށް ހިނިތުންވެވުނެވެ. އައިރާއަށް އުނިވެފައިވާ މައިންބަފައިންގެ ލޯބި އެކުއްޖާއަށް މިންވަރު ކުރެއްވީތީ ހިތާހިތާ މަލީހާ ހެއްދެވިފަރާތަށް ޝުކުރުކުރިއެވެ.

"ލިޒީ ވަރަށް އެދޭ ކަމެއް އެއީ ލިޒީގެ ކައިވެނި ކުރެވޭއިރު އައިރާ ހުރުން. އަހަރުމެންނާއެކު އެ ދުވަހު އައިރާ ގެންދަން ބޭނުން" ދާއޫދު ބުންޏެވެ.

އަމީރުއާއި ލިޒީގެ މައިންބަފައިން ވާހަކައިގައި ތިއްބާ އެ ތަނަށް ލިޒީއާއެކު އައިރާ އައެވެ. މަލީހާ ފެނުމުން އައިރާ އައިސް އޭނާގެ ގާތުގައި އިށީނެވެ. އެހިނދު އައިރާގެ ގައިގާ މަލީހާ ބައްދާލި އެވެ. ހިތްވަރުގެ ބަސްތައް މަލީހާ ބުނަމުން ދިޔަ އެވެ. އައިރާގެ ދެ ލޮލުން ކަރުނައިގެ ތެތްކަން ފެނުނެއްކަމަކު އޭނާ ނުރޮއެވެ. އެ މޫނުމަތި މިލާފައިވާވަރު ފެނި ދާއޫދު ވެސް ދެރަވިއެވެ. އޭނާ ވެސް އައިރާގެ ބޮލުގައި ފިރުމާލިއެވެ. ދެކެވެމުން ދިޔަ ވާހަކައިގެ މިސްރާބު ލިޒީ ބަދަލުކޮށްލީ އަބަދު ނިޔާނުގެ ނަން ކިޔާ އަޑު އިވުމުން އައިރާއަށް ކުރާނޭ އަސަރު ހިތަށް އަރާފައެވެ. ދެ ދުވަސް ފަހުން ކޯޓުގައި ލިޒީގެ ކައިވެނި ކުރެވޭނެކަން އޭނާ ހާމަކުރިއެވެ. އަދި އައިރާ ތައްޔާރުވާންޖެހޭނެކަމުގައި ބުންޏެވެ. އޭނާ އަމީރުއާއި ޝިމްލާއަށް ވެސް ދަޢުވަތުދިނެވެ.

* * * *

ސޯފާގައި ފިކުރަކަށް ގެއްލިފައި ރުބީނާ އިންދާ މައުރީން އެތަނަށް އައިސް އޭނާއަށް ގޮވާލިއެވެ. ނަމަވެސް ރުބީނާ އަނގައިން ނުބުނުމުން ދެވަނަ ފަހަރަށް ވެސް ގޮވާލިއެވެ. ރުބީނާއަށް ރެއަކާލީ ދެނެވެ. އަވަސް އަވަހަށް ކިހިނެއްތޯވީ ސުވާލު ކުރިއެވެ.

"މީހަކު އައީތަ މިއަދު؟ ސަލް ދައްތަމެންތަ؟ އިވުނު ވާހަކަ ދައްކާ އަޑު" މައުރީން އަހާލިއެވެ. އެއާއެކު ރުބީނާއަށް ޤައިސްގެ ވާހަކަ ހަނދާންވިއެވެ. ހިތާއި ސިކުނޑިއަށް ވެރިވެފައިވާ އުދާސްކަން އެއްފަރާތްކޮށްލާފައި މައުރީންއާ އޭނާ ކުރިމަތިލިއެވެ.

"މައު... މަންމަ މިއުޅެނީ ޤައިސް ބޭބެއާ މެރީ ކުރަން ވެގެން" މައުރީނުގެ ކޮންމެ ހަރަކާތަކަށް ރުބީނާ ބަލަން އިނެވެ. (ނުނިމޭ)