ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށައިފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާން ކުރަން ފަށައިފި އެވެ.

އިލެކްޝަން ކޮމިޝަންގެ އިންތިހާބާބެހޭ ސެންޓަރު ހުންނަ ބާޖަމާލުއްދީނުގައި މިއަދު ފުރަތަމަ އިއުލާންކޮށްފައި ވަނީ ތިން ކައުންސިލެއްގެ ވަގުތީ ނަތީޖާ އެވެ. އެއީ އދ. އަތޮޅުގެ ދެ ކައުންސިލަކާ ރ. އަތޮޅުގެ ކައުންސިލެކެވެ. އަދި އިތުރު 661 ކައުންސިލްގެ ނަތީޖާ އިއުލާން ކުރަން ޖެހެ އެވެ. އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ އިތުރު ކައުންސިލްތަކެއްގެ ވަގުތީ ނަތީޖާ އިއުލާން ކުރުން މިއަދު މެނދުރު ފަހުގެ ވަގުތެއްގައި ކުރިޔަށް ގެންދާނެ ކަމަށެވެ.

ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށާފައިވާ އިރު، އިލެކްޝަންސް ކޮމިޝަނަށް ނަތީޖާ ޝީޓްތައް ވެރިފައި ކުރެވޭ ވަރަކަށް އެ ކޮމިޝަންގެ ވެބްސައިޓަށް މިހާރު ވެސް ގެންދަނީ ނަތީޖާތައް އަރުވަމުންނެވެ.

ކައުންސިލް އިންތިހާބާ ގުޅިގެން 74 މައްސަލަ ހުށަހެޅިފައިވާ އިރު 50 މައްސަލައަކަށް އީސީން ވަނީ ޖަވާބު ދީފަ އެވެ. އަދި 24 މައްސަލައެއްގައި ޖަވާބު ދިނުމުގެ ފަހުގެ މަރުހަލާގައި އުޅޭ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ. ކައުންސިލް އިންތިހާބުގައި 14،86 ކެންޑިޑޭޓުން އެކި ދާއިރާތަކަށް ވާދަކުރި އެވެ.