ކޮަރަޕްޝަންގެ މައްސަލަތަކާ ހެދި ކުރިން ހުންނެވި ރައީސް ޕާކް ގޫން ހައި މަގާމުން އަޒުލް ކުރުމުން ނުތަނަވަސްކަން އުފެދިފައިވާ ދެކުނު ކޮރެއާގައި ރިޔާސީ އިންތިހާބުގެ ވޯޓްލުން މިއަދު ކުރިއަށް އެބަދެ އެވެ.
ކޮރެއާ ޓައިމްސް ނޫހުން ބުނީ ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް 13964 ވޯޓްލާ މަރުކަޒު ގާއިމްކޮށްފައިވާ ކަމަށާއި މިއަދު ހެނދުނު 6.00 ގައި ވޯޓްލާން ފަށާފައިވާ ކަމަށެވެ. ވޯޓްލައި ނިމޭނީ ދެކުނު ކޮރެއާ ގަޑިން މިރޭގެ 8.00 ގައެވެ.
ދެެކުނުކޮރެއާގެ ނެޝަނަލް އިލެކްޝަން ކޮމިޝަނާ ހަވާލާދީ ރޮއިޓާސް ބުނީ އެ ގައުމުގެ އިންތިހާބުގައި ވޯޓްލާން ގިނަ ބަޔަކު ނުކުތް ކަމަށެވެ. އެގޮތުން ހަވީރު 4.00 އާ ހަމައަށް 67.1 ޕަސެންޓް މީހުން ވޯޓްލާފައިވާ ކަމަށާއި އެހެންވެ، ވޯޓްލުމުގެ ވަގުތު ހަމަވާއިރު 80 ޕަސެންޓް މީހުން ވޯޓްލާނެ ކަމަށް ބެލެވޭ ކަމަށެވެ. އެ އަދަދަށް މީހުން ވޯޓްލައިފި މިއީ 1997 ވަނަ އަހަރު ކިމް ޖައި ޑުން ހޮވި އިންތިހާބުގެ ފަހުން އެގައުމުގައި އެންމެ ގިނަ މީހުން ވޯޓްލާ ފަހަރަށް ވެގެންދާނެ އެވެ.
ދެކުނު ކޮރެއާގެ އިންތިހާބުގައި ވޯޓްލާ މީހުން އިތުރުވީ އެ ގައުމުގައި ކުރިން ހުންނެވި ރައީސް ޕާކް ގޫން ހައި މަގާމުން ދުރުކޮށްފައި ވަނީ ޚިޔާނާތުގެ މައްސަަލަތަކެެއްގައި ކަމަށް ވުމުން އެގައުމުގައި އުފެދިފައިވާ ނުތަނަވަސްކަމުން އަވަހަށް ސަލާމަތްވާން މީހުން ބޭނުންވާތީ ކަމަށް ބެލެވެއެވެ.
ދެކުނުކޮރެއާގެ އިންތިހާބުގައި މިފަހަރު 13 ބޭފުޅަކު ވާދަކުރައްވާ އިރު އިންތިހާބުގައި ކުރި ހޯއްދަވާނެ ކަަމަށް ބެލެވެނީ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މޫން ޖައި އިން އެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރައްވާނެ ކަމަށް ބެލެވެނީ ކޮންޒަވޭޓިވް ލިބަޓީ ކޮރެއާ ޕާޓީގެ ފަރާތުން ވާދަކުރައްވާ އަން ޗޫލް ސޫ އެވެ.