ކުޅިވަރު

ދިވެހި ދެ ކުލަބަކުން އޮއްޕޮ ހޯދަން މަސައްކަތްކުރަނީ

ވޭލްސްގެ ދެ ވަނަ ޑިވިޝަންގެ ލާންގެވްނީ ޓައުން އެފްސީއަށް، މި ސީޒަންގައި ކުޅުނު ރާއްޖޭގެ އެޓޭކިން މިޑްފީލްޑާ އިބްރާހިމް ފަޒީލް (އޮއްޕޮ) ގެ ސޮއި ހޯދަން، ދިވެހި ދެ ކުލަބަކުން މަސައްކަތް ފަށައިފި އެވެ.

ފުރަތަމަ ޑިވިޝަންގެ ދެ ކުލަބެއްގެ އޮފިޝަލަކު ވަކިވަކިން އަވަސްއަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި، އެ ދެކުލަބުން ވެސް ވަނި އޮއްޕޮގެ ސޮއި ހޯދަން ދަނީ މަސައްކަތް ކުރަމުންނެވެ. އޮއްޕޮ މިވަގުތު ހުރީ ވެސް މާލޭގަ އެވެ.

"މި ވަގުތު އޮތީ ނެގޯސިއޭޝަން މަރުހަލާގައި، އޮއްޕޮގެ ފަރާތުން އަދި ވަކި ޖަވާބެއް ދީފައެއް ނުވޭ، އަލުން ދިވެހި ކުލަބަކާ ގުޅޭއިރު، އޭނާގެ ފަރާތުން އިތުރު ހުށަހެޅުންތަކެއް ހުންނާނެ ކަމަށް ކުލަބުގެ މެނޭޖްމެންޓުން ވެސް ގަބޫލު ކުރޭ." ކުލަބެއްގެ ނަމާއި އޮފިޝަލްގެ ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ހިއްސާ ކުރި ފަރާތުން ބުންޏެވެ.

އަނެއް ކުލަބުގެ އޮފިޝަލުން ބުނީ، އެ ކުލަބުގެ ބައެއް އިސް ފަރާތްކުން، އޮއްޕޮއާ ބައްދަލު ކުރި ކަމަށާއި އޭނާގެ ސޮއި ހޯދުމާ ބެހޭގޮތުން ވާހަކަ ދެއްކި ކަމަށެވެ.

މިދިޔަ އަހަރު އޮއްޕޮ ކުޅެފައި ވަނީ ވޭލްސްގެ ހަ ވަނަ ޑިވިޝަން ކުލަބެއް ކަމަށްވާ ބޮޑޯގަން އެފްސީއަށެވެ. އެ ކުލަބުގައި އޭނާ ދެއްކި ކުޅުން ފާހަގަ ވުމުން، ލާންގެވްނީ އޭނާ އެޓީމަށް ގެންދިޔަ އެވެ.

އޮއްޕޮ ވަނީ މި ސީޒަންގެ ވޭލްސްގެ އެސޯސިއޭޝަން ކަޕްގެ ސެމީ ފައިނަލުގައި ލާންގެވްނީ ޓީމުގައި ކުޅެފަ އެވެ. ސެމީފައިނަލުގައި އެޓީމު ބަލިވީ ޗެރިކް އޭއޭއޭ އެފްސީ އަތުން ނެވެ.

މިސީޒަންގެ ބައެއް މެޗުތަކަުަގއި އޮއްޕޮ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ލާންގެވްނީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ޓީމު އެ މެޗުން ބައެއް މެޗުތަކުގައި އޭނާ ތަނަވަސްކޮށްދިން ފުރުސަތު ތަކުން ލަނޑު ޖަހާފައި ވެއެވެ.

އެޓީމުގައި އޭނާ ދެއްކި ކުޅުމާއެކު ލާންގެވްނީ ކޯޗް ކްރިސް ރޮބަޓްސްގެ އިތުބާރު އޮއްޕޮއާ މެދު އިތުރުވެގެން ދިޔަ އެވެ.