ވިޔަފާރި

އެސްޓީއޯ އޭޖީއެމް 30 ގައި: މި ފަހަރު ތަފާތު ވާނެ!

May 9, 2017
2
  • އޭޖީއެމްގައި ވޯޓު ދޭނީ އޮންލައިންކޮށް
  • އޮންލައިން ޕޯޓަލްއެއް ތައާރަފު ކުރާނެ
  • ހިއްސާއަކަށް ބަހަން ހުށަހެޅީ 51 ރުފިޔާ

އެސްޓީއޯ އަހަރީ އާއްމު ޖަލްސާ 30 ގައި ބާއްވާއިރު، މި އަހަރު ތަފާތު ކަންތައް ތަކެއް ރާވާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ މިދިޔަ އަހަރު އަހަރީ އާއްމު ޖަލްސާ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ، 10،00 ގައި ދަރުބާރުގޭގައި ބާއްވާއިރު މި އަހަރު ތަފާތު ކަންތައްތަކެއް ފެނިގެންދާނެ ކަމަށެވެ. މިގޮތުން މި އަހަރު އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅާ ކަންކަމަށް ވޯޓު ދިނުމަށް ހާއްސަ އޮންލައިން ޕޯޓަލެއް ތައާރަފުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރު ވެސް އަހަރީ އާއްމު ޖަލްސާއަށް އާއްމު ހިއްސާދާރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވޭ. މިހެންވެ މި އަހަރު ވެސް ވީހާ ގިނަ ހިއްސާދާރުން ބައިވެރި ކުރަން މިވަނީ ކަންތައްތަކެއް ރާވާފަ،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯ އަހަރީ އާއްމު ޖަލްސާގައި ވީހާވެސް ގިނަ ހިއްސާދާރުން ބައިވެރި ކުރުމުގެ ގޮތުން، ޖަލްސާއަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. މިގޮތުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިމަހުގެ 25 ގެ ނިޔަލަށް ދީފައި ވެއެވެ. އަދި ޕްރޮކްސީ ހުށަހެޅުމުގެ ފުރުސަތު 29 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.

ރަޖިސްޓްރީވުން އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށާއި އީ-މެއިލް މެދުވެރިކޮށް އަދި ފެކްސް އާއި އެ ކުންފުނީގެ ކައުންޓަރަށް ހުށަހަޅައިގެން ވެސް ހަމަޖެހެ އެވެ. އަދި އެސްޓީއޯ އިން ވަނީ އޭޖީއެމް އަށް ހާއްސަކޮށްގެން އެ ކުންފުނީގެ ވެބްސައިޓުގައި ހާއްސަ ޕޭޖެއް ވެސް މިއަދު ތައާރަފުކޮށްފަ އެވެ.

އެ ކުންފުނިން ވަނީ އަހަރީ އާއްމު ޖަލްސާގައި ބޭނުންކުރާ އިލެކްޓޯނިކް ވޯޓިން ނިޒާމު ބޭނުންކުރާނެ ގޮތުގެ ވީޑިއޯ އެއްވެސް އާއްމުކޮށްފަ އެވެ.

"މި އަހަރު ވޯޓު ލުމުގެ ކަންތައް ވެސް ތަފާތު ވާނެ. މި އަހަރު ބޭނުން ކުރާނީ އެސްޓީއޯގެ މުވައްޒަފުން ފަރުމާކޮށްފައިވާ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމެއް. މިއީ މިގޮތަށް ބޭނުންކުރާ ފުރަތަމަ ފަަހަރު. މި ސިސްޓަމް އޮޑިޓް ފާމަކުން އޮޑިޓް ކުރާނެ،" ޝަހީރު ވިދާޅުވި އެވެ.

މި އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ރާވާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި "ހިއްސާދާރުންގެ އޮންލައިން ޕޯޓަލް" އެއް ތައާރަފު ކުރުން ހިމެނެ އެވެ. މި ޕޯޓަލްއަކީ މުސްތަގުބަލުގައި ކަސްޓަމަރުންނާއި އެހެން ފަރާތްތަކަށް ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗަކަށްވާނެ ކަމަށް އެމްޑީ ޝަހީރު ވިދާޅުވި އެވެ.

"މި ޕޯޓަލް މި ފަށަނީ ކުންފުނީގެ ހިއްސާދާރުންނާ ހިސާބުން. މި ޕޯޓަލްގައި ކުންފުނީގެ ހިއްސާދާރުންނާއި ޑިވިޑެންޑާ ބެހޭ މައުލޫމާތު ބެލޭނެ. މީގެ ސަބަބުން ހިއްސާދާރުންނަށް ފަސޭހަކަމާއި އަވަސް ކަމާއެކު އިންޓޭކް ކުރެވޭނެ،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯ އިން އަހަރީ އާއްމު ޖަލްސާއަށް ގޮވާލާފައިވާއިރު، އެ ކުންފުނީގެ މިދިޔަ އަހަރު ފައިދާއިން ހިއްސާއަކަށް ބަހަން ހުށަހަޅާފައިވަނީ 51ރ. އެވެ. އަދި އެ ކުންފުންޏަށް ގްރޫޕް ފައިދާގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.