ހަބަރު

ފަނޑިޔާރުން ވަކިކުރި މައްސަލަ ސިވިލް ކޯޓުގައި ބެލުން ސުޕްރީމް ކޯޓުން ހުއްޓުވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ގޮތުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމި ނިންމުން ބާތިލްކުރަން އެމްޑީޕީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ނަގައިފި އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިރޭ 8:30 ގައި ބާއްވަން ކުޑަތަންވެފައި ވަނިކޮށް ސުޕްރީމް ކޯޓުން މިރޭ ނެރުނު ރިޓް އޮފް ޕްރޮހިބިޝަންގައި ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަންޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ސިވިލް ކޯޓަށް އެއްވެސް މައްސަލައެއް ހުށަހެޅިފައިވާ ނަމަ އެ މައްސަލައަކާ ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އެ މައްސަލައެއްގެ ފައިލް ސުޕްރީމް ކޯޓަށް ފޮނުވުމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނަމަ އެ ފިޔަވަޅެއް ވަގުތުން ބާތިލް ކުރުމަށް ވެސް އެ ކޯޓުގެ ރެޖިސްޓްރާ މަރިޔަމް ޝަމްއާ އިސްމާއިލް ސޮއި ކުރައްވާ ނެރެފައިވާ އެ ރިޓްގައިވެ އެވެ.

އެގޮތަށް ސުޕްރީމް ކޯޓުން އެންގުމާ ގުޅިގެން އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިރޭ ވަނީ ނިންމައިފަ އެވެ. އެގޮތަށް ސުޕްރީމް ކޯޓުން އެންގިއިރު އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަންކުރަން ކުރާ މަސައްކަތް ހުއްޓުވުމުގެ އަމުރަކަށް ވެސް އެމްޑީޕީން އޮތީ ސިވިލް ކޯޓުގައި އެދިފަ އެވެ. އުއްތަމަ ފަނޑިޔާރަށް އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ނަން ފޮނުއްވާފައިވާ އަބްދުﷲ ސައީދު އެ މަގާމަށް އައްޔަން ކުރަން ރުހުން ދިނުމާ މެދު ބާއްވާ ޖަލްސާ މިރޭ ކުރިއަށް އެބަދެ އެވެ.

އެ މައްސަލަ ކުރިއަށް ގެންދެވެން ނެތްކަން އެންގުމަށް ބޭއްވި މަޖިލީހުގައި އެ މައްސަލަ ބެއްލެވި ގާޒީ އަބްދުﷲ ޖަމީލް މޫސާ ވިދާޅުވީ އެ މައްސަލައިގައި ދައުވާ ލިބެނީ ޖޭއެސްސީއަށް ނަމަވެސް މައްސަލައިގެ ބާވަތުން ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީސް ވެސް އެ މައްސަލައިގެ ތެރެއަށް ވައްދައި، ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވި ނަމަވެސް ދައުލަތުގެ ޝަރީއަތަށް ހާޒިރުވެފައި ނުވާ ކަމަށެވެ. އަދި ޖޭއެސްސީއަށް ޗިޓް ރައްދު ނުކުރެވޭ ކަމަށް ވެސް ގާޒީ ޖަމީލް ވިދާޅުވި އެވެ.

ޖޭއެސްސީގެ ނިންމުން ބާތިލްކުރަން ސިވިލް ކޯޓަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ނަގާފައިވާއިރު ދެ ފަނޑިޔާރަކު ވަކިކުރަންޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ގާނޫނީ ވަކީލުންތަކެއް ވަނީ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ނެގިކަން މިހާތަނަކަށް އެނގިފައެއް ނުވެއެވެ.