ރިޕޯޓް

އިވެންޓްތަކަށް ހާއްސަކޮށް ފަރުކޮޅުފުށި ފައްކާވަނީ!

May 10, 2017
2
  • މަސައްކަތް ވަރަށް އަވަަހަށް ނިމޭނެ
  • އިވެންޓަށް ހާއްސަ ހޯލްތައް ހުންނާނެ
  • ފުރިހަމަ ވަސީލްތައް ގާއިމް ކުރާނެ

އިވެންޓު އިންތިޒާމު ކުރަން ރަނގަޅު ވަސީލްތަކެއް ނެތުމުގެ މައްސަލަ ބޮޑެވެ. ހާއްސަކޮށް ކުރިއަރަމުން އަންނަ އިގްތިސާދުގައި މި ފަދަ ތަނެއް ނެތުން ވަނީ "ފަޅު ކަމަކަށެވެ" އެހެންވެ މިފަދަ ތަނެއް ހެދުމުގެ މަސައްކަތް ސަރުކާރުން މި ވަނީ ފަށާފަ އެވެ. މި ތަން ހަދަނީ ހެރިޓޭޖް އައިލެންޑެއްގެ ގޮތުގައި ތައްޔާރު ކުރާ ފަރުކޮޅު ފުށީގަ އެވެ. މި ތަން ކުރި އަށް އޮތް ދެތިން މަސް ދުވަހުން ނިމި ހިދުމަތް ދެވޭނެ އެވެ.

"މި ތަން [ފަރުކޮޅު ފުށީ] ހަދަމުން މިދަނީ އިވެންޓް ރާވާ މީހުންނަށް ބޭނުންވާ އެންމެ ފުރިހަމަ ހިދުމަތްތަކާއެކު،" އެޗްޑީސީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން "އަވަސް" އަށް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ކުރިން ހުޅުވި ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ "ފަރުކޮޅު ފުށީ" ގެ ޖެޓީ ސަރަހައްދުގައި ފައްކާ ކުރަމުން ގެންދާ "އިވެންޓު ޖަގަހަ" ހަދަން ހަވާލުކޮށްފައިވަނީ ރެއިސާ ކުންފުންޏާ އެވެ. މި ރަށުގެ ޖެޓީ ސަރަހައްދު ނިމޭއިރު، އެކި ސައިޒު ތަކުގެ ހޯލް ހުންނާނެ އެވެ.

އެޗްޑީސީގެ އެމްޑީ ސައިމަން ވިދާޅުވީ މި ތަން ރެނޮވޭޓް ކުރަމުން ދަނީ އިވެންޓުތައް ރޭވޭނެ ގޮތަށް މިތަނުގެ އަސްލާ އެއްގޮތަށް ކަމަށެވެ.

"ވެޑިންނާއި މިފަދަ އިވެންޓްތައް މިތަނުގައި ބޭއްވޭނެ. ހާއްސަކޮށް މައިސް މާކެޓަށް ހާއްސަކޮށްގެން މިތަން މި ހަދަނީ،" ސައިމަން ވިދާޅުވި އެވެ.

އިހުގެ ގޮތަށް، ވަރަށް ހިތް ގައިމު

ފަރުކޮޅު ފުށި އިވެންޓް ސްޕޭސްގައި އެކި ސައިޒުތަކުގެ ހޯލް ހުންނާނެ އެވެ. މި ރިސޯޓަކީ ރާއްޖޭގެ ޓޫރިޒަމްގެ ގަދީމީ ތަނަކަށް ވުމުން މިރަށުގެ އިމާރާތްތައް ވެސް ހުރީ ވަރަށް އިހުޒަމާނުގެ ގޮތަކަށެވެ އެހެންވެ އެޗްޑީސީން މި ތަން ހަދަނީ އެކަން ނުގެއްލޭނެ ގޮތަށެވެ. އެގޮތުން އިމާރާތްތަކުގެ މަތީގައި އެންމެ ކުރިން ޖަހާފައިވާ ބާވަރުގެ އީޓު ޖަހާނެ އެވެ. އަދި މިތަނުގެ ރެސްޓޯރެންޓާއި މިނޫންވެސް އިމާރާތައް ހަދަން ކުރިން ބޭނުންކޮށްފައި ހުރީ ކާފޫރު ލަކުޑި އެވެ. އެހެންވެ މި ރަށް ރެނޮވޭޓް ކުރަން ވެސް ބޭނުންކުރަނީ ހަމަ މި ބާވަތުގެ ލަކުޑި އެވެ. މީގެ ބޭނުމަކީ އެންމެ އިހުގެ ގޮތް އެތަނުން ދެއްކުމެވެ.

ވަސީލަތްތައް ފުރިހަމަ ވާނެ

ދެން އޮތް ސުވާލަކީ މި ސަރަހައްދުން ލިބޭނީ ކޮންކޮން ހިދުމަތްތަކެއް ބާ އެވެ؟ އިވެންޓު ބޭއްވުމަށް ހާއްސަކޮށް ފަރުކޮޅު ފުށީގެ މި ސަރަހައްދު ހުޅުވާއިރު އެއް ފަހަރާ 500 މީހުންނަށް ހިދުމަތް ދެވޭނެ އެވެ. އަދި މި ސަރަހަދުގައި އެގްޒިބިޝަން އޭރިއާއަކާއި ރެސްޓޯރެންޓުގެ ހިދުމަތް ލިބޭނެ އެވެ. މީގެ އިތުރުން ވީއައިޕީ ލައުންޖު ފަދަ ތަންތަން ހުންނާނެ އެވެ. އަދި މި ތަން ފަރުމާކުރަނީ ކޮންމެ ވެސް ވަރަކަށް ކޮޓަރިތައް ވެސް ހުންނާނެ ގޮތަކަށެވެ. އަދި ސުވިމިން ޕޫލްފަދަ ވަސީލްތައްވެސް ލިބެން ހުންނާނެ އެވެ.

ކޮންމެއަކަސް ރާއްޖޭގެ ވިޔަފާރި ތަރައްގީ ވަމުންދާއިރު، މިފަދަ ތަނެއްގެ މުހިންމުކަން ބޮޑެވެ. އެހެންވެ އެޗްޑީސީން މިހާރު މިކުރާ މަސައްކަތް ނިމޭއިރު، މިތަނުން ފެންނާނީ މިފަޅުކަން ފިލުވައިދޭނެ ހިތް ގައިމު ތަނެކެވެ. އެކަމަށް މާކަގިނަ ދުވަހެއް ދެނެއް ނެތެވެ.