އޮފްބީޓް

ދިރިއުޅުން އިޓަލީއަށް ބަދަލު ކުރަން ބޭނުންތަ؟

އިޓަލީ އަކީ "ޑްރީމް ކަންޓްރީ" ހެއްޔެވެ؟ ނުވަތަ އިޓަލީއަށް ދިރިއުޅުން ބަދަލު ކުރަން ބޭނުން ހެއްޔެވެ؟ މިހާރު އެއީ އުނދަގޫ ކަމެއް ނޫނެވެ. އިޓަލީގެ ރަށް ފުށު އަވަށެއް ކަމަށްވާ ބޯމިޑާއަށް ބަދަލުވެ ހެޔޮ އަގުގައި ދިރިއުޅުމުގެ ފުރުސަތު މި ވަނީ ހުޅުވާލާފަ އެވެ.

އިޓަލީގެ ހުޅަނގު އުތުރުގައި އޮންނަ ފަރުބަދަ މަތީގެ ކުޑަ ކުޑަ އަވަށެއް ކަމަށްވާ ބޯމިޑާގައި ވަނީ އާބާދީ މަދުވަމުންދާ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. އެ އަވަށުގެ ޒުވާނުން ބޮޑެތި ސިޓީތަކަށް ދިރިއުޅުން ބަދަލު ކުރުމުގެ ސަބަބުން ބޯމިޑާގެ އާބާދީ ވަނީ އެތައް ގުނައެއް ދަށް ވެފަ އެވެ. މިހާރު އެ އަވަށުގެ އާބާދީ އަކީ 359 އެކެވެ.

ސަވޯނާ އެޑްމިނިސްޓްރިވް ޑިވިޝަން އަށް ނިސްބަތްވާ މި އަވަށުގެ އާބާދީ އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރު ކުުރުމަށް އެ ޑިވިޝަން އިން ދާދި ފަހުން ވަނީ އެ އަވަށަށް ރެޒިޑެންސީ ބަދަލުކުރާ މީހުންނަށް 2،173 ޑޮލަރު ހަރަދު ކުރަން ނިންމާފަ އެވެ. އެއީ އަވަށުގައި ދިރިއުޅެވޭނެ މަގު ފަހު ކޮށްދިނުމަށް ގެއެއް ނުވަތަ ގެއަށް ބޭނުންވާ ތަކެތި ގަނެދޭން ނިންމާފަ އެވެ. ނަމަވެސް އެކަން ޔަގީން ވެގެންދާނީ ކައުންސިލުން އެކަމާއި ބެހޭ ގޮތުން އެއްޗެއް ބުނުމުން ކަމަށްވެ އެވެ.

ބޯމިޑާ އަވަށުގައި ގެއެއްގެ މަހު ކުލި އެނގޭ ހެއްޔެވެ؟ އާންމުކޮށް ދިރިއުޅޭ ވަރުގެ ކުޑަ ގެއެއް ވެއްޖެޔާ މަހަކު 55 ޑޮލަރެވެ. ބޮޑު ގެއެއްގެ ކުއްޔަކީ މަހަކު 131 ޑޮލަރެވެ.

ފަހަކަސް އައިސް އިޓަލީގެ ރަށްފުށު އަވަށްތައް ދޫކޮށް ބޮޑެތި ސިޓީތަކަށް މީހުން ދިރިއުޅުން ބަދަލުކުރާ މިންވަރު އެ ގައުމުގައިވެސް އަންނަނީ އިތުރު ވަމުންނެވެ. އެހެން ކަމުން ކުދި އަވަށްތައް ފަޅު ވެދާނެ ކަމުގެ ބިރު އޮތީ ވަރަށް ބޮޑުވެފަ އެވެ.

މީހުން މަދު ނަމަވެސް މި އަވަށުގައި ދިރިއުޅުން އުފާވެރި ކަމަށް އެ އަވަށުގަިއ ދިރިއުޅޭ ބައެއް މީހުން ބުނެ އެވެ. އެ އަވަށުގައި ހަތަރު ރެސްޓޯރެންޓް ހުންނަ އިރު ޕޯސްޓް އޮފީހެއް ހުރެ އެވެ. އެ ޕޯސްޓް އޮފީސް ހުޅުވަނީ ހަފްތާއަކު ތިން ދުވަހު އެވެ.

އެ އަވަށާ އެންމެ ކައިރި ސިޓީ ވެސް އޮންނަނީ 50 މޭލު ދުރުގަ އެވެ.