ދުނިޔެ

ދެކުނު ކޮރެއާގެ އާ ރައީސް މަގާމުގެ ހުވާކުރައްވައިފި

May 10, 2017

ޚިޔާނާތާއި ފަސާދައިގެ މައްސަލަތަކެއްގައި ކުރީގެ ރައީސް ޕާކް ގިއުން ހައި މަގާމުން ދުރުކޮށް، ރައީސަކު ނެތި ގިނަ ދުވަސްތަކެއްވެފައިވާ ދެކުނު ކޮރެއާގެ ރައީސްކަމަށް އިއްޔެ އިންތިހާބުކުރި މޫން ޖައި އިން ރައީސްކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.

މިނިވަން ހިޔާލުގެ މޫން ކޮރެއާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އެ ގައުމުގައި އިއްޔެ ލީ ވޯޓްގެ 41.08 ޕަސެންޓް ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ހޮން ޖުން ޕިޔޯއަށް ލިބިވަޑައިގެންނެވީ 24.03 ޕަސެންޓް ވޯޓެވެ. ދެކުނު ކޮރެއާގެ އިންތިހާބުގެ ނިޒާމު އޮންނަ ގޮތުން އެ ގައުމުގެ އިންތިހާބުގައި ލާ ޖުމްލަ ވޯޓްގެ އަޣުލަބިއްޔަތު ނުލިބުނަސް ދެވަނަ ބުރަކަށް ވޯޓްލުމެއް ނޯންނާނެ އެވެ. އޭގެ ބަދަލުގައި އެންމެ ގިނައިން ވޯޓް ލިބިވަޑައިގަންނަވާ ބޭފުޅަކު އޮންނާނީ އިންތިހާބު ވެފައެވެ.

ދެކުނު ކޮރެއާގެ ރައީސް ކަމަށް ވަޑައިގެންނެވި އުމުރުފުޅުން 64 އަހަރުގެ މޫން އަކީ ދެކުނު ކޮރެއާގެ ރައީސްކަމުން ދާދިފަހުން އަޒުލުކުރި ޕާކް ގޫން ހައިއާ 2012 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ބޭފުޅާ އެވެ. އޭނާއަކީ އަވަށްޓެރި އުތުރު ކޮރެއާއާ މެދު ތަންކޮޅެއް މަޑުމައިތިރި ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެކެވެ. އޭނާ ރައީސް ކަމަށް އިންތިހާބު ވެއްޖެ ނަމަ އުތުރު ކޮރެއާއާ އެކު މަޝްވަރާތައް ބާއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މާބޮޑު ރަސްމިއްޔާތެއް ނުބާއްވައި ދެކުނު ކޮރެއާގެ ޕާލަމެންޓް ހައުސްގައި މޫން މިއަދު ހުވައި ކުރެއްވީ ޕާކް މަގާމުން ދުރު ކުރުމުން ގައުމުގައި އުފެދިފައިވާ ނުތަނަވަސް ކަމަށް އަވަސް ހައްލެއް ހޯއްދެވުމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އޭނާ ވިދާޅުވެފައި ވަނީ ރައީސް ކަން ލިބިވަޑައިގެންނެވިޔަސް އުޅުއްވާނީ މީހުންގެ ތެރެއަށް ނުކުމެވަޑައިގެން، އާދައިގެ ދިރިއުޅުއްވުމެއްގައި ކަމަށެވެ. އެގޮތުން އަމިއްލަފުޅު ސަލާމަތީ ކަންތައްތައް މާ ވަރުގަދަ ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.