ދުނިޔެ

ސޫރިޔާގެ ރެފިއުޖީންތަކެއް ޣަރަގުވާން އިޓަލީން ދޫކޮށްލިކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

May 10, 2017

މެޑިޓަނޭނިއަން ކަނޑުގައި މީގެ ގާތްގަނޑަކަށް ހަތަރު އަހަރު ކުރިން ސޫރިޔާގެ ރެފިއުޖީންގެ 268 މީހުން މަރުވި އެވެ. އޭގެ ތެރޭގައި 60 ކުޑަކުދިން ވެސް ހިމެނެ އެވެ. އެމީހުން މަރުވީ ސިސިލީއާ ތޫނިސްއާ ދެމެދު އޮންނަ ލަމްޕިޑޫސާ ނަމަކަށް ކިޔާ އިޓަލީގެ ޖަޒީރާއެއްގެ ދެކުނުން ގާތްގަނޑަކަށް 60 މޭލު ދުރުގައި އެމީހުން ދަތުރުކުރި އުޅަނދު ބަންޑުންޖަހައިލުމުގެ ސަބަބުންނެވެ. ރެފިއުޖީންގެ ގޮތުގައި ޔޫރަޕަށް މީހުން ދަތުރު ކުރުމުގެ ތެރޭގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާގެ ގޮތުގައި އަދިވެސް ފާހަގަވަނީ އެ ހާދިސާ އެވެ. ނަމަވެސް އިޓަލީގެ ހަފްތާ މަޖައްލާއެއް ކަމަށްވާ ލިސްޕްރެއްސޯ އިން އާއްމުކޮށްފައިވާ އޯޑިއޯއަކުން އެނގޭ ގޮތުގައި އެމީހުން ޣަރަގުވީ އެހީއަށް އެދި އެދި ވެސް އިޓަލީން އަޅައި ނުލުމުގެ ސަބަބުންނެވެ.

ރެފިއުޖީންގެ 480 މީހުންނައިގެން އެބޯޓް ލީބިޔާގެ ޒުވަރާ އިން ފުރީ 2013 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެބޯޓް ދަތުރުކުރީ އިޓަލީގެ ޖަޒީރާއެއްް ކަމަށްވާ ލިމްޕެޑޫސާއަށް ދިއުމަށެވެ. އޭގައި ތިބި ގިނަ މީހުންނަކީ ސޫރިޔާގެ ހަނގުރާމަފެށުމުން ލީބިޔާއަށް ހިޖުރަކޮށް، އަދި ލީބިޔާގައި ހަނގުރާމަ ފެށުމުން އެގައުމު ދޫކޮށްދާ މީހުންނެވެ. ޖެހިގެން އައި ދުވަހުގެ ހަވީރު ފަހެއް ޖަހަންދެން އެބޯޓް ފެންމަތީގައި އޮތެވެ. ނަމަވެސް އެހައިތަނުން އެބޯޓް ބަންޑުންް ޖަހައިލިއެވެ. އެހާދިސާ ހިނީ ލިމްޕެޑޫސާއާ ގާތްގަނޑަކަށް 60 މޭލު ދުރުގައެވެ. ބޯޓުން ދަތުރުކުރި ބައެއް މީހުން ސަލާމަތްކުރީ މޯލްޓާއާއި އިޓަލީގެ ބޯޓުފަހަރުންނެވެ. ނަމަވެސް އެބޯޓްފަހަރަށް އާދެވުނި އިރު ބަންޑުން ޖަހައިލި ބޯޓުގައި ތިބި މީހުންގެ ތެރެއިން ގިނަމީހުން ވަނީ މަރުވެފައެވެ.

އެހާދިސާއާ ގުޅިގެން މީޑިއާތަކުން ޔޫރަޕްގެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުކިއެވެ. ރެފިއުޖީން ސަލާމަތް ކުރުމަށް އިޓަލީ އިން " މެއާ ނޯސްޓްރަމް" ގެ ނަމުގައި އިޓަލީން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ފެށީ އެހެންވެއެވެ. އެއޮޕަރޭޝަން ހުއްޓައިލުމަށް ފަހު މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ކުރަނީ ޔޫރަޕިއަން ޔޫނިއަނުން ފަށާފައިވާ އެއަށް ވުރެ ކުޑަ އޮޕަރޭޝަނެއްގެ ދަށުންނެވެ. އެހާދިސާގެ ސަބަބުން މިހުރިހައި ކަމެއް ވިޔަސް އެހާދިސާގެ ހަގީގަތް އިއްޔެއާ ހަމައަށް އޮތީ ނޭނގިފައެވެ.

ލިސްޕްރެއްސޯއިން އާއްމުކުރި އޯޑިއޯތަކުން އެނގިފައިވާ ގޮތުގައި ބޯޓް ފެތެން ފެށުމުން އޭގައި ހުރި މީހަކު އިޓަލީގެ ކޯސްޓްގާޑަށް ގުޅިއެވެ. ޒަހަމްވެފައިވާ ކުޑަކުދިންވެސް ތިބި ބޯޓެއް ކަމަށް ބުނެ ގުޅި މީހާ އެހީތެރިކަމަށް އެދުނެވެ.

ހާދިސާއާ ގުޅޭ ތަފާތު ފޯންކޯލްތަކެއްގެ އޯޑިއޯ އާއްމުކޮށްފައެވެ. އޭގެ ތެރެއިން އެއް ކޯލަކީ ބޯޓުގައި ހުރި ޑޮކްޓަރެއް ކަމަށްވާ މުޙައްމަދު ޖައްމޫ އެދުވަހުގެ މެންދުރުފަހު 12.39 ގައި އިޓަލީގެ ކޯސްޓްގާޑަށް ކުރި ކޯލެވެ. އެކޯލްގައި އޭނާ ބުނެފައި ވަނީ ބޯޓަށް ދިޔަވެ، ފެތެމުންދާ ކަމަށެވެ. އޭގެ ފަހުން 1.17 ގައި ޖަންމޫ އިޓަލީގެ ކޯސްޓްގާޑަށް އަލުން ގުޅީ އުޅަނދެއް ފޮނުވިންތޯ އަހަން ވެގެންނެވެ. އިޓަލީގެ ކޯސްޓްގާޑުން އޭނާއަށް ޖަވާބުދިން މީހާ ބުނީ މޯލްޓާއަށް ގުޅުމަށެވެ. އޭނާ ބުނީ ފެތެމުންދާ ބޯޓް ކައިރިވާނީ މޯލްޓާއާ ކަމަށެވެ. ނަމަވެސް ހަގީގަތުގައި ބޯޓު އޭރު އޮތީ މޯލްޓާއާ 118 މޭލު ދުރުގައެވެ. އަދި ބޯޓާ ލިމެޕެޑޫސާއާ ދެމެދު ހުރީ 61 މޭލެވެ. މޯލްޓާއަަށް ގުޅުމަށް ފަހު އިޓަލީ ކޯސްޓްގާޑަށް ޖަންމޫ އަލުން ގުޅީ 1.48 ގައެވެ. ގުޅާފައި އޭނާ ބުނީ އޭނާ ހުރި ބޯޓާ އެންމެ ކައިރީގައި އޮންނާނީ ލިމްޕެޑޫސާ ކަމަށެވެ. އަދި އެރަށް އެއީ އިޓަލީގެ ރަށެއްތޯ އޭނާ ސުވާލުކުރެއެވެ.

ބޯޓް ބަންޑުން ޖަހައިލީ ލިމްޕެޑޫސާ ކައިރިއަށް ކަމަށް ވިޔަސް އެ ސަރަހައްދަކީ ބައިނަލް އަގުވާމީ ކަނޑުގެ ސަރަހައްދެކެވެ. އެ ސަރަހައްދު ބެލެހެއްޓުން އީޔޫ އިން ހަވާލުކޮށްފައި އޮތީ މޯލްޓާއަށެވެ. އެކަމަކު އޭރު ހާލުގައި ޖެހިފައިވާ ރެފިއުޖީން ތިބި ސަރަހައްދާ އެންމެ 20 މޭލު ދުރުގައި އިޓަލީގެ އުޅަނދެެއް އޮތެވެ. އެ ސަރަހައްދާ އެންމެ އަވަހަށް ފޮނުވެން އޮތް މޯލްޓާގެ އުޅަނދު އޮތީ 70 މޭލު ދުރުގައެވެ.

ލީކްވެފައިވާ އެހެން އޯޑިއޯއަކުން އެނގޭ ގޮތުގައި ރެފިއުޖީން ސަލާމަތްކުރުމުގެ އޮޕަރޭޝަން ލީޑްކުރަން މޯލްޓާ އިން އެއްބަސްވިއެވެ. އެކަމަކު ކައިރީގައި އޮތް އިޓަލީގެ އުޅަނދު ފޮނުވައި ދިނުމަށް އެމީހުން އެދުނެވެ. ނަމަވެސް އިޓަލީން އެކަމަށް ފަސްޖެހެމުން ދަނިކޮށް މޯލްޓާއިން މަތިންދާބޯޓެއް ފޮނުވައިގެން ރެފިއުޖީންގެ ހާލު ބެލި އިރު އެމީހުން ތިބީ ބޯޓް ވަނީ ފެތިފައެވެ. އިޓަލީގެ އުޅނދު ފޮނުވީ އެހިސާބުންނެވެ.

ކާކުކަން ނޭނގޭ ގޮތަށް ލީކްކޮށްލާފައިވާ އޯޑިއޯތައް ލިބުނު އިޓަލީގެ އިންވެސްޓިގޭޓިވް ޖާނަލިސްޓް ފްބްރީޒިއޯ ގާތީ ވޮޝިންޓަން ޕޯސްޓަށް ބުނެފައި ވާ ގޮތުގައި އެ އޯޑިއޯތަކުގެ ތެދުކަން ވަނީ ކަށަވަރު ކުރެވިފައެވެ. އެއީ އެމައްސަލައިގައި އުފުލާފައިވާ ދައުވާއަކާ ގުޅިގެން އިޓަލީގެ ޝަރުއީ އިދާރާތަކަށް ހުށަހަޅާފައިވާ އޯޑިއޯ ތަކާ އެ އޯޑިއޯތައް ދިމާވާތީ ކަމަށް އޭނާ ބުނެއެވެ - ވޮޝިންޓަން ޕޯސްޓް