އެމެރިކާގެ ރިޔާސަތަށް ވަޑައިގެންނެވުމަށް ރަޝިޔާގެ މަދަދު ލިބިވަޑައިގެންނެވި ކަމުގެ ތުހުމަތު އެޅިފައިވާ ޑޮނަލްޑް ޖޭ ޓްރަމްޕް ރަޝިޔާ ސަރުކާރުގެ އިސް ބޭފުޅަކާ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވާނީ މިއަދު އެވެ.
އެމެރިކާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ބުނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގެއި ލަވްރޯވްއާ އި ރައީސް ޓްރަމްޕް ބައްދަލު ކުރައްވާނެ ކަމަށެވެ. އެ ބައްދަލު ކުރެއްވުމުގައި ސޫރިޔާގެ މައްސަލައާއި ބައިނަލް އަގުވާމީ އެހެނިހެން މައްސަލަތަކާ މެދު ފުޅާ ދާއިރާއެއްގައި ދެބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
ނަން ހާމަނުކުރައްވައި ރޮއިޓާސްއާ ވާހަކަދެއްކެވި އެމެރިކާގެ އޮފިޝަލް ވިދާޅުވެފައި ވަނީ ރަޝިޔާއާއި އެމެރިކާގެ ގުޅުމާ ބެހޭ ގޮތުން ވެސް ދެބޭފުޅުން ވާހަކަ ދައްކަވާނެ ކަމަށެވެ.
ޓްރަމްޕް އެމެރިކާގެ ރައީސްކަމަށް ވަޑައިގެންނެވުމަށް ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އެހީތެރިވެވަޑައިގެންނެވި ކަމަށް ބުނާ މައްސަލަ ހޫނުވެފައި ވީ ނަމަވެސް ޓްރަމްޕް ރައީސްކަމަށް ވަޑައިގެންނެވި ފަހުން އެމެރިކާއާ ރަޝިޔާއާ ދެމެދު ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ރަޝިޔާގެ ރައީސް ޕުޓިން ކުރިން ވިދާޅުވެފައި ވަނީ ދުވަހަކު ވެސް ނުވާ ވަރަށް ދެގައުމުގެ ގުޅުން ގޯސްވެފައިވާ ކަމަށެވެ.
ރަޝިޔާއާ އެމެރިކާއާ ދެމެދު އަރައިރުމެއް ފެށުނީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް އެމެރިކާއިން ހަމަލާތަކެއް ދިނީމައެވެ. އެމެރިކާއިން ސޫރިޔާއަށް ހަމަލާ ދިނީ އެގައުމުގެ ސަރުކާރުން އާއްމުންނާ ދެކޮޅަށް ވިހަ ގޭހުގެ ހަމަލާއެއް ދިނީމައެވެ. ރަޝިޔާ އަކީ ސޫރިޔާ ސަރުކާރަށް އެންމެ ބޮޑަށް މަދަދުކުރާ ގައުމެވެ.