ރިޕޯޓް

ހުޅުމާލޭގައި ތަރައްގީގެ އާ ބާބެއް!

18
  • ހަތް ހާސް ފްލެޓުގެ މަސައްކަތް ފެށިއްޖެ
  • މަގުތަކާއި އެހެނިހެން ވަސީލަތްތައް ކުރިއަށް
  • ހިދުމަތްދޭ ތަންތަނުގެ އަދަދު އިތުރު ވެއްޖެ

މި ތަނުން ދުރުގައި ހުރެ ބަލާއިރު މަންޒަރު ވަރަށް ތަފާތެވެ. އޭރުން ފެންނަނީ ދޮން ފަސް ގަނޑެއް އެކަންޏެވެ. އަޑު އިވެނީ މި ތަނުގެ ވެލިން ލޮނު ވެސް ނުހިކޭ ވާހަކަ އެވެ. އެއްކަމެއްވެސް ނުހިނގާ ވާހަކަ އެވެ. މިއީ މާލެ އިން ފުރައިގެން 20 މިނެޓުން ދޯންޏެއްގައި ދެވޭ ރާސްތާގައި އޮތް ހުޅުމާލެ ނުވަތަ ޒުވާނުންގެ ސަހަރެވެ. ހުޅުމާލޭގައި މީހުން އުޅެން ފެށިތާ 13 އަހަރުވީ އެވެ. މިއަދު މި ތަނަށް ބަލާއިރު ފެންނަނީ ތަރައްގީގެ އާ ބާބެއް ފެށިފައިވާ ތަނެވެ.

"ކުރިން ފޭސް އެކެއްގައި އޮތް އޯވަރޯލް މާސްޓް ޕްލޭން ޑިވްލޮޕްމަންޓަށް މިވަނީ ބަދަލު ތަކެއް ގެނެވިފައި. މި ބަދަލު ގެނެސްފައި މިވަނީ މިއަދުގެ ކުރިއެރުމެއް ބަލާފައި. ކުރިއާ ހިލާފަށް ހައި އެންޑް ހައިސް ތަންތަން ގެންނާނެ. ގިނަ ބަޔަކަށް ދިރިއުޅެވޭނެ ވަސީލަތްތައް ފުރިހަމަ ކުރާނެ. އެހެންވެ އެ މަސައްކަތް މި ކުރަނީ،" ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވި އެވެ.

ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ހިއްކަން ފެށި ހުޅުމާލެ ފުރަތަމަ ފިޔަވަހި ބިން ހިއްކުން ނިންމަން 10 ވަރަކަށް އަހަރު ނެގި އެވެ. މި ރަށް ފުރަތަމަ ހިއްކާފައިވަނީ 40،000 މީހުންގެ އާބާދީއެއް ވަޒަންވެރި ކުރުވުމަށެވެ. އޭގެ މީގެ ތިން އަހަރު ކުރިން މި ސަރުކާރުން މިވަނީ ދެވަނަ ފިޔަވަހި ހިއްކާފަ އެވެ. ގާތްގަނޑަކަށް 77 ދުވަހުން 240 ހެކްޓަރު ހިއްކައި ނިންމާލިއިރު، މި ސަރުކާރުގެ އަމާޒަކީ މި ރަށަކީ ޒުވާނުންގެ ސަހަރަކަށް ހެދުމެވެ. އެގޮތުން

މި ސަހަރުގައި ދެ ލައްކައެއްހާ މީހުންގެ އާބާދީއެއް ވަޒަންވެރި ކުރުވަން ވަނީ ނިންމާފަ އެވެ. މި ލަނޑުދަނޑި އަށް ވާސިލްވުމަށް، ދެވަނަ ފިޔަވަހީގައި ގެދޮވެރިކުރުމުގެ ގިނަ މަސައްކަތް ތަކެއް ވަނީ ފެށިފަ އެވެ. މި ބަދަލު ތައްގެންނަނީ ބައިނަލްއަގުވާމީ ފަރާތްތަކުގެ ދިރާސާތަކާއެކުގަ އެވެ.

އެޗްޑީސީގެ އެމްޑީ ސައިމަން ވިދާޅުވީ ސިންގަޕޫރުގެ މާހިރުންގެ ޓީމަކާ ހަވާލުކޮށްގެން ކުރި މަސައްކަތުން ބަދަލުތައް ގެންނަން ފަށާފައިވާ ކަމަށެވެ.

"ދިރާސާތަކުން އެނގުނީ އެއްފަހަރާ ހުޅުމާލެ އަށް ގެންނަން ޖެހޭ ބަދަލު ގެނައުމުގައި ރައީސް ޔާމީންގެ ވިޝަން އާއި ޔޫތު ސިޓީގެ ވިޝަން އެލައިން ކުރާނަމަ ފޭސް ދޭއް ހިއްކަން ޖެހޭ ކަމަށް. އެހެންވެ ދެވަނަ ފިޔަވަހިން މި ފުރުސަތު ތަނަވަސް ވާނެކަން،" ސައިމަން ވިދާޅުވި އެވެ.

ހިދުމަތްދޭ ތަންތަން އިތުރު ވެއްޖެ!

ހުޅުމާލެއަކީ ޒުވާނުންގެ ސިޓީއަކަށް ހެދުމަށް ކުރިއަށް ގެންދާ ބިޔަ މަޝްރޫއުގެ ދަށުން ހަމައެކަނި މަސައްކަތް ކުރަނީ ފޭސް ދޭއެއްގައި އެކަންޏެއް ނޫނެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ހުސްކޮށް ހުރި ބިންތައް އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މިގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ދަނީ ކުރަމުންނެވެ.

އެމްޑީ ސައިމަން ވިދާޅުވީ ރެސިޓެންޑަލް ޑިވްލޮޕްމަންޓާއެކު، ހުޅުމާލޭގެ އެހެން ދާއިރާތައް ވެސް ތަރައްގީ ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

"ސްކޫލް އާއި މަގުތައް ވެސް ދަނީ ހަދަމުން. މިގޮތުން އެންމެ ބޮޑު ސްކޫލް އަޅަން ވަނީ ހަވާލު ކުރެވިފައި. މީގެ އިތުރުން އިންޑަސްޓްރިއަލް އޭރިޔާއަށް ބެލިނަމަވެސް އަޅުގަނޑުމެން ރިވިއުކޮށްގެން ފެށިއިރު ހިދުމަތް ދެނީ 40 ތަނެއް ނަމަވެސް މިހާރު އިތުރު 50 ނޫނީ 60 ތަނެއް އެބަ ހިދުމަތް ދެވޭ. މިހާރު 100 އަށްވުރެ ގިނަ ތަނުން އެބަ ހިދުމަތް ދޭ،" ސައިމަން ވިދާޅުވި އެވެ.

ސެންޓްރަލް ޕާކާއި ސެންތްރޯ މޯލް

މި ތަންތަނުގެ ތެރޭގައި ރާއްޖޭގައި މުޅިންއާ ކޮންސެޕްޓަކަށް ހަދާފައިވާ "ސެންތްރޯ މޯލް" ހިމެނެ އެވެ. މިތަނަކީ ބޭރުގެ އެހެން ގައުމުތަކުން ފެންނަ ފަދަ ގިނަ ހިދުމަތްތައް ލިބޭ ގޮތަށް ހަދާފައިވާ އިމާރާތެވެ. މިތަނުގައި މިހާރުވެސް ބޭންކާއި އިންޓަނޭޝަނަލް ފްރެންޗައިޒެއްގެ އިތުރުން ބައެއް ވިޔަފާރިތައް ވަނީ ހުޅުވާފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ޕާކު ވެސް ވަނީ ހުޅުމާލޭގައި ހަދާފަ އެވެ- ހުޅުމާލެ މެދުތެރޭގައި ފައްކާކޮށްފައިވާ މި ޕާކުގައި މީހުން ގޮސް އަރާމުކޮށްލާނެ އެންމެހާ ވަސީލަތްތައް ވަނީ ގާއިމް ކޮށްފަ އެވެ. ސެންޓްރަލް ޕާކްގައި ކަޝްރަތު ކުރުމަށް، ދުވާ މީހުންނަށް ހާއްސަ ސަރަހައްދެއް އޮވެ އެވެ. އަދި ސްކޭޓް ކުރާ ޒުވާނުންނަށް ހާއްސަ ސަރަހައްދެއް ވެސް ހުރެ އެވެ. މީގެ އިތުރުން ސެންޓްރަލް ޕާކްގައި މިހާރު ވަނީ އައުޓްޑޯ ޖިމެއްގެ އިތުރުން ޔޯގާ ފަދަ ކަޝްރަތުތައް ކުރެވޭ ގޮތަށް ހިޔާކޮށްފައިވާ ސަރަހައްދެއްގެ ހިދުމަތް ވެސް ދޭން ފަށާނެ އެވެ. އަދި މިތަނުގައި ފެހިކޮށް ބާއްވާ ހާއްސަ އޯޕަން އޭރިޔާއެއް އޮވެ އެވެ. މިސަރައްހަދަށް ފުރިހަމަކަން ގެނެސްދެނީ މިތަނުގައި ހަދާފައިވާ މަސްނޫއީ ކޯރެވެ.

ދެވަނަ ފިޔަވަހި- މުޅިން ތަފާތު ވާނެ

ހުޅުމާލެ ފުރަތަމަ ފިޔަވައްސަށްވުރެ އެތައް ގުނައެއް ދެވަނަ ފިޔަވަހި ތަފާތުވާނެ އެވެ. ދެވަނަ ފިޔަވަށްސަށް އެކަނި ބަލާއިރު މަގުތައް ދަނީ މިހާރު ހަދަމުންނެވެ. މި ފިޔަވަހީގެ މަގުތަކުގެ ބިންގަނޑު އެއްވަރުކޮށް، މަގުތައް އެއްވަރުކޮށް ތާރު އަޅަން ދަނީ ތައްޔާރު ވަމުންނެވެ. މި މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމް އެކްސްޕޯޓް) އާއި އަޝޯކާ ބިލްޑްކޮމް އިންނެވެ. ގާތްގަނޑަކަށް ދޮޅު އަހަރު ނިންމާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 40.3 މިލިއަން ޑޮލަރު ( ގާތްގަނޑަކަށް 620 މިލިއަން ރުފިޔާ) އެވެ. މި މަގުތައް ހަދަނީ ހަތަރު ލޭނަށް ހަދާ މަގުތަކެވެ.

ދެވަނަ ފިޔަވަހީގައި ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ އުސް އޮފީސް އިމާރާތްވެސް އަޅަން ވަނީ ނިންމާފަ އެވެ. އެޗްޑީސީން ހަދާ މިތަނުގައި 25 ބުރި ހުންނާނެ އެވެ. މި އިމާރާތަށް 122 މިލިއަން ޑޮލަރު ( ގާތްގަނޑަކަށް 1.8 ބިލިއަން ރުފިޔާ) ހޭދަވާނެ އެވެ. މިތަން އިމާރާތް ކުރަނީ އެޗްޑީސީންއިންނެވެ. މިތަން އިމާރާތް ކުރަނީ ބިއްލޫރި އާއި ދަގަނޑު ބޭނުންކޮށްގެންވެ. މިތަނުގައި 30،000 ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވޭނެ ޓޭންކެއް ހުންނާނެ އެވެ. އަދި އިމާރާތުގެ އެންމެ ތިރީ ބުރީގައި ހުންނާނީ ލޮބީ އާއި ފިހާރަ ތަކެވެ. އަދި އެއްވަނަ ބުރި އާއި ދެވަނަ ބުރީގައި ކާރު ޕާކުކުރާނެ ޖާގަ އޮންނާނެ އެވެ. އަދި މިތަނުގައި 250 މީހުންގެ ރެސްޓޯރެންޓެއް ވެސް ހުންނާނެ އެވެ. މި އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހު ނިމޭނެ އެވެ.

ސައިމަން ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ އޮފީސް އިމާރާތުގައި ސަރުކާރުގެ އޮފީސްތަކަށާއި ކުންފުނިތައް އަދި ބޭންކްތަކަށް ވެސް ޖާގަ ލިބޭނެ ކަމަށެވެ.

"މިތަން ހުޅުމާލެއަށް ބަދަލު ކުރުމާއެކު އިތުރު ވިޔަފާރިތައް ހުޅުމާލެއަށް ޝައުގުވެރިވެގެންދާނެ،" ސައިމަން ވިދާޅުވި އެވެ.

"އުންމީދީ" 7،000 ފްލެޓް ފެށިއްޖެ

ދެވަނަ ފިޔަވަހީގައި ފުރަތަމަ ހިންގާ ހައުސިން މަޝްރޫއުގެ ތެރޭގައި ހިމެނެނީ 7،000 ފްލެޓު އެޅުމުގެ ބިޔަ މަޝްރޫ އެކެވެ. މި މަޝްރޫއުގެ ދަށުން، 25 ބުރީގެ 16 ޓަވަރު ހުންނާނެ އެވެ. މި މަސައްކަތް ކުރަނީ ހައުސިން ޔުނިޓް އަޅަން ޗައިނާގެ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) ގެ ލޯނާއެކުގަ އެވެ.

އެ މަޝްރޫއު ކުރިޔަށް ގެންދާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިން މިހާރު އަންނަނީ އަމަލީ ބައެއް މަސައްކަތް ކުރަމުންނެވެ. ސައިޓް ތައްޔާރުކޮށް އިމާރާތަށް ބޭނުންވާ ތަކެތި ޖަމާކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި މިއާއެކު ލޭބަ ކުއާޓާތައް ވެސް ދަނީ ހަދަމުންނެވެ. މި ފްލެޓުގައި ހުންނާނީ ދެ ކޮޓަރީގެ އެޕާޓްމަންޓް ތަކެވެ. މި ތަންތަނަކީ އާއްމުންނަށް ގަނެވޭނެ އަގެއްގައި ހަދާ ފުރިހަމަ އިމާރާތައް ވާނެ އެވެ. މިތަން ވެސް އަންނަ އަހަރުގެ ނޮވެމްބަރު މަހު ނިމޭނެ އެވެ.

އެޗްޑީސީގެ އެމްޑީ ސައިމަން ވިދާޅުވީ ދެވަނަ ފިޔަވަހީގައި 35،000 ހައުސިން ޔުނިޓް އެޅުމަކީ އަމާޒެއް ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ބާރަށެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު މީގެ ތެރެއިން ގިނަ މަސައްކަތްތައް ނިންމާލުމެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި މުޅިންއާ ބާބައެއްގެ މަސައްކަތް ވަނީ ފެށިފަ އެވެ.