ދުނިޔެ

ކޯމީ ވަކިކުރީ ރަޝިޔާއާ އޮތް ގުޅުމުގެ ތަހުގީގު ފުޅާކުރަން އުޅުއްވުމުން

May 11, 2017

އެމެރިކާގެ ފެޑެރަލް ބިއުއޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ޑިރެކްޓަރު ކަމުން ޖޭމްސް ކޯމީ ވަކިކުރީ އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒުފޯރުވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް އިތުރު ވަސީލަތްތައް ހޯއްދަވަން އުޅުއްވަނިކޮށް ކަމަށް އެމެރިކާ ކޮންގްރެސްގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސްގެ މަސްދަރަކާ ހަވާލާދީ ރޮއިޓާސް ބުނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ޓްރަމްޕަށް އެހީތެެރިވުމުގެ ގޮތުން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ކުރުމަށް ޓަކައި އެފްބީއައިއަށް އިތުރު ވަސީލަތްތައް ބޭނުންވާ ކަމަށް ކޮންގްރެސްގެ މެމްބަރުންނަށް ކޯމީ ދެންނެވި ކަމަށެވެ. އެގޮތުން އެފްބީއައިއަށް އިތުރު މުވައްޒަފުން ހޯއްދެވުމަށް ޖަސްޓިސް ޑިޕާޓްމަންޓްގައި އޭނާ އެދިވަޑައިގެންނެވި ކަމަށް ވެސް ކޮންގްރެސްގެ މަސްދަރާ ހަވާލާދީ ނޫހުން ބުންޏެވެ.

އެފްބީއައި އަށް އިތުރު ވަސީލަތްތައް ހޯއްދަވަން ކޯމީ އެދިވަޑައިގެންނެވި ކަމަށް ބުނާ ވާހަކަ ކަށަވަރު ކުރަން ޖަސްޓިސް ޑިޕާޓްމަންޓްގެ ތަރުޖަމާނަށް ސުވާލު ދެންނެވުމުން އޭނާ ވިދާޅުވެފައި ވަނީ އެއީ ދޮގެއް ކަމަށެވެ.

ކޯމީ މަގާމުން ދުރުކުރުމުން އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން ވެސް ވަނީ އެކަމުގައި ފާޑުކިޔާފަ އެވެ. ކޯމީ މަގާމުން ދުުރުކުރީ ރަޝިޔާއާ ޓްރަމްޕް ސަރުކާރާ ގުޅުން އޮތްތޯ ބަލަން ކުރާ ތަހުގީގަށް ހުރަސް އަޅުއްވަން ކަމަށް ކުރާ ތުހުމަތު ޓްރަމްޕް ވަނީ ދޮގު ކުރައްވާފަ އެވެ. ޓްރަމްޕް ސަރުކާރުން ބުނަމުން ދަނީ ކޯމީ މަގާމުން ދުރުކުރީ މަގާމުގެ މަސްއޫލިއްޔަތު އޭނާ ރަނގަޅަށް އަދާ ނުކުރައްވާތީ ކަމަށެވެ.

މަގާމު ގެއްލިވަޑައިގެންނެވުމުން އެފްބީއައިގެ މުވައްޒަފުންނަށް ކޯމީ ފޮނުއްވި ވަދާއީ ސިޓީގައި ވިދާޅުވެފައި ވަނީ ކޮންމެ ސަބަބަކާ ލައިގެން ވެސް އަދި އެއްވެސް ސަބަބަކާ ނުލައި ވެސް އެފްބީއައިގެ ޑައިރެކްޓަރަކަށް ހުންނަވާ ބޭފުޅަކު މަގާމުން ދުރުކުރުމުގެ އިޚުތިޔާރު ރައީސުންނަށް އޮންނާނެ ކަން އޭނާ ކުރިއްސުރެ ގަބޫލު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ޓްރަމްޕްގެ ނިންމެވުމާއި މެދު އަދި އެނިންމެވުން ތަންފީޒުކުރެއްވި ގޮތާއި މެދު ވިސްނެވުމަށް އޭނާ ވަގުތު ހޭދަ ނުކުރައްވާނެ ކަމަަށެވެ.