ދުނިޔެ

ޔަމަނަށް ދޭ ހަމަލާތައް މެދުކަނޑާލެވޭތޯ އދ. އިން މަސައްކަތް ކުރަނީ

Apr 5, 2015

ޔަމަންގެ ޝިޔައީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައޫދީ އަރަބިއްޔާ އިސްވެ އޮވެ ވައިގެ މަގުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން އާންމުންނަށް ގެއްލުންވަމުން ދާތީ، އެހީ ފޯރުކޮށްދެވޭނެ ގޮތެއް ހެދުމަށް ހަމަލާތައް މެދުކަނޑާލެވޭތޯ އދ. އިން މަސައްކަތް ފަށައިފި އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ރައީސް ވިދާޅުވީ އެހީ ފޯރުކޮށްދިނުމަށްޓަކައި ހަމަލާތައް މެދުކަނޑާލުމަށް ރަޝިޔާ އިން ހުށަހަޅާފައި ވާއިރު މެންބަރުން އެކަމާ ވިސްނުމަށް މިހާރު ވަގުތު ދީފައިވާ ކަަމަށެވެ.

ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައޫދީން ހަމަލާ ދޭތާ 11 ދުވަސް ވެފައި ވާއިރު، ރެޑް ކްރޮސް އިން ވެސް ވަނީ އެހީ ފޯރުކޮށްދިނުމަށް 24 ގަޑިއިރަށް ހަމަލާތައް މެދުކަނޑާލުމަށް އެދިފަ އެވެ. އެ ޖަމާއަތުން ބުނީ ހަމަލާތަކުގެ ސަބަބުން ޒަހަމްވެފައިވާ މީހުންނަށް ބޭސްވަރުވާ އަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ޔަމަނަށް ހަމަލާ ދޭން ފެށިފަހުން މިހާތަނަށް 185 މީހަކު މަރުވެ 1282 މީހަކު ޒަހަމް ވެފައިވާ ކަމަށް ހޮސްޕިޓަލްތަކުގެ ރެކޯޑްތަކުން ދައްކަ އެވެ. މިއީ ވައިގެ މަގުން ދޭ ހަމަލާތަކުގައި ގެއްލުން ލިބުނު މީހުން ނުހިމަނަ އެވެ. ރެޑް ކްރޮސް އިން ބުނީ ޔަމަންގެ ހާލަތު ވަރަށް ނުރައްކާ ކަމަށާއި އިންސާނީ އެހީ އަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ކަމަށެވެ. އަދި އެހީ ފޯރުކޮށް ނުދެވިއްޖެ ނަމަ އިތުރު އެތައް ބައެއްގެ ފުރާނަ ގެއްލިގެން ދާނެ ކަމަށް ވެސް ރެޑް ކްރޮސް އިން ވަނީ ބުނެފަ އެވެ.

ޔަމަނަށް ހަމަލާ ދެމުން ދާއިރު އެ ގައުމުގައި ބަންދުވެފައި ތިބި އެކި ގައުމުތަކުގެ މީހުން ސަލާމަތްކޮށް ގައުމުތަކަށް މިހާރު ދަނީ ގެންދަމުންނެވެ. --ބީބީސީ