ވާހަކަ

މުޅިޖާންހިތާ

(9 މެއި 2017 އާ ގުޅޭ)

"މީހަކު އައީތަ މިއަދު؟ ސަލްދައްތަމެންތަ؟ އިވުނު ވާހަކަ ދައްކާ އަޑު" މައުރީން އަހާލިއެވެ. އެއާއެކު ރުބީނާއަށް ޤައިސްގެ ވާހަކަ ހަނދާންވިއެވެ. ހިތާއި ސިކުނޑިއަށް ވެރިވެފައިވާ އުދާސްކަން އެއްފަރާތްކޮށްލާފައި މައުރީންއާ އޭނާ ކުރިމަތިލި އެވެ.

"މައު... މަންމަ މިއުޅެނީ ޤައިސް ބޭބެއާ މެރީ ކުރަންވެގެން" މައުރީނުގެ ކޮންމެ ހަރަކާތަކަށް ރުބީނާ ބަލަން އިނެވެ.

ރުބީނާގެ ގާތުގައި ސޯފާއަށް ދެފައި އަރުވައިގެން މައުރީން އިށީން އިރު އޭނާ ކަމަކާ ވިސްނާ ކަހަލަ އެވެ. ޖަވާބެއް ބޭނުންވެފައި އިން ރުބީނާއަށް ހިމޭންކަމުގެ ދެތިން ސުކުންތު ވެސް ކެތް ނުކުރެވުނެވެ. ރަނގަޅަށް މައުރީނާ ދިމާއަށް އެނބުރިލާފައި އަނެއްކާ ވެސް އިހު ބުނިހެން ޤައިސްއާ އިންނަން އުޅޭ ވާހަކަ ތަކުރާރުކޮށްލި އެވެ.

"މައު ބޭނުންވަނީ މަންމައާއެކު ހުންނަން" ހިތް ނުތަނަވަސް ވެފައި އިން ފަދަ ގޮތަކަށް މައުރީން ބުންޏެވެ. އެއާއެކު ރުބީނާ ހިނިތުން ވެލިއެވެ.

"މަންމަ ނޫޅެމޭ މައު ދޫކޮށްލާކަށް... މެރީ ކުރާން އުޅޭތީއާއެކު މައުއަކީ މިހާރު މަންމަގެ ހުރި ހަމައެކަނި ދަރިފުޅު. އެހެންވެ ދަރިފުޅު ގާތުގައި ނުބުނެ އެކަހަލަ ކަމެއް ނުކުރަން ވެގެން މިބުނީ... މަންމަ ވެސް މިހާރު ބޭނުންވަނީ ޤައިސް ބޭބެއާ މެރީކުރަން... އެއްވެސް އިރެއްގައި ބައްޕައަކީ މައުއާ ހެދިގެން އެހާވަރުން އުޅުނު މީހެއް ނޫން. މިހާރު ވެސް އެ އުޅެނީ އެ އައިރާގެ ހިތްހަމަޖައްސާ ދެވޭތޯ. ދޮންބެ މަސައްކަތް ކުރާން ފެށީމަ އަހަރުމެންނަށް ކިރިޔާ ވެސް ހަމަޖެހިލައިގެން އުޅެވެން ފެށީ. އޭގެ ކުރީން އުޅުނީ ކިހާ ދަތިކޮށް. އެއީ މައުގެ ބައްޕަ ބޭނުންވާ ގޮތް" މައުރީންގެ ކޮނޑުގައި މަޑުމަޑުން ރުބީނާ ފިރުމާލި އެވެ.

"ޤައިސް ބޭބެއާ މަންމަ މެރީކޮށްގެން އެގެއަށް އަހަރުމެން ބަދަލުވާނީތަ؟" މައުރީނަށް އެންމެ މުހިންމުވި ސުވާލުކޮށްލި އެވެ.

"އާން! ޤައިސް ބޭބެ އެދެނީ އެގެއަށް އެއްކޮށް ބަދަލުވާން. މައުއަށް ބޭނުންވާ ހުރިހާ ކަމެއް ވެސް ކޮށްދޭނެ ވާހަކަ ބުނި" މައުރީނަށް ކުރީން ވެސް ޤައިސް އުޅެމުންދާ ގެ ވަނީ ވަރަށް ކަމުގޮސްފައިކަން ރުބީނާ ދެނަހުއްޓެވެ. އަދި އެފަދަ މުއްސަނދި އަރާމު ދިރިއުޅުމަކަށް ހަމައެކަނި އެދޭ މީހަކީ އޭނާ އެކަނި ނޫންކަން ވެސް ރުބީނާއަށް ވަނީ އެނގިފަ އެވެ. ދަރިފުޅުގެ ސިކުނޑިއާ އެހާ ފަސޭހައިން ކުޅެލެވުނީ އެހެންވެއެވެ.

"މައުއަށް ވެސް ޤައިސްބޭބެ ކަމުދޭ. އޯކޭ މަންމަ މެރީ ކުރިޔަސް" ކުޑަކޮށް ހިނިއައިސްފައި އިނދެ މައުރީން ބުނެލި އެވެ. އެހިނދު ރުބީނާ ނިކަން ބޮޑަށް ހިނިތުންވެލުމާއެކު ފުންނޭވާއެއް ދޫކޮށްލި އެވެ. ދެން އިތުރަށް ޤައިސްއާ ކައިވެނި ކުރުމަށް އޭނާއަށް ހުރަސް އަޅާނޭ މީހަކު ނުހުންނާނޭކަން އެނގި އިންތިހާއަށް ހިތްހަމަޖެހިލި އެވެ. ނަމަވެސް އެ ހިތްހަމަޖެހުން ދެމިގެން ދިޔައީ މަދު ސުކުންތު ކޮޅަކަށެވެ. ސިކުނޑީގެ ކަނަކުން އައިރާގެ ޚިޔާލުތައް އުތުރި ގަތުމާއެކު ނަފްސުގެ އަމާންކަން ގެއްލި މޫނުމަތީގައިވި އުޖާލާކަން ފަނޑުވެއްޖެ އެވެ.

"އޭނާއަށް ގޮތެއް ހަދާފައި ނޫނީ ނުދާނަން" ދަތް ބާރު ކޮށްލުމާއެކު ހިތާހިތާ ރުބީނާ ބުނެލި އެވެ. ރަނގަޅު ފުރުޞަތަކަށް ރުބީނާ ވަނީ ބޭނުންވެފަ އެވެ. އޭނާގެ ރޭވުންތެރިކަން ކިތަންމެ މޮޅު ނަމަވެސް ކާމިޔާބު ލިބެން އޮތީ އެ ރޭވުންތެރިކަން އެންމެ އެކަށޭނެ ވަގުތުގައި ޙިކުމަތްތެރިކަމާއެކު އޭގެ ބޭނުން ހިފިއްޖެ ނަމައެވެ. އެ ވަގުތަކަށް އޭނާ ހުންނަންޖެހޭނީ ނިކަން ހުޝިޔާރު ވެއެވެ. އަމީރަކީ ވެސް ނިކަން ވިސްނުން ރަނގަޅު މީހެކެވެ. ވީއިރު އޭނާ ފަދަ މީހަކަށް ދަޅަ ދެއްކުމަކީ ޚުދު ރުބީނާއަށް އޮތް ގޮންޖެހުމެކެވެ. އެންމެ ހީނުކުރާ ވަގުތު އޭނާގެ އަތުން އައިރާ ޖަހައިގަންނާކަށް އަމީރު ފަހަކަށް ނުދާނެ އެވެ. ސިކުނޑިއަށް ބާރު ބޮޑުވަމުން ދިޔަވަރަކަށް ރުބީނާގެ ނިތްކުރިން ދާތިކި ފާޅުވަމުން ދިޔައެވެ. މިފަހަރު އޭނާ ބޭނުންވަނީ އެކުވެރިންގެ ޚިޔާލަކާ ނުލާ އަމިއްލައަށް ނިންމުމެއް ނިންމާށެވެ.

* * * *

ހަޔާތުގެ އިރު އޮއްސިފައިވާއިރު އައިރާގެ ނަފްސު ވަނީ ބޯމިން ނޭނގޭ ހިމޭންކަމުގެ ފާރަކުން ޙިޞާރުވެފައެވެ. އަލަމާރީގައި ހުރި އިސްކޮޅު ފެންވަރުގެ ބޮޑު ލޯގަނޑުން ފެންނަމުންދިޔަ އައިރާގެ ސޫރައަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. ލައިލެކް ކުލައިގެ ކަށިމައްޗަށް އަރާ ގަޔަށް ދޫކޮށް ހުރި ހެނދުމުގެ ދަށުން ލާފައި ހުރި ހުދުކުލައިގެ ސްކީނީ ފެނެއެވެ. ހެދުމުގެ ކުރިމަތީގެ ބައެއްގައި މަތިން ފެށިގެން ތިރިއަށް ބޮޑެތި ހުދު ކުލައިގެ މިނާ ހަރުކޮށްފައި ހުއްޓެވެ. އަޅާފައި ހުރީ ހެދުމުގެ ކުލައަށްވުރެ މަޑު ކުލައެއްގެ ޝިފޯން ޝޯލެކެވެ. އޭނާ ތައްޔާރުވެގެން އެ ހުރީ ލިޒީގެ ކައިވެނި ކުރެވޭއިރު އެ ޙަފްލާގައި ބައިވެރިވުމަށެވެ. ނަމަވެސް އައިރާގެ ދެ ލޮލުން ވިދުން ކެނޑިފައިވާ ކަހަލައެވެ. ހިނިތުންވެލުން ބުރަކަމަކަށް ވެފައިވާ ކަހަލައެވެ.

"އަހަންނާއެކު ލިޒީގެ ކައިވެންޏަށް ދާނަން ކަމުގައި ބުނީމެއްނު... ދެން ކީއްވެ މިއަދު އަހަރެން އެކަނި ދާން ދޫކޮށްލީ؟ ކީއްވެ ނިޔާނު ނައީ؟ އައު ހެދުން ލައިގެން ހުރި ނަމަވެސް މިއަދު ރީއްޗޭ ބުނެލަން ވެސް ނިޔާނު ނެތް... ދިރިއުޅުމުގެ މައިދާނުގައި އަހަރެންގެ އަތުން ތި ދޫކޮށްލީ އަހަރެން ނިޔާނަށް އެންމެ ބޭނުންވި ދުވަހު... ހެޔޮނުވާނެ ނިޔާނު! މީ އަހަންނަށް ފެންނަ ބިރުވެރި ހުވަފެނެކޭ ބުނެ އަހަރެން ނިޔާނުގެ ދުނިޔެއަށް ހޭލައްވާލަބަލަ... ބުނެބަލަ ނިޔާނު އަހަންނާ ވަތްކެއް ނުވަމޭ... ޕްލީޒް ނިޔާނު... ތި އަޑުން އަހަންނަށް ގޮވާލަ ބަލަ... އަހަރެން ހޭލަން ބޭނުން... ނިޔާނުގެ ގާތުގައި ހުންނަން ބޭނުން... މި ދުނިޔެއިން ނުކުންނަން ބޭނުން... އަހަރެންގެ މޭފިތެމުންދާހެން ހީވަނީ... ރޮއެރޮއެ މި ހިތް ފާރުވާން ކައިރިވެއްޖެ. މީތަ ނިޔާނު އަހަރެންދެކެ ވީ ލޯތްބަކީ... ކީއްވެތަ ނިޔާނު ނައީ؟ އަހަރެން އިންތިޒާރުކޮށްކޮށް ވަރުބަލިވެއްޖެ. ނިޔާނު ބުނީމެއްނު ލޯބިވާ މީހުންނާ ދުރުގައި ހުރުމަކީ ކުރާން އެންމެ އުނދަގޫ ކަންތަކޭ... ދެން އާދޭ.... ޕްލީޒް... ޕްލީޒް..." އައިރާގެ ދެ ލޮލުގައި ބޮނޑިވަމުންއައި ކަރުނަތައް ނުކިޔަމަންތެރިކަމާއެކު ސައިލެއް ފަދައިން ދެ ކޯތާފަތުން ފައިބަން ފެށިއެވެ. އެހިނދު ދެ އަތްތިލައިގެ ތެރޭ އެ މޫނު ފޮރުވާލިއެވެ. ޝަކުވާގެ އަޑު އިވޭ ވަރަށްވުރެ ނިޔާނުވީ ދުރުގައިކަން އެނގި ޒަޙަމްވެފައިވާ ހިތުން ލޭ ކަރުނަ އޮހޮރި ގިސްލެވިއްޖެއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލި ކަމެއް އައިރާ ނުދެނަހުއްޓެވެ. އެތެރެއަށް ވަންނަން އުޅުނު ހިނދު ޝިމްލާގެ ދެފައި ގަނޑުވީ އިވެމުންދިޔަ ވޭނުން ފުރިގެންވި ރުއިމުގެ އަޑުންނެވެ. އެ އަޑުގެ އަސަރުގައި ޖެހި ޝިމްލާގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ހިނގައްޖެ އެވެ. ދެ ލޮލުން ކަރުނަ ނިރާލީ އިޚްތިޔާރަކާ ނުލައެވެ. ސިކުނޑި ހާސްކަމުން ބައްދާލީ އައިރާގެ ހިތާމަތައް ލުއިކޮށްދޭން ބޭނުންވެ އެކަން ކުރެވޭނޭ ގޮތެއް އެ ސިކުނޑިއަށް ނައުމުންނެވެ. އައިރާ ރޯތަން ފަހަކަށް އައިސް ނުފެންނާތީ ޝިމްލާއަށް ހީވީ އެކުއްޖާ ހުރީ ތަޤުދީރުގެ ނިޔާއާ ޞުލްޙަވެ ކެތްތެރިކަން ޚިޔާރުކޮށްގެން ކަމުގައެވެ. ނަމަވެސް މެދުކެނޑުމެއްނެތި އިވެމުންދިޔަ ގިސްލުމުގެ އަޑުގައިވަނީ އެ ހިތުގައި އަޅަމުންދާ ވޭނުގެ އަސަރެވެ. ކެތްތެރިކަން ފޫދުއްވާލާފައިވާ ކަހަލައެވެ.

"އައިރާ!..." ގަދަކަމުން ކަހަލަ ގޮތަކަށް އައިރާގެ ގާތަށް އައިސް ހުއްޓިލުމާއެކު ޝިމްލާ ގޮވާލިއެވެ. އޭނާއަށް އިތުރަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ޝިމްލާގެ ހިލަން ވުމާއެކު އައިރާ އޭނާގެ މޫނުގައި އަޅާފައިވާ ދެއަތުން ލޮލާއި ކޯތާފަތް ފުހެލިއެވެ. އަދި އަވަސް އަވަހަށް ޝިމްލާއަށް ނުފެންނާނޭހެން އެނދުގެ އަރިމަތީ ކަބަޑު މަތީ ބަހައްޓާފައި ހުރި ޓިޝޫ ފޮށިން ދެތިން ޓިޝޫ ދަމައިގަތުމާއެކު މޫނުގައި ހާކަން ފެށިއެވެ. ރުއިން ހުއްޓާލަން އޭނާ މަސައްކަތް ކުރި ނަމަވެސް ގިސްލެވިފައި ހުރިލެއް ބޮޑުކަމުން ނަފްސު ހަމައަކަށް އަޅުވަން އުނދަގޫވިއެވެ. އަވަސް ފިޔަވަޅުގައި އައިރާ އައިސް ވަނީ ފާޚާނާއަށެވެ. ތިން ހަތަރު ފަހަރަށް މޫނު ދޮވުނެވެ. މޭގައިވީ ހިތް މަސަލަސް ކުރެވުނީ ދެނެވެ. ރީތިކޮށް މޫނު ސާފުކޮށްލުމާއެކު ފާޚާނާއިން އައިރާ ނުކުމެގެން އައިސް ރީތިވާ މޭޒު ދޮށުގައި ހުއްޓިލާ މޫނުގައި ފުށްޖަހާލި އެވެ. ލޮލުގެ ކައިރިއަށް ވެރިވެފައިވާ ރަތްކަން ފޮރުވާލުމަށް ޓަކައި ކަޅުކުލައިގެ އަނދުން ފަންސޫރު ރަވާގައި ހަކާލިއެވެ. ހިކެމުންދިޔަ ދެ ތުންފަތް ތެތްމާލުމަށް ލިޕްބާމެއް ބޭނުންކޮށްލި އެވެ. ޝިމްލާއާ އައިރާ ކުރިމަތިލީ ދެނެވެ. އޯގާތެރިކަމާއެކު އައިރާގެ ކޯތާފަތުގައި ޝިމްލާގެ ކަނާއަތް ޖައްސާލުމާއެކު މަޢުނަވީ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"ލިޒީމެން އެބަތިބި އައިސް" މަޑުމައިތިރިކަމާއެކު ޝިމްލާ ބުނެލިއެވެ. އެއާއެކު އައިރާ ބޯޖަހާލާފައި ކުރިއަށް ހިނގައިގަތީ ލިޒީއާ ބައްދަލުކުރުމަށެވެ. އައިރާގެ ހަރަކާތްތަކަށް ބަލަމުން އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ޝިމްލާ އައެވެ.

* * * *

ކައިވެނީގެ ފޯމު ފުރުމަށް ޓަކައި ޤައިސްއާއި އޭނާގެ އެންމެ ގާތް އެކުވެރިއެއް ކަމުގައިވާ ވަޖީހުގެ އިތުރުން ކޯޓުގެ އިސް ދެމީހަކާއެކު ރުބީނާ އުޅޭ ގެއަށް އައެވެ. ސިޑިން އަރައިގެން އައިސް ރުބީނާ އުޅޭ އެޕާޓްމެންޓަށް މަޑުކޮށްލި ވަގުތު ސިޑީގެ ހަރުފަތްތަކުން މަތިން ތިރިއަށް ބަޔަކު ފައިބާ ތަން ފެނި އެއްފަރާތަށް ޤައިސްމެން ޖެހިލި އެވެ. އެމީހުން ތިރިއަށް ދާން ފެށުމުން ޤައިސް އަވަހަށް ރުބީނާގެ އެޕާޓްމެންޓުގެ ރަނގަބީލަށް އޮބާލި އެވެ. އެއާއެކު ގިނައިރެއް ނުވެ ދޮރު ހުޅުވީ ރުބީނާއެވެ.

ޤައިސް އަންނަކަން ރުބީނާއަށް އޮތީ ކުރީން އެނގިފައެވެ. އެ ބައިގައި އޭރު ރުބީނާގެ ދެ އެކުވެރިން ސަލްމާއާއި ހިދާ ވެސް ތިއްބެވެ. މެންދުރުގެ ވަގުތަށް ވެފައި ސުފުރާމަތި ފެންނަނީ އެހެން ދުވަސް ދުވަހަށްވުރެ މާ ބޮޑަށް ވެސް މުއްސަނދިކޮށެވެ. ސިޓިންރޫމާ ބަދިގެ އެއްކޮށް ހުރުމުގެ ސަބަބުން ގޭތެރޭގައި ވެސް ކާއެއްޗެހީގެ މީރު ވަސް ހަރުލާފައި ހުއްޓެވެ.

ސޯފާގައި ޤައިސްއާއި އޭނާއާއެކު އައި އެންމެން ހަމަޖެހިލުމާއެކު ތަބަކެއްގައި ފިނި ބުއިމެއް އަޅާފައި ހުރި ތަށިތައް އަތުރައިގެން ހިދާ އައިސް ސޯފާތަކުގެ މެދަށް ވާގޮތަށް ހުރި ބިއްލޫރި ކުޑަމޭޒުގެ މަތީ ބެހެއްޓިއެވެ. އަދި ފަހަރަކު މީހަކަށް އެ އިން ތަށްޓެއް ދިއްކުރަމުން ދިޔައެވެ. މަސައްކަތް ފެށީ ކޮންމެ މީހަކު ވެސް ހޫނުވެފައިވާ ސިކުނޑި އަތުގައިވާ ތަށިން އެތިފޮދެއް ބޯލާ ފިނިކަން އިހުސާސް ކޮށްލުމަށްފަހު އެވެ. ކޯޓުން އައިސް ތިބި ދެ މީހުން ކައިވެނި ފޯމު ފުރަން ފެށިއެވެ. އޭރު އެތަނަށް މައުރީން ވެސް އަތުވެއްޖެ އެވެ. އެއްފަރާތުގައި ސަލްމާއާއި ހިދާގެ ގާތުގައި އެކުއްޖާ މަޑުކޮށްލައިގެން ހުއްޓެވެ. ރުބީނާ އިނީ ޤައިސްގެ ގާތުގައި ސޯފާގަ އެވެ. ފަރިވެލައިގެން އިން އިރު އޭނާގެ ރީތިކަން އިތުރުވެފައިވެއެވެ. މޫނުމަތީގައިވާ ހިނިތުންވުމާއި ދޭތެރެއަކުން ޤައިސްއާ ބަދަލުކޮށްލާ ކަތި ނަޒަރުތަކުން އޭނާއެކޭ ދަރިފުޅު މަރުވިތާ ސާޅީސް ދުވަސް ވެސް ނުވާ މައެއް ކަމަކަށް އެކަކުވެސް ހީއެއް ނުކުރާނެ އެވެ. ދަރިފުޅު ވަކިވެ ދިއުމުގެ މަޑުމޮޅިކަމެއް އޭނާގެ ނުވެއެވެ.

"ކައިވެނީގެ ރަން ކިޔަންވީ ވަގުތުމީ" ކޯޓުން އައިސް ތިބި ދެ މީހުން ކުރެ ފޯމު ފުރަމުން ދިޔަ މީހާ އިސްއުފުލާލި ވަގުތު އޭނާ ފުރަމުން ދިޔަ ފޯމަށް ބަލަން އިން ސަލްމާގެ ފިރިމީހާ ވަޖީހު އަވަހަށް އަހާލިއެވެ. އެހިނދު ޤައިސް އޭނާގެ ވާން އުޅޭ އަނބިމީހާއަށް ބަލާލިއެވެ.

ސަލްމާއާއި ހިދާ އަވަހަށް ރުބީނާއާ ގާތަށް ޖެހިލާ ސިއްރު ވާހަކަތަކެއް ދެއްކިއެވެ. އެއާއެކު ދެން ފެނުނީ ރުބީނާ ލަދުރަކި ގޮތަކަށް ހީނލިތަނެވެ. އަދި ސަލްމާގެ އަތުގައި ޖަހާލާފައި ދެފަރާތަށް ބޯހޫރާލިއެވެ.

"ބުނޭ ރޫބީ... އިރާދަކުރެއްވިއްޔާ ރޫބީގެ ރަން ރޫބީއާ ހަވާލު ކުރާނަން" ޔަގީންކަމާއެކު ޤައިސް ބުނެލިއެވެ. ފުން ނޭވާއެއް ލުމާއެކު ރުބީނާގެ ކައިވެނީގެ ރަނަކަށް ފަސްދޮޅަސް ހަ ހާސް ހަ ސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ ކިޔައިފިއެވެ. އެހިނދު ސަލްމާއާއި ހިދާގެ މޫނުމަތިން ލާނެތް ހިނިތުންވުމެއް ފާޅުވެގެން ދިޔައެވެ. ފޯމު ފުރަން އިން މީހާއަށް ހިނިއައިސްފައި އިން ޤައިސް ބަލާލުމާއެކު ބޯޖަހާލީ ރުބީނާ އެ ބުނި އަދަދު ރަނުގެ ގޮތުގައި ލިޔާށޭ ބުނާ ފަދައިންނެވެ. ވަޖީހު ވެސް އިނީ ޒާތެއްގެ ހިންޏެއް އައިސްފައެވެ. ކައިވެނީގެ ރަނާއެކު ފޯމު ފުރުމުގެ ހުރިހާ ކަމެއް ނިމިގެން ހިނގައްޖެއެވެ.

* * * *

ލިޒީއާއި މިރާން ދެމަފިރިންގެ ގޮތުގައި ކޯޓުން ނުކުންއިރު އެ ދެމަފިރިންނަށް ޓަކައި އައިރާ ހެޔޮ ދުޢާ ކުރިއެވެ. އަމިއްލަ ދިރިއުޅުމަށް އެޅިފައިވާ ފަދަ ކަޅުހިޔަންޏެއް އެ ދެމަފިރިންގެ މައްޗަށް މިންވަރު ނުކުރެއްވުން އެދި އައިރާ ދުޢާ ކުރިއެވެ. އެންމެ ގާތް އެކުވެރިޔާއަށް ޓަކައި ހިނިތުންވެލައިގެން އައިރާ ހުއްޓެވެ. ލިޒީއަށް ލިބިފައިވާ އުފާވެރިކަން ފާޅުކުރަން އޭނާ ޖެހިލުންވެފައި ހުރީ އައިރާގެ ހާލާމެދު އޭނާ ހަމްދަރުދީވާތީ އެވެ. އެކަން ވެސް އައިރާ ދެނެގަތެވެ. އިސްވެ ކުރިއަށް ފިޔަވަޅު އަޅާ ހޫނު މަރުޚަބާއާއެކު ލިޒީގެ ގައިގާ އައިރާ ބައްދާލިއެވެ.

"މާދަން ނޫން އަނެއް ދުވަހު ރަށަށް ދާން ފުރަން. އޭގެ ކުރިން އަހަރުމެންނާއެކު ކެއުމެއްގައި އައިރާ ބައިވެރިވާންވާނެ. އެހެންނޫނީ ކައިވެނީގެ ސައި ހޯދަން އައިރާ މުޅި އުމުރު ދުވަހަކު ވެސް ކިޔާނެ" ނިކަން ހިނި އައިސްފައި ހުރެ މިރާން ބުނެލިއެވެ. އޭނާއަކީ ބަސްމަދު މަޑުމައިތިރިކޮށް ވާހަކަދައްކާ ޒުވާނެކެވެ. އެހެންވެ މަޖަލަކަށް އެއްޗެއް ބުންޏަސް ބައެއްފަހަރު ހީވާނީ ސީރިއަސް ވެލާފައި ބުނެލާހެނެވެ.

"އެއީ ތެދެއް... އައިރާ ގޮވައިގެން ޑިނާއަށް ދިއުން އަދި އޮތީ" މިރާންއާ އެއްބައިވެލަމުން ލިޒީ ބުންޏެވެ.

ލިޒީގެ ކައިވެނީގައި އަމީރުގެ ދެމަފިރިންނާއި އޭނާ ދަރިފުޅު ވެސް ބައިވެރި ވިއެވެ. ކޯޓުން ނުކުމެ އިރު ކޮޅަކު ބޭރުގައި މަޑުކޮށްލުމަށްފަހު ލިޒީއާއި މިރާން އެމީހުންގެ ޢާއިލާއާއެކު ޓެކްސީއެއްގައި އެމީހުން ތިބޭ ގެސްޓު ހައުސްއަށް ދިއުމަށް ދިޔައެވެ. އަމީރު ވެސް ޓެކްސީއެއް ހޯދާ ޝިމްލާއާއި އައިރާ އެ އަށްލާފައި ގެއަށް ފޮނުވާލިއެވެ. އަދި އޭނާ ގެއަށް އައީ ދަރިފުޅު ގޮވައިގެން ސައިކަލުގައެވެ.

"އަމީރު! ދުށީންތަ ރުބީނާމެން ބަޔަށް އައިސް ތިބި މީހުން؟" ކޮޓަރީގައި ހުރެ އަމީރު ބޭލި ގަމީސް ކޮނޑެއްގައި އަޅުވަމުން ޝިމްލާ އަހާލިއެވެ. އޭރު ހެދުން އަޅުވާ ހަރުން ގޭގައި ލާ އުޅޭ ޓީޝާޓެއް އަމީރު ނަގަނީއެވެ.

"ފެނުނު... އެއީ އާދައިގެ ބައެއްނޫން... އެތަނުން އެކަކު ޔަގީންނުން ވެސް ނޯޅޭނެ. ޝިމްލާއަށް ވެސް އޭނާ އެނގޭނެ. އަހަރުމެން ނޫން އެތައް ބަޔަކު އޭނާ ދަންނާނެ" އަމީރު ބުނެލީ ދެކެވެމުންދިޔަ ވާހަކައާ ގަޔާނުވެ ހުރެއެވެ.

"އަހަންނަށް ވެސް ދަންނަވައްތަރު ޖަހައިގެންނޭ މި އަހާލީ. އެކަމަކު ހަނދާނެއްނުވޭ ކޮންތާކުންކަމެއް ފެންނަނީ؟ އެއީ ކާކުތަ؟" ޝިމްލާ އިތުރަށް އޮޅުން ފިލުވަން މަސައްކަތް ކުރިއެވެ.

"އެއީ ރާއްޖޭގެ މަހުޖަނުން... މަޝްހޫރު ޤައިސް އެކަކަށް ހުރީ. މިގޭ ތެރޭގައި ވެސް އުޅުނު އޭނާގެ ފޮޓޯ ޖަހާފައި އޮތް މަޖައްލާއެއް... އެކަމަކު އޭނާ ރުބީނާގެ ބަޔަށް އަންނަން ޖެހުނު ގޮތެއް ނޭނގެނީ... މިފަހަރު ކޮންކަހަލަ ކުޅިވަރެއް ކުޅޭންކަމެއް ނޭނގޭ އޭނާ އެ އުޅެނީ" އަމީރުގެ މޫނުމަތިން ފޫހިކަން ފާޅުވޭވޭ ހުއްޓެވެ. (ނުނިމޭ)