ދުނިޔެ

މިސްރުން އަނެއްކާވެސް ޣައްޒާ ބޯޑަރު ބަންދުކޮށްފި

އިޒްރޭލާއި މިސްރުން ހިސާރުކޮށްފައިވާ ފަލަސްތީނުގެ ޣައްޒާއާ މިސްރުގެ ރަފަހު ގުޅޭ ސަރަަހައްދީ ރޮނގު ހުރަސްކުރާ މަގު، ހަމަ އެކަނި ޣައްޒާއާ ވީކޮޅަށް ދަތުރުކުރެވޭ ގޮތަށް ހުޅުވައިލުމަށް ފަހު މިސްރުން އެ މަގު އަނެއްކާވެސް ބަންދުކޮށްފި އެވެ.

އެއްގޮތަކަށް ވެސް ނުހުޅުވާ އޮންނަތާ 55 ދުވަހަށް ފަހު މިސްރުން ރަފަހް ބޯޑަރު ވަގުތީ ގޮތުން ހުޅުވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރުން ބުނީ ބޯޑަރު ހުޅުވާލާފައި އޮތް ހަތަރު ދުވަސް ތެރޭގައި މިސްރުގައި ތިބި ޣައްޒާގެ ރައްޔިތުންގެ ތެރެއިން 3086 މީހަކު ޣައްޒާއަށް އެނބުރި އައި ކަމަށެވެ.

ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުން އެ ރަށުގަައި ހިންގާ އިންޓީރިއާ މިނިސްޓްރީގެ ކްރޮސިންގް އެންޑް ބޯޑާ އޮތޯރިޓީއާ ހަވާލާދީ ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރުން ބުނީ ބޯޑަރު ހުޅުވައިލީ ޣައްޒާއަށް ނުދެވި މިސްރުގައި ތާށިވެފައި ތިބި މީހުން ދަތުރު ކުރުމަށް ކަމަށެވެ. ޣައްޒާ އިންޓީރިއާ މިނިސްޓްރީން ބުނެފައި ވަނީ ޣައްޒާއިން ބޭރަށް ދަތުރު ކުރަން ނަން ނޯޓް ކޮށްގެން އެރަށުގެ 20000 މީހުން އެބަތިބި ކަމަށެވެ.

ޣައްޒާއިން ބޭރަށް ދާން ނަންނޯޓްކުރި ނަމަވެސް މިސްރުން ފުރުސަތު ނުދީގެން ދަތުރު ނުކުރެވިފައި ތިބި ޣައްޒާ މީހުންނަކީ ބަލި މީހުންނާއި އެހެން ގައުމުތަކުގައި ކިޔަވާ ދަރިވަރުންނާއި އެހެން ގައުމުތަކުގެ ޕާސްޕޯޓާއި ދިރިއުޅުމުގެ ހުއްދަ އޮންނަ މީހުންނެވެ.

މިސްރު ސަރުކާރުން ރަފަހް ބޯޑަރު މުޅިން ބަންދުކޮށްލީ 2013 ވަނަ އަހަރުއެވެ. އޭގެ ފަހުން އެ ސަރަހައްދު ހުޅުވަނީ ހާއްސަ ހާލަތްތަކުގަ އެވެ.