ދުނިޔެ

އިންޑިއާގައި ފާރެއް ވެއްޓިގެން 23 މީހުން މަރުވެއްޖެ

May 11, 2017
1

ކައިވެނީގެ ވަލީމާ ބާއްވާ މާލަމެއްގެ ފާރެއް ވެއްޓުމުގެ ސަބަބުން އިންޑިއާގައި 23 މީހުން މަރުވެއްޖެ އެވެ.

އިންޑިއާގެ އިރުމަތީގައިވާ ރާޖަސްތާން ސްޓޭޓްގެ ބާރަތުޕޫރު ޑިސްޓްރިކްޓްގައި ރޭ ހިނގި އެ ހާދިސާގައި މަރު މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިެމެނޭ ކަމަށް ދަ ހިންދޫ ނޫހުން ބުންޏެވެ. އެނޫހުން ބުނީ ހާދިސާގައި މަރުވި މީހުންގެ އިތުރުން 27 މީހަކު ޒަހަމް ވެސްވި ކަމަށެވެ.

އުސްމިނުގައި 12 ފޫޓް ދިގުމިނުގައި 90 ފުޓް ހުރި ފާރު ވެއްޓުނީ އެ ސަރަހައްދަށް އައި ވަރުގަދަ ކޮޅިގަނޑެއްގަ އެވެ. އިންޑިއާ ފުލުހުންގެ އިންސްޕެކްޓާ ޖެނެރަލެއް ކަމަށްވާ އަލޯކް ވަޝީތާ ދަ ހިންދޫ ނޫހަށް ވިދާޅުވެފައި ވަނީ ފާރުވެއްޓުނީ ކޮޅިގަނޑު އައުމުން ހިޔާވާން ވެގެން މީހުން ފާރުގެ ކައިރިއަށް ޖަމާވެފައި ވަނިކޮށް ކަމަށެވެ. ފާރުވެއްޓުމާއި އެކު ވަގުތުން 22 މީހުން މަރުވި ކަމަށާއި ޒަހަމްވީ މީހުންގެ ތެރެއިން އެކަކު ފަހުން މަރުވުމުން މަރުވިމީހުންގެ އަދަދު 23 އަށް އެރީ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ހާދިސާގައި ޒަހަމްވީ މީހުންނަށް އެސަަރަހައްދުގެ ހޮސްޕިޓަލްތަކުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.

އެ ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވަނީ ސޯޝަލް މީޑިއާ ޓްވިޓާ މެދުވެރިކޮށް ހިތާމަ ފާޅު ކުރައްވާފަ އެވެ.